ފާފައެއް ކުރެވިއްޖެކަމަށް ޤަބޫލުކުރެވުމާއިއެކު ތައުބާވުމަށް ކުރަން އެންމެ ފައިދާހުރި ދުޢާ ޤުރްއާނުން އެނގެން މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ފާފައެއް ކުރެވިއްޖެކަމަށް ޤަބޫލުކުރެވުމާއިއެކު ތައުބާވުމަށް ކުރަން އެންމެ ފައިދާހުރި ދުޢާ ޤުރްއާނުން އެނގެން މިއޮތީ!

ފާފަ ފުއްސަވައި ދެއްވެވުން އެދިގެން ކުރަން އެންމެ ފައިދާހުރި ދުޢާއަކަށް ގިނަ ބައަކު އެދެއެވެ. އެއީވެސް ވަރަށް ރަނގަޅު ކަމެކެވެ. އެކަމުން އެނގެނީ ފާފަކުރެވުމުން ދެރަވެ ތައުބާވާން ބޭނުންވާ މީހުން ގިނަކަމެވެ. 

ފާފަކުރެވޭނީ ވަކިމީހަކަށް ނޫނެވެ. އެއީ އެންމެންނަށްވެސް ކުރެވޭނެ ކަމެކެވެ. ހަމަ އެއާއިއެކު  ފާފަ ފުއްސަވައި ދެއްވެވުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ ފާފައެއް ކުރެވުމުން ނުވަތަ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ފާފަތައް ފުއްސަވައި ދެއްވެވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަންވީ ގޮތް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. ﷲ ތަޢާލާއެވެ. 

މިދުޢާއަކީ އާދަމްގެފާނުގެ ދެކަނބަލުންނަށް ފާފަކުރެވުނު ހިނދު އެ ބޮޑު ފާފ ފުއްސަވައިދެއްވެވުން އެދިވަޑައިގެން ﷲ ތަޢލާގެ ޙަޟްރަތުގައި ދެންނެވުމަށް ﷲ ތަޢާލާ އާދަމްގެފާނަށް އުނގަންނަވައި ދެއްވެވި ދުޢާއެވެ. ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި ގޮތަށް އާދަމްގެފާނު ވިދާޅުވީއެވެ. 

ވީމާ ިތަންމެ ގިނައިން ފާފަ ކުރެވިފައިވީނަމަވެސް ފާފ ފުއްސަވައި ދެއްވެވުން އެދި ދަންނަވަން މިއަށްވުރެ ފުރިހަމަ ދުޢާއެއް އޮތްކަމަކަށް އަދި އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ މިދުޢާއަކީ ސީދާ ﷲ ތަޢާލާ، އާދަމްގެފާނަށް އުނގަންނަވައިދެއްވެވި ދުޢާޢަކަށްވުމެވެ. އަދި ދުޢާކުރެއްވެވުމުން ފާފަ ފުއްސަވައިދެއްވެވި ކަމެވެ. 

رَبَّنَا ظَلَمۡنَاۤ اَنۡفُسَنَا وَاِنۡ لَّمۡ تَغۡفِرۡ لَـنَا وَتَرۡحَمۡنَا لَـنَكُوۡنَنَّ مِنَ الۡخٰسِرِيۡنَ‏ 

"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިނބަ ރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވަވައިފިނަމަ، އަޅަމެންވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." 

މިދުޢާގެ މާނައަށްބަލާއިރު ފުރަތަމަވެސް އިޢްތިރާފް މިވެވެނީ ތިމާއަށް ފާފައެއް ކުރެވިއްޖެކަމަށެވެ. ކުށެއް ކުރެވިއްޖެ ކަމަށެވެ. ދެން މިދަންނަވަނީ ފާފަފުއްސަވައި ދެއްވެވުމަށެވެ. އަދި ﷲ ތަޢާލާ ފާފަ ފުއްސަވައި ނުދެއްވަވައިފިނަމަ އެކަމުން ސަލާމަތްކޮށްދެވޭނޭ އެހެން ފަރާތެއް ނުވާކަމަށެވެ. އަދި ފާފަ ފުއްސަވައި ނުދެއްވަވައިފިނަމަ ތިމާ ވާނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ކަމަށެވެ. 

މިދުޢާގެ ވާހަކަ ދަރުސްތަކުގައި މީގެކުރިންވެސް އެތައް ފަހަރަކު ދައްކައިފީމެވެ. މިރޭވެސް މިދެއްކީ އެފަދަ ދުޢާއަކަށް ގިނަ ބައަކު ކޮންމެ ދުވަހަކުހެން އެދެމުންގެންދާތީ ހަނދުމަކޮށްލައިދިނުމުގެ ގޮތުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން