ކުރަން މަސައްކަތްކުރާ ކަމެއް ނުކުރެވި ތަކުރާރުކޮށް ފޭލްވާނަމަ އެކަންކުރުން ހުއްޓާލައި އެހެންކަމެއް ކުރަން ފަށާ އުޞޫލުން ކިތަންމެ ގިނަ ފަހަރަކު ފޭލްވިޔަސް ކުރުން ހުއްޓާލައިގެން ނުވާނެ ކަމެއް އެބަ އޮތެވެ. އެއީ ތައުބާވުމެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!
ތިބާ ހިނގާފައި ދަނީއެވެ. ވެއްޓުނީއެވެ. ތެދުވެ ހިނގައިގަތީއެވެ. އަނެއްކާވެސް ވެއްޓުނީއެވެ. ތެދުވެހިނގައިގަތީއެވެ. ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާވެސް ވެއްޓުނީއެވެ. އަނެއްކާވެސް ވެއްޓުނީއެވެ. ތަދުވެ ހިނގައިގަތީއެވެ.
ހިނގަހިނގަ ހުއްޓައި ބައްދަލުވި މީހަކު މިބުނަނީ ތިބާއަށް ނުހިނގޭކަމަށެވެ. ނުވެސް ހިނގޭނެ ކަމަށެވެ. ނިކަން ބުނެބަލާށެވެ! އޭނާ އެބުނި ބަސް ތިބާ ޤަބޫލުކުރާނަން ހެއްޔެވެ؟
ފާފަކުރެވުމުން ތައުބާވުމުގައިވެސް މެދުވެރިވަނީ މިފަދަ ގޮތެކެވެ. ތިބާއަށް ފާފައެއް ކުރެވުނީއެވެ. އެކަން ވިސްނުމުން ތައުބާވީއެވެ. ތައުބާވުމުން ﷲ ތަޢާލާ ތިބާގެ ފާފަ ފުއްސަވައި ދެއްވެވީއެވެ.
ބުނަންހެއްޔެވެ؟ އެއްފާފައެއް ކުރެވިގެން 10 ފަހަރު ތައުބާވާން ޖެހުނަސް ކަންބޮޑުނުވާށެވެ. އެއަށްވުރެ ގިނައިން ތައުބާވާންޖެހުނަސް ކަންބޮޑުނުވާށެވެ! ކިތަންމެ ގިނަފަހަރު ތައުބާވާންޖެހުނަސް ކަންބޮޑުނުވާށެވެ! ކިތަންމެ ގިނަ ފަހަރު ތައުބާވީނަމަވެސް ﷲ ތަޢާލާ އެމިހާގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
ތިބާ ތައުބާވުމުން ﷲ ތަޢާލާ ތިބާގެ ފާފަ ފުއްސަވައިދެއްވަވާނެކަން އެއީ ޔަޤީންކުރަންޖެހޭ ކަމަކަށްވާއިރު ފާފަފުއްސަވައި ދެއްވަވާފައިވަނިކޮށް އެނޫންގޮތަކަށް ޤަބޫލުކުރަން ހެޔޮވެސް ނުވާނެ ނޫންހެއްޔެވެ؟ އެކަމަކު ޝައިޠޯނާ ތިބާގެ ގާތުގައި ތިބާގެ ފާފަ ފުއްސަވައި ނުދެއްވަވާ ކަމަށާއި ނުދެއްވަވާނެ ކަމަށް ބުނުމުން ޤަބޫލުކުރެވޭނަމަ އެވަނީ ފުރަތަމަ ދެއްކި މިސާލުގައިވާ ގޮތެވެ. ހިނގަމުން ކުރިއަށް ދަނިކޮށް ނުހިނގޭ ކަމަށް ބުނުމުން އެވާހަކަ ޤަބޫލުކޮށްފިނަމަ ވާނެ ގޮތެވެ.
ތައުބާވުމުން ފާފަ ފުއްސަވައިދެއްވެވިކަން އެއީ ތިމާއަށް ހިނގާފައި ކުރިއަށްދެވޭތަން ފެންނާތީ ޔަޤީންކުރެވޭ ފަދައިން ޔަޤީންކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ ތައުބާވުމުން ފާފަފުއްސަވައިދެއްވަވާނެކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް ވަރަކަށް ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ.
އެކި ގޮތްގޮތަސް މިޘާލުތައް ދައްކައިގެންވެސް މިކަން ވިސްނައިދޭން މަސައްކަތްމިކުރަނީ މިވަރަށް ކިޔައިދޭއިރުވެސް ކުރެވުނު ފާފަތައް ފުއްސަވައި ނުދެއްވަވާކަމަށް ހީކޮށް ޝައްކުކުރެވި ގިނަ ބައަކު މާޔޫސްވާތީއެވެ. "އެވެނިފާފައެއް ކުރެވިއްޖެ! މިވެނި ފާފައެއް ކުރެވިއްޖެ! ތައުބާ ވެއްޖައިން! އަހުރެންގެ ފާފަ ފުއްސަވައިދެއްވަވާނެތަ؟" ފަދަ ސުވާލުތައް ލިބޭލެއް ގިނަކަމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން