ބައެއް މީހުން އެމީހުން ބޭނުންވާ ވަޒީފާ ނުލިބުމުން އެފަދަ ވަޒީފާއެއް ލިބެންދެންވެސް ކޮންމެ ވަޒީފާއެއް ހޯދައެވެ. އެކަމަށް މަގުފަހިވުމުން އިސްތިޢުފާދީ އެވަޒީފާއަށް ބަދަލުވެއެވެ. އެކަމުގައި އޭނާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ނަމަވެސް ތިމާއަށް ރަނގަޅު ގޮތެއް ފެންނަންދެން އެކުގައި އުޅެން ކައިވެނިކުރުމާއި ރަނގަޅު ގޮތެއް ފެނުމުން ކައިވެނި ރޫޅައިލުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ވީމާ މިއީ ވަރަށް ތަފާތު ދެކަމެކެވެ.
އަހުރެންގެ ހަނދާނަށް އަންނަނީ އަހުރެންގެ ލޮލަށް ފެނިފައި ނުވާ މާކުރީގެ ޒަމާނެއްގައި ކަންކަން ހިނގައި ދިއަގޮތްކަމަށް ފޮތްތަކުގައި ލިޔެވިފައިވާ ވާހަކަތަކެކެވެ. އެޒަމާނުގައި ދުނިޔޭގެ ކަންކޮޅުތަކަށް ޢިލްމުވެރިން ކުރެއްވެވި ދަތުރުފުޅުތަކުގައި ކަންކަން ހިނގައިދިއަ ގޮތެވެ.
އެޒަމާނުގައި ދަތުރުފަތުރުކޮށް އުޅުނީ ރިޔަލުގައެވެ. ނައުފަހަރުގައެވެ. ވައިނުބައިވެގެން ނުވަތަ ވައި ނުލިބިގެން އެތައް މަހެއް ވަންދެން އެއްރަށެއްގައި މަޑުކުރަންޖެހެއެވެ. އެދުވަސްތަކުގައިު ފާފަ ނުކުރަންވެގެން އެރަށުގެ އަންހެނުންނާއި ކައިވެނިކުރެއެވެ. ވައިލިބި ފުރަންވުމުން ވަރިކުރެއެވެ.
މިޒަމާނުގައިވެސް މިފެންނަނީ ކައިވެނީގެ ކަންކަން ހަމައެފަދަ ގޮތަކަށް ކުރެވެމުން އަންނަ ތަނެވެ. ނަމަވެސް ޙަޤީޤަތް އޮޅުވާލައި މަކަރުވެރި ގޮތުގައެވެ. ކައިވެނިކުރަނީ ޢުމުރަށް އެކުގައި ދިރިއުޅެން އެތައް ބައިވަރު ވަޢުދުތަކެއްވުމަށްފަހުގައެވެ. ދިރިއުޅެމުން ދަނިކޮށް އެކަކަށް މާރަނގަޅު ގޮތެއް ފެނިއްޖެކަމަށް ޤަބޫލުކުރެވޭއިރަށް ކައިވެނިރޫޅާލައި އެމީހާއަށް އުފާވެރިކަން ބޮޑަށް ލިބޭނެކަމަށް އުންމީދުކުރެވޭ މަގުން ކުރިއަށްދާން ފަށަނީއެވެ.
އަނެކާ އާއި މެދު ވިސްނައިވެސް ނުލައެވެ. ވީވަޢުދުތައް މަތިން ހަނދާން ހުންނަ ކަމަކަށްވެސް ނުހަދައެވެ. ލިބިފައިވާ ދަރިންނާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. ދަރިންނަށް މިދެވެނީ ބޮޑު އަނިޔާއެއްކަން އެނގޭއިރުވެސް ކަންބޮޑެއްވެސް ނުވެއެވެ.
ނިކަން ބުނެބަލާށެވެ! މިއީ އަހުރެމެން ދުނިޔޭގައި އުޅެން އޮތްގޮތް ހެއްޔެވެ؟ އެމީހަކު ކުރި ކަމަކަށް ޒިންމާވާންޖެހޭނެ ދުވަހެއް އޮތްކަމާއިމެދު ވިސްނައިލާނަމަވެސް އެގޮތަށް ކަންކަން ކުރާނެ ހެއްޔެވެ؟
އެކުވެރިންނޭވެ! ކައިވެންޏަކީ ކިހައި ބޮޑު ކަމެއްކަން އެނގޭއިރުވެސް ސަމާލުކަން ނުދެވޭނެނަމަ ކައިވެނިކުރަނީ ކީއްކުރަންހެއްޔެވެ؟ އަހުރެމެންގެ ކަންކަމަށް އައިސްފައިމިވާ ބޮޑުބަދަލާއިމެދު ވިސްނައިލަން އަދިވެސް ނުވަނީހެއްޔެވެ؟ އެހެންކަމަށްވާނަމަ އަހުރެމެންގެ ކިބައިގައި އިންސާނިއްޔަތުކަން އެބަހުރިހެއްޔެވެ؟
ކައިވެންޏާއި ވަރީގެ މައްސަލަތައް ގިނަވެ އެއީ އެންމެ ބޮޑު މައްސަލަކަމަށްވެގެން ވާހަކަދެއްކުމަކުން އެކަނި މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ. މައްސަލަ ޙައްލުކުރެވޭނީ ކައިވެންޏަކީ ވަޤުތީ އުފަލެއް ޙާޞިލްކުރަން ކުރާ ވަޤުތީ ކަމެއްކަމަށް ދެކުން ހުއްޓައިލެވިގެންނެވެ. އެކަން ޙާޞިލްކުރެވޭނީ ދެމީހުންގެވެސް ނިޔަތް ސީދާކޮށްގެންނެވެ.
ޢުމުރަށް އެކުގައި އުޅުމުގެ ޤަޞްދު ނެތި އަނެކާއަށް އޮޅުވާލައިގެން ކައިވެނިކުރުމަކީ އަނެކާއަށް ދެވޭ އަނިޔާއެއްކަމަށާއި އެއީ ފާފަވެރިވާނެ ަކމެއް ކަމަށް ޢިލްމްވެރިން ވިދާޅުވާ އަޑުއަހަމެވެ.
- އަލަފް / މިއަދުނޫހަށް