ގިނަ ދެމަފިރިން ދިރިއުޅެން ފަށަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ދިރިއުޅުން ކުރިއަރަމުން ގޮސް ތަނަވަސްކަން ލިބުނީމާ ގިނައީ އަނބިމީހާ ކަމުނުގޮސްގެން ތަޢުލީމީ، ރީތި، ޒުވާން އަނަހެންކުދިންނާއި ގުޅެން ބޭނުންވާ މީހުން ކަމަށް ބުނުމަކީ ބުނެވޭ ކުށްބަހަކަށް ނުވާނެއެވެ. ނަމަވެސް އެކަންކުރާ މީޙުންނަށް އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ.
އަހުރެން ދަންނަ ދެމަފިރިއެއްގެ ވާހަކަ ކިޔައިލަދޭނަމެވެ. ވަރަށް ފަޤީރު ޙާލުގައި އުޅެ، މަސައްކަތްކުރަމުން ގޮސް ތަނަވަސްކަން ލިބުނީމާ ފިރިމީހާ އަމިއްލަ އޮފީހެއް ހުޅުވިއެވެ. ފިރިމީހާ އޮފީހަށް މަސައްކަތުދާންޖެހެނީ ތަންކޮޅެއް ދުރަށެވެ. އެެހންވެ ބޭނުންވީ މެންދުރުގެ ކެއުން ތަށިބަރިއެއްގައި ގެންދާށެވެ. ނަމަވެސް އަނބިީހާ އެކަމަކަށް ނުރުހުނެވެ. ބޭނުންވީ ތާޒާކޮށް ގެންގޮސްދޭށެވެ. ފިރިމީހާ އެކަން ޤަބޫލުކުރިއެވެ.
އެއް ދުވަހު ކާއެއްޗެތި ހިފައިގެން އަނބިމީހާއަށް ދެވުނީ ފިރިމީހާ ބައްދަލުވުމެއްގައި އިންދައެވެ. ބައްދަލުވުމުގައި ތިބި މީހުންނަށް އަނބިމީހާ ފެނުމުން ޙައިރާންވިއެވެ. ލައިގެންހުރީ ވަރަށް އާދައިގެ ހެދުމެކެވެ. ހުރީ މޭކަޕްވެސް ނުކޮށެވެ.
ކާއެއްޗެތި ބަހައްޓާފައި ނުކުންނަން އުޅުމުން ފިރިމީހާ ބުނީ ސޯފާގައި މަޑުކޮށްލުމަށެވެ. އައިސް ތިބި މީހުން ނަޞީޙަތްދޭން ފެށީ ތަނަވަސްކަން ލިބުނީމާ ގެންގުޅެންޖެހޭނީ ރީތި، ޒުވާން އަނބިން ކަމަށާއި ދޭތެރެދޭތެރެއިން އަނބިން ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އޭނާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "މިވިޔަފާރި އަހުރެންނަށް ވަރަށް މުހިންމެވެ. އެކަމަކު ކަލޭމެންފަދަ ބައަކާއިއެކު އެއްވެސް ވިޔަފާރިއެއް ކުރާކަށް ބޭނުމެއް ނޫނެވެ. އަހުރެންގެ އަނބިމީހާއަކީ އަހުރެންނަށް ބޮޑު ރަންގަނޑެކެވެ. އަހުރެންނަށް މިހިސާބަށް މިއައުދެވުނީ ދަތިޙާލުގައި އަހުރެންނާއިއެކު އޭނާ ކެތްތެރިވީތީއެވެ. އޭނާއަށް ދެރަވާނެ އެއްވެސް ކަމެއް އަހުރެން ނުކުރާނަމެވެ. ވީމާ މިހިސާބުން ބައްދަލުވުން ނިމުނީއެވެ."
އެމީހުން ނުކުމެގެން ދިއުމުން އަނބިމީހާއަށް ބުނެވުނީ އަހުރެންނާއިހުރެ މިއަދު ތިއަ ގެއްލުނީ ރަނގަޅު ވިޔަފާރިއަކަށްވީމާ ވަރަށް ދެރަވެއްޖައިމެވެ. ފިރިމީހާ ބުނީ އެކަން އެގޮތަށްކުރީ އެމިޡާޖުގެ ބައަކާއި ގުޅިގެން ކަމެއްކުރަން އުޅުނަސް ލިބޭނެ ދެރަ މާބޮޑުވާނެތީ ކަމަށެވެ.
ކުރުކޮށްލާނަމެވެ. އެކަމަކު އެފިރިމީހާ މިއަދުހުރި ހިސާބު ބުނެލާނަމެވެ. އޭނާގެ ކުންފުންޏަކީ އެސްޓޭޓްގެ އެންމެ ކާމިޔާބު އެއް ކޮންސްޓްރަކްޝަން ކުންފުންޏެވެ. ހިންގަނީ އެތައް މިލިއަން ޑޮލަރުގެ ބޮޑެތި މަޝްރޫޢުތަކެވެ.
ވީމާ އަހުރެން ބުނާނީ ކޮންމެ ފަންނަކުން ނުވަތަ ކޮންމެ ދާއިރާއަކުން ނަމަވެސް ކުރިއަރައިދާން ބޭނުންވާނަމަ ތިމާ ނިކަމެތި ޙާލުގައި ހުރި ދުވަހު ތިމާއާއިއެކުގައި ޘާބިތުވެ ހުރި އަނބިމީހާގެ އަގުވަޒަންކުރާށެވެ! އެއަނބިމީހާގެ ހިތުގައި ޖައްސައި ނިކަމެތިނުކުރާށެވެ! ކުރިއެރުން ލިބުނީ ތިބާގެ މަސައްކަތަށް ނަމަވެސް އެރަޙްމަތް ލެއްވެވީ އަނބިމީހާއަށްޓަކައި ނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން