އެމީހާގެ ވާހަކަ ފެށުމުގެ ކުރިން ބަހެއް ބުނެލާނަމެވެ. ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަސްވެސް އެއީ ތިމާއަށް އެކަނި ކުރިމަތިވާ ކަމެއް ނޫންކަން ޤަބޫލުކުރާށެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބައަކު ދިރިއުޅެމުން އަންނަނީ ހިތްދަތިކަމާއިއެކުގައިކަން ޔަޤީންކުރާށެވެ! އަދި އަމިއްލަ ނަފްސަށް ބުނާށެވެ! އެއެންމެންވެސް ޢާންމު ދިރުއުޅުމެއްގައި އުޅެމުން އެއަންނަނީ ހަމަ ހިތްދަތިކަމާއިއެކުގައެވެ. ވީމާ އަހުރެންނަކީ އަމާންދީ ފިނޑިވާނެ މީހަކަށް ނުވާނަމެވެ.
މިވިސްނުމުގައި ހުންނަ މީހަކަށް ހިތްވަރު ލިބޭނެތެވެ. އިން ޝާ ﷲ
އެމީހާގެ ވާހަކަ-:
ކަންބޮޑުވުންތަކާއި ދުރުވެ ސަލާމަތްވެގެން ހުންނަން ބޭނުންވިނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކަންބޮޑުވުންތައް އަބަދުވެސް ދާނީ ކުރިމަތިވަމުންނެވެ. އެހެންވެ އަހުރެންނަށްވެސް ކަންބޯދުވުންތައް ކުރިމަތިވާ ދުވަސްތައް މަދެއް ނޫނެވެ.
އެފަދަ ޙާލަތުގައި އުޅެންޖެހިފައިވާ ދުވަސްދުވަހު ނިދައި ހޭލެވުމުން ކަންބޮޑުވުންތައް އައިސް އަހުރެންގެ ވަށައިލައެވެ. އެވަޤުތު އެނދުގައި އިށީނދެލައި އަހުރެން ހިތަށް އަރުވަމެވެ. "އެކަކު އަހުރެންދެކެ ލޯބިނުވިޔަސް ﷲ އަހުރެންދެކެ ލޯބިވެވޮޑިގެންވެއެވެ. ހުރިހާ ކަންބޮޑުވުންތަކަކުން އެކަލާނގެ އަހުރެން ސަލާމަތް ކުރައްވަވާނެތެވެ."
ދެންވެސް ކަންބޮޑުވުންތައް ދުރަކަށް ނުދެއެވެ. ވަސްވާސްދެނީ އެނދުން ނުތެދުވެ އޮށޯވެ އޮތުމަށެވެ. އަހުރެން ބުނަމެވެ. "އޮށޯވެ އޮތިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ﷲ ތަޢާލާ އަހުރެންނަށް އެހީތެރިވެވޮޑިގަތުމުން ކަންބޮޑުވުންތަކަށް ޖެހޭނީ އަހުރެން ދޫކޮށްލާފައި ދުރަށްދާށެވެ!"
އެހިސާބުން އެނދުން ތެދުވަމެވެ. ފާޚާނާއަށް ވަދެ ފެންވަރައި ވުޟޫކޮށްލަމެވެ. ނުކުމެ އެންމެ ގަދައަށް ރީތިވެލައި 2 ރަކްޢަތް ނަމާދެއްކޮށް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވާލައި ދުޢާކޮށްލަމެވެ. އެއަށްފަހު މުސައްލަމަތިން ތެދުވެ މުސައްލަ ނަގާއިރު ހުންނަނީ ވަރަށް ވަރުގަދަ ހިތްވަރެއް ލިބިފައެވެ.
އަހުރެން ކޮންމެ ރެއަކުވެސް ފަތިސްނަމާދުކުރަމެވެ. އަރާމުކޮށްލަން އޮށޯވެލަނީ ފަތިސްނަމާދުކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުވަސް ފެށުމަށްފަހުގައެވެ. ހެނދުނު ހޭލައި 2 ރަކްޢަތް ނަމާދެއްކުރާވާހަކަ މިބުނީ ފަތިސްނަމާދުކޮށްގެން ނިދާތީއެވެ.
ހާސްވެ، ހިތްދަތިވާންޖެހޭ ޙާލަތުގައި ނިކަން މިމަގުން ދުވަސް ފަށައިބަލާށެވެ! އެކަށީގެންވާ ބޮޑު ބަދަލެއް އިޙްޞާޞްކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން