ކޮންމެވެސް ކަމަކާ ކަންބޮޑުވާންޖެހިފަ ނެތް އެކަކުވެސް ނިކަން ދައްކަބަލަ! "މާބޮޑަށް" ކަންބޮޑުވުމަކީ އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކޮންމެވެސް ކަމަކާ ކަންބޮޑުވާންޖެހިފަ ނެތް އެކަކުވެސް ނިކަން ދައްކަބަލަ! "މާބޮޑަށް" ކަންބޮޑުވުމަކީ އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު ދެރަ!

ކަންކަން ކުރިމަތިވުމުން ކަންބޮޑުވެވޭނެއެވެ. ނަމަވެސް ކަންބޮޑުވާންވާނީ ވަކިވަރަކަށެވެ. ތިމާގެ ނަފުސް ތިމާއަށް ކޮންޓްރޯލް ކުރެވޭނެ މިންވަރަށެވެ. ނޫންނަމަ އެދެވެނީ މުސްލިމުންގެ އިމުން ބޭރުވެގެންނެވެ. ރަނގަޅަށް އަޑުއަހާށެވެ! 

ސުވަރުގެއަށް ވަދެވުމާއިއެކު ފުރަތަމަވެސް އިޙްޞާޞް ކުރެވޭނީ، ޔަޤީންކަން ލިބި ހިތްހަމަޖެހުން ލިބިގެންދާނީ "އަލްޙަމްދުލިﷲ، ހުރިހާ ކަންބޮޑުވުންތަކަކުން ސަލާމަތްވެވުނީ" ކަމަށް ހިތަށް އެރުމުންނެވެ. މިއީ ސުވަރުގެ ވަދެވުމާއިއެކު ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ކުރެވޭނެ އިޙްޞާޞްތަކެވެ. 

މިކަމުން އެނގިގެންދަނީ ދުނިޔޭގައި ހޭދަކުރާ ކޮންމެ ވަގުތުކޮޅެއްވެސް ހޭދަކުރެވެނީ ހާސްވުމާއި ކަންބޮޑުވުމުގެތެރޭގައިކަމެވެ. ކޮންމެވެސް ކަމަކާއިމެދު ހާސްވެ ފިކުރުބޮޑުވުމުގެތެރޭގައިކަމެވެ. އަތުގައި ފައިސާ ނެތްނަމަ އެއީ ކަންބޮޑުވުމެކެވެ. ފައިސާހުރިނަމަ ގެއްލި ހުސްވެދާނެކަމާއިމެދު ތިބެނީ ކަންބޮޑުވެގެންނެވެ. 

ކޮންމެ ނިޢްމަތަކާއިމެދުވެސް އޮތީ ހަމަ މިގޮތެވެ. ނިޢްމަތް ނުލިބުމުން ކަންބޮޑުވެއެވެ. ނިޢްމަތް ލިބުމުން ގެއްލިދާނެތީ ކަންބޮޑުވެއެވެ. މީހަކު ދެކެ ލޯބިވެވުމުން ލޯބިވެރިޔާ ނުލިބިދާނެތީ ކަންބޮޑުވެއެވެ. ލޯބިވެރިޔާ ލިބުމުން ކައިވެނި ނުކުރެވިދާނެތީ ކަންބޮޑުވެއެވެ. ކައިވެނިކުރެވުމުން ދެން އޮޅެންޖެހެނީ ޖެހޭ މައްސަލަތަކާއިމެދު ކަންބޮޑުވެގެންނެވެ. 

ކޮންމެއަކަސް ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ މާބޮޑަށް ކަންކަމާއިމެދުގައި ކަންބޮޑުނުވުމަށެވެ. މޫސާގެފާނުގެ މަންމާފޅަށާއި މަރްޔަމްގެފާނަށްވެސް ވަހީކުރެއްވެވީ ކަންބޮޑުވެވަޑައިނުގަތުމަށެވެ. އަދި ކީއްހެއްޔެވެ؟ ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިއްބެވިއިރު އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައިގަތުމުން ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ ކަންބޮޑުވެވަޑައިނުގަތުމަށެވެ. "ﷲ ތަޢާލާ ވޮޑިގެންވަނީ އަހަރެމެންނާއިއެކުގައި" ކަމަށެވެ. 

އަހަރެމެން ސާބިތުވާންވީ އެ ޙަދީޘްފުޅުގައެވެ. ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް ޔަޤީންކުރަންވީ ﷲ ތަޢާލާ ވޮޑިގެންވަނީ ތިމާއާއިއެކުގައިކަމެވެ. އެކަން ކުރަން ބޭނުންވާ ހަތިޔާރަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ދިއުމެވެ. ﷲ ތަޢާލާ ތިމާ އާއިއެކު ވޮޑިގެންވާކަމުގެ ޔަޤީންކަން ލިބޭނީ ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރެވޭނަމައެވެ. 

ޤިޔާމަތްދުވަހު ސުވަރުގެ ވަދެވުމާއި ހަމައަށް އޮންނަ ކަންބޮޑުވުމަކީ ސުވަރުގެ ވައްދަވާނެ ކަމާއިމެދު އޮންނަ ކަންބޮޑުވުމެވެ. ހަޤީޤަތުގައި އެއީ އޮންނާނެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެކަންބޮޑުވުން ފިލައިގެންދަނީ ސުވަރުގެ ވެއްދެވުމުންނެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން