ޞަދަޤާތްކުރެވޭ މިންވަރު މަދުވެގެން ކަންބޮޑުވުމެއް ނެތް! މަދު ކަދުރުއޮށްކޮޅު ގެންދެވި ޞަޙާބީގެ ކަންތައް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވާކަން އެނގިގެންދިއަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޞަދަޤާތްކުރެވޭ މިންވަރު މަދުވެގެން ކަންބޮޑުވުމެއް ނެތް! މަދު ކަދުރުއޮށްކޮޅު ގެންދެވި ޞަޙާބީގެ ކަންތައް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައިވޮޑިގެންވާކަން އެނގިގެންދިއަ!

ޞަދަޤާތްކުރުމުގެ ވާހަކަދައްކާއިރު ދެކަމަކަށް ވިސްނަން ޖެހޭނެއެވެ. ފުރަތަމަ ކަމަކީ ޞަދަޤާތްކުރާމީހާގެ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. ތަނަވަސްކަން ހުރެ މަދުން ޞަދަޤާތްކުރަން ލަދުގަންނަންވީވެސް އަދި ދެވެންއޮތް މިންވަރު މަދުވެގެން ލަދުނުގަންނަންވީވެސް އެހެންވެގެންނެވެ. 

ދެވަނަކަމަކީ ޞަދަޤާތަސް ލިބުނުވަރު މަދުވެގެން ހިތްބުރަ ނުކުރުމެވެ. އެކަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީއެވެ. އެކަންކަން އެނގެނީ މިކިޔައިދޭ ޙާދިސާއިންނެވެ. 

އެއީ ޞަޙާބީ ބޭކަލެކެވެ. އެބޭކަލަކު ކުރެއްވެވި މަސައްކަތްޕުޅުގެ އުޖޫރައަކަށް ލިބިވަޑައިގަތީ ކަދުރުކޮޅެކެވެ. އެބޭކަލަކު އެއިން އެއްބައި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރެއްވެވިއެވެ. 

އެކަދުރުކޮޅު ހިއްޕަވައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ވަޑައިގަތުމުން، އެހައިމަދު ކަދުރުކޮޅެއް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންނުވާކަމަށް ބުނެ ބައަކު އެޞަޙާބީއަށް މަލާމާތްކުރިއެވެ. 

އެކަމަށް ކީރިތި ޤުރްއާންގައި ﷲ ތަޢާލާ ވަޙީބަސްފުޅު ބާވައިލެއްވެވިއެވެ. އެޞަޙާބީއަށް މަލާމާތާ ފުރައްސާރަކުރި މީހުންނަށް އެކަން ބައްދަލުކުރާނެ ދުވަސް އަންނާނެކަމުގައި ވަނީ ވަޙިކުރައްވަވައިފައެވެ. 

މީސްތަކުންނޭވެ! މީހެއްގެ ގާތުގައި އެހީއަކަށް އެދުމުން އެމީހެއްގެ ފެންވަރުން ދެވުނީ ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ނަފްރަތު ނުކޮށް ﷲ ތަޢާލާއަށް ޙަމްދުކުރަންވީ އަދި އެމީހަކަށް ހެޔޮދުޢާކުރަންވީވެސް މިހެންވެގެންނެވެ. ހެޔޮނިޔަތުގައި އެމީހެއްގެ ފެންވަރުން އެމީހަކު ދޭ ކިތަންމެ ކުޑަމިންވަރަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ވަރަށް ބޮޑު އެއްޗަކަށްވެގެންދާތީއެވެ. 

ކުޑަކުޑަ މިންވަރަކުން ޞަދަޤާތްކުރުމުން މިކަންކަމަށް ވިސްނާނުލައި ނުރުހި ކުނިމޫނުދައްކައި އަދި ނުބައި ބަސްތައް ބުނަން ހެޔޮނުވާނެކަން ފުރަތަމަ މިބަޔާންކުރީއެވެ! އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ކުރިމަތިވާނެ ޙާލަތުވެސް މިބަޔާންކުރީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން