ކައިވެނި ކާމިޔާބުކުރެވޭނީ އަނެކާގެ ކިބައިގަ ތިމާ ނުރުހޭ ސިފަތަކެއް ހުންނާނެކަން ޤަބޫލުކޮށްގެން ކައިވެނިކުރީމަ! ނޫންނަމަ ހުންނަން ޖެހޭނީ ކައިވެނި ނުކޮށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކައިވެނި ކާމިޔާބުކުރެވޭނީ އަނެކާގެ ކިބައިގަ ތިމާ ނުރުހޭ ސިފަތަކެއް ހުންނާނެކަން ޤަބޫލުކޮށްގެން ކައިވެނިކުރީމަ! ނޫންނަމަ ހުންނަން ޖެހޭނީ ކައިވެނި ނުކޮށް!

ފުރަތަމަ ކަމަކަށް އަމިއްލަ ޢާއިލާއަށް ބަލާށެވެ! ދެވަނަ ކަމަކަށް ތިމާދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނަށް ބަލާށެވެ! އެއިން ކޮންމެ މީހެއްގެ ކިބައިގައިވެސް ތިބާއަށް ކަމުނުދާ ސިފަތައް ހުންނާނެއެވެ. އެހެންވެ އެމީހަކާއި ދުރުހެލިވާންވެއްޖެނަމަ ގުޅުން ބާއްވައިގެން އުޅެވޭނެ މީހަކު ހާދަ މަދުވާނެއެވެ.  

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ތަފާތު ސިފަތަކެއް ހުންނާނެއެވެ. އެއިގެ ތެރޭގައި އެހެން މީހުްނަށް ކަމުދާ ސިފަތަކާއި ކަމުނުދާ ސިފަތަކެއްވެސް ހުންނާނެއެވެ. މިއީ ވަކި މީހަކަށް ޚާއްބަ ކަމެއް ނޫނެވެ. އެންމެންނަށް ޢާންމު ކަމެކެވެ.  

ވީމާ ކައިވެނިކުރަން ބަލާއިރު އެމީހެއްގެ ކިބައިގައި ހުންނަ ހުރިހާ ސިފަތަކަކީ ތިމާއަށް ކަމުދާ ސިފަތައް ކަމުގައި ހަދަން އިސްކަން ދީފިނަމަ އެފަދަ މީހަކާއި ދުވަހަކުވެސް ބައްދަލުނުވެދާނެއެވެ. ގާތީވެސް ބައްދަލު ނުވުމެވެ.  

ކައިވެނިކުރަންވީ އަނެކާގެ ކިބައިގައި ތިމާ ނުރުހޭ ސިފަތަކެއްވެސް ހުންނާނެކަން ޤަބޫލުކޮށްގެންނެވެ. ކައިވެނިކުރުމަށްފަހު މަޑުމަތިރިކަމާއި އަދި ކެތްތެރިކަމާއިއެކު މަސައްކަތް ކުރެވިއްޖެނަމަ މިބުނި ފަދަ ސިފަތައް ކޮންމެވެސް މިންވަރަކަށް އިޞްލާޙްކުރެވޭނެއެވެ. ނަމަވެސް އެކުގައި ނައްތުވައިލެވޭނެ ކަމަށް ބަލައިގެންވެސް ނުވާނެއެވެ.  

ބައިވެރިޔާގެ ކިބައިން ބަލަންވީ (1) ތަޤްވާވެރިކަމަށާއި (2) ރިވެތި އަޚްލާޤަށެވެ. މިދެކަންތައް އެމީހެއްގެ ކިބައިގައި ހުރިނަމަ ދެން ހުންނަ ކަންކަމަށް ކަންބޮޑުނުވާށެވެ! އެކަންކަމަށް އަޅައިވެސް ނުލާށެވެ! ކުރިން މިބުނިފަދައިން ކޮންމެ މީހެއްގެ ކިބައިގައިވެސް ވަރަށް ތަފާތު ސިފަތަކެއް ހުންނާނެއެވެ. ތިމާ އެދޭ ހުރިހާ ސިފަތައް ފުރިހަމަ ހަމައެކަކުވެސް ނުލިބޭނެއެވެ.  

އެކަން ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާ މީހާގެ ދިރުއުޅުން އަބަދުވެސް ދާނީ ކުރިއަރަމުންނެވެ. ކާމިޔާބުވަމުންނެވެ. އުފާވެރިވަމުންނެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން