ހަނދުމަކޮށްދިނުމެއް!: މަޣްރިބް ނަމާދު ނުކުރެވި ހުއްޓާ ޢިޝާ ނަމާދުގެ ޖަމާޢަތް ފަށައިފިނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހަނދުމަކޮށްދިނުމެއް!: މަޣްރިބް ނަމާދު ނުކުރެވި ހުއްޓާ ޢިޝާ ނަމާދުގެ ޖަމާޢަތް ފަށައިފިނަމަ ޢަމަލުކުރާނެ ގޮތް-

މަޣްރިބް ނަމާދު ނުކުރެވި ހުއްޓައި ޢިޝާނަމާދުގެ ވަޤުތު ޖެހުމަކީ ނަމާދަށް ފަރުވާތެރިވާ މީހުންނަށްވެސް މަދުން ނަމަވެސް ދިމާވާކަމެކެވެ. އެއީ ދެނަމާދުގެ ވަޤުތު ގާތްކަމުން ބައެއް ޙާލަތްތަކުގައި މެދުވެރިވާ ކަމެކެވެ. ނަމާދުގެ ވަޤުތައް ނުބަލައި ރާވާ ކަންކަމުގައި ބައިވެރިވާން މަޖުބޫރުވާ މީހުންވެސް ތިބޭތީއެވެ. ވަޒީފާގެ ގޮތުންނެވެ.

އެހެންކަމުން މަޣްރިބް ނަމާދު ނުކުރެވި ހުއްޓާ ޢިޝާ ނަމާދުގެ ޖަމާޢަތް ފަށައިފިނަމަ ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.   

މަޣްރިބް ނަމާދު ނުކުރެވި ހުއްޓައި ޢިޝާ ނަމާދުގެ ޖަމާއަތް ފެށިނަމަވެސް ކުރަން ޖެހޭނީ މަޣްރިބްނަމާދެވެ. ޖަމާޢަތުގަ ބައިވެރިވެ މަޣްރިބް ނަމާދު ޤަޞާކުރަން ނިޔަތްގަނެ މަޣްރިބް ނަމާދުގެ 3 ރަކްޢަތް އިމާމް އާއިއެކުގައި ކުރެވިދާނެއެވެ. 

3 ވަނަ ރަކްޢަތް ފުރިހަމަކޮށް އައްތިޙިއްޔާތު ކިޔައި ސަލާމް ދޭނީއެވެ. ސަލާމްދޭއިރު ޖަމާޢަތުގެ ނަމާދު ނުނިމޭނަމަ ޢިޝާ ނަމާދަށް ނިޔަތްގަނެ ޖަމާޢަތުގައި ބައިވެރިވެވިދާނެއެވެ. 

ނަމާދު އެޅުން ހުއްދަވެގެންވަނީ 2 ޙާލަތެއްގައެވެ. އެއީ ވަގުތުވީންސުރެ ވަގުތު ފާއިތުވިއިރުވެސް ނިދާފައި އޮތުމާއި ހަނދާން ނެތުމެވެ. ވީމާ ފަހުން ދެ ނަމާދު އެކުގައި ކުރަން ހުއްޓައި މަޣްރިބް ނަމާދު ވަގުތު ފާއިތުވެގެން ދިއުމަކީ ނަމާދުއަޅަން އޮތް އުޒުރެއް ނޫނެވެ. 

އެހެންކަމާއިއެކުވެސް ނަމާދު ފާއިތުވެއްޖެނަމަ ޤަޟާކުރާށެވެ! ޤަބޫލުފުޅު ކުރެއްވެވުމާއި ނުކުރެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ކޮންމެ ގޮތެއްވީނަމަވެސް ނަމާދުކުރަންޖެހޭނީ ތަރުތީބުންނެވެ. ވީމާ މަޣްރިބް ނަމާދު އަޅައިގެންހުރެ ޢިޝާ ނަމާދެއް ނުކުރެވޭނެއެވެ. 

އަދި މަޣްރިބް ނަމާދު އަޅައިގެން ހުރި މީހަކު މިސްކިތަށް އެރީ ޢިޝާ ނަމާދަށް ބަންގިގޮވަނިކޮށް ކަމުގައިވީނަމަވެސް ޢިޝާ ނަމާދުގެ އިހު ސުންނަތް ކުރެވޭނީ މަޣްރިބް ނަމާދުކުރުމަށްފަހު ވަގުތު އޮތްނަމައެވެ.

 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ޝައިޚް އިބްރާހީމް ފަރީދު އަހްމަދު 

 

 

 

މިއަދު އޮންލައިން