ވަލީމާތަކަސް ދިއުމަކީ އަނެއް މުސްލިމް އަޚާއަށްޓަކައި އަދާކުރަންޖެހޭ ޙއްޤެއްކަން އެނގެއެވެ. އަޅުގަނޑުގެ ސުވާލަކީ އެޙަފްލާ ބާއްވަނީ މުސްލިމުން ބައިވެރިވުން ހުއްދަނޫން ގޮތަށްކަމަށްކަމަށްވާނަމަވެސް އެތަނުގައި މަޑުކުރަންޖެހޭނެތޯ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ގޮތަށް މަދުން ނަމަވެސް ބައެއް ވަލީމާތައް އެބަ ބާއްވައެވެ. އެހެންކަމުން ޖަވާބަކަށް މިގެނެސްދެނީ ތިއަ މައްސަލައިގައި މުފްތީ މެންކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެއިގެ ކުރިއަށް ބަހެއް ބުނެލާނަމެވެ. އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް މުފްތީ މެންކް ޢަމަލުކުރެއްވި ފަދައިން ރިވެތި އަޚްލާޤްގެ މަތީގައި ކަންކަން ކުރާށެވެ. ރުޅި އައިސް ރުޅިބަސް ނުބުނާށެވެ. އެމީހުންނަށް އެގޮތަށް ކަންތައް ކުރެވުނީ ދީނުގައި އޮންނަ ގޮތް ނުއެނގޭތީކަމަށްވެސް ވެދާނެއެވެ.
މުފްތީ މެންކުގެ ބަސްފުޅު:
އަހަރެންނަށް ލިބުނު ދައުވަތަކަށް ކައިވެނީގެ ޙަފްލާއަކަށް ދިއައިމެވެ. އެއީ ހަފްލާ ބާއްވާނީ ދެޖިންސަށް ވަކިން ކަމަށް ބުނުމުންނެވެ. ނަމަވެސް ދެވުނުއިރު ހަފްލާ އިންތިޒާމްކޮށްފައި އޮތީ ދެ ޖިންސް މަސްހުނިވާ ގޮތަށެވެ.
އެތަން ފެނުމުން ދެމަފިރިންގެ ގާތަށް ގޮސް ހެޔޮ ދުޢާކޮށްފައި އަހަރެން ހަފްލާއިން ވަކިވެގެން ދިއައީއެވެ. އަދި އެކަން އެގޮތަށް ކުރި ސަބަބު ވެސް ކިޔައިދީފައެވެ.
ދެ ޖިންސް މަސްހުނިކޮށް ބާއްވާ ހަފްލާތަކަށް ދިއުން ރަނގަޅެއް ނޫނެވެ. އެކަން ހުއްދައެއްވެސް ނޫނެވެ. އަދި އެހަފްލާއެއްގައި މިޔުޒިކް ކުޅެ، މަސްތުވާ އެއްވެސް ބާވަތެއް ބޭނުންކުރާނަމަ އެފަދަ ތަނެއްގައި އެންމެ އިރުކޮޅަކުވެސް ހުރެގެން ނުވާނެއެވެ.
އެކުވެރިންގެ ތެރޭގައި ހުރިހާ ދީނެއްގެ މީހުން ތިބޭއިރު އެހެން ދީނެއްގެ މީހެއްގެ ކިބައިން ލިބޭ ދައުވަތަކަށް ދެވިއްޖެނަމަ އެމީހުންގެ ދީނަށް އެމީހުން އުޅެން ދޫކޮށްލާށެވެ! ރިވެތި ގޮތުގައި އެތަނުން ނުކުމެގެންދިއުމުން ނިމުނީއެވެ.
އަދި މުސްލިމުންގެ ތެރޭގައި އުޅޭ މިފަދަ ކަންކަމަށް ލޯބިކުރާ މީހުންގެ ޙަފްލާތަކަށް ދެވުނު ނަމަވެސް ޢަމަލުކުރަންވާނީ ހަމަ މިގޮތަށެވެ. މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން