ހިތްދަތިކަމެއް ކުރިމަތިވުމުން ތިމާގެ ހިތުގަ އަޅާވޭން ﷲ ތަޢާލާ ދެނެވޮޑިގެން ނުވަނީކަމަށް ހީކުރެވުމަކީވެސް ހެދޭ ބޮޑު ގޯހެއް! އެންމެ ގާތުން ދެކެދެނެވޮޑިގެންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހިތްދަތިކަމެއް ކުރިމަތިވުމުން ތިމާގެ ހިތުގަ އަޅާވޭން ﷲ ތަޢާލާ ދެނެވޮޑިގެން ނުވަނީކަމަށް ހީކުރެވުމަކީވެސް ހެދޭ ބޮޑު ގޯހެއް! އެންމެ ގާތުން ދެކެދެނެވޮޑިގެންވޭ!

އަބަދުވެސް ހަނދުމަކޮށްދެވޭ އެއްކަމަކީ ހިތާމައިގެ ވަޤުތުގައިވެސް ތިމާއަށް އުޅެންޖެހިފައިވާ ޙާލު ﷲ ތަޢާލާ ދެކެދެނެވޮޑިގެން ނުވާކަމަށް ވިސްނޭނަމަ އެއީ ސީދާ ޝައިޠޯނާގެ ކިބައިން އަންނަ ވިސްނުމެއް ކަމެވެ. ޔަޤީންކުރާށެވެ. ހުރިހާ ވަޤުތެއްގައިވެސް ﷲ ތަޢާލާ އަހުރެމެންގެ ކަންކަން ނުވަތަ ކުރިމަތިވެފައިވާ ޙާލު އަހުރެނެންނަށްވުރެވެސް ބޮޑަށް ދެކެދެނެވޮޑިގެންވެއެވެ.   

ހިތްދަތިވާ ފަދަ ކަންކަން ކުރިމަތިވުމުން ކަންބޮޑުވުން އިތުރުވެގެންދަނީ ﷲ ތަޢާލާ އާއިމެދު އޮންނަ އިތުބާރުކުޑަވުމުންނެވެ. ގިނަ ފަހަރަށް އެގޮތަށް ކަންކަން މެދުވެރިވަނީ ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުން ނުބޭއްވޭތީއެވެ.  

އަހަރެމެންގެ ހިތުގައި އަޅާ ކޮންމެ ވޭނެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަން އެނގެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުންނެވެ. ރަސޫލް ގެ ހިތްޕުޅުގައި އަޅަމުންދިއަ ވޭންތައް އެނގިވަޑައިގަންނަވާ ކަމަށް ވަޙީކުރައްވަވާފައިވުމުންނެވެ.  

ތިބާގެ ހިތްދަތިކަން އެއްވެސް މީހަކާއި ހިއްސާ ނުކުރިނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ހަނުހުންނަން ޖެހޭ ޙާލަތުގައި ހަނުހުރުމަކުން ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ.  

ހަމައެކަނި ހަނދާނުގައި ބަހައްޓައި ޢަމަލުކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. އެއީ ދަތިޙާލުގައި ނުވަތަ ހިތްދަތިކަމުގައިވާނަމަ އެކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙް ކިޔުމެވެ. އަދި ނަމާދުކޮށް ސަޖިދަކުރުމެވެ. (އަލްޙިޖްރި ސޫރަތުގެ 98 ވަނަ އާޔަތްބަލާށެވެ!)  

ދެން އަންގަވާފައިވަނީ މަރުވުމަށްދާންދެން ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ދެމިހުރުމަށެވެ. (އަލްޙިޖްރި ސޫރަތުގެ 99 ވަނަ އާޔަތްބަލާށެވެ!)  

މީސްތަކުންނޭވެ! މިއާޔަތުގެ މަރުގެ ވާހަކަ ގެންނަވާފައި އެވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. އެއީ ޤިޔާމަތްވުން ގާތްވަމުން އަންނަކަން ހަނދުމަކޮށް ދެއްވެވުމަށެވެ. އެމީހަކު މަރުވުމުން އެމީހަކަށް ޤިޔާމަތްވީއެވެ. ވީމާ އަޅުކަމުގައި ދުލެއް ނުދީ ސާބިތުވާށެވެ! އެއިރުން ތިބާގެ ބޭނުންތައް ދެދުނިޔޭގައިވެސް ފުދިގެންދާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން