އަހުރެންގެ ފިރިމީހާ އަހުރެން ވަރިކޮށް 2 އަހަރުގެ ތުއްތު ދަރިފުޅާއިއެކު ގެއަށް ފޮނުވައިލީ ދަންވަރުއެވެ. ގެއަށް އަންނަން ޖެހުނީ އެންމެން ނިދާފައި ތިއްބައެވެ. ގެއަށް ވަދެވުނީ ގޭގެ ތަޅުދަނޑި އެއިރުވެސް އަޅުގަނޑުގެ އަތުގަ އޮތީމައެވެ. އެންމެން ނިދާފައި ތިބުމުން ގޮވަން ބޭނުން ނުވާތީ ފަތިހު މަންމަ ހޭލަންދެން އިންނަން ޖެހުނީވެސް ސިޓިންގރޫމްކައެވެ.
އަޅުގަނޑު މާޔޫސެއް ނުވަމެވެ. ކުރިއަށްވުރެ ގިނައިން ސުންނަތް ނަމާދުތައްކޮށް ޛިކުރުކުރުން ގިނަކުރީމެވެ. ރޭއަޅުކަމުގެ ވަޤުތު ދިގުކުރީމެވެ.
ރަހްމަތް ލިބެންފެށީ އިމެއް ނެތިއެވެ. ކުރިން ދުވަހަކުވެސް އެހީނުވާ ޢާއިލާގެ މީހުންގެ ފަރާތުންވެސް އެހީތެރިކަން ލިބެން ފެށިއެވެ. އެއްވެސް ކަމަކަށް ދަތިވެގެން އުޅޭކަށް ނުޖެހެއެވެ. އެކަނިވެރިކަން އިޙްޞާޞްކުރާކަށް ނުޖެހުނެވެ. ގެއަށް އައިތާ 5 ވަނަ މަހު ދެވަނަ ފިރިމިހާއާއިއެކު ގެއިން ނުކުމެވިއްޖެއެވެ. ގޭގައި ދިރިއުޅެމުން އައި ކުޑަކޮޓަރީގެ ބަދަލުގައި ދިރިއުޅޭނެ ބޮޑު އެޕާޓްމަންޓެއް ލިބިއްޖެއެވެ.
ދެވަނަ ކައިވެނީގައި މިހާރު 7 އަހަރުވީއެވެ. އަދި މިހައިތަނަށް ފެންނަގޮތުން ކުރިއަށްވެސް އޮތީ ހަމަ އުފާވެރިކަމެވެ. ފިރިމީހާ އަޅުގަނޑުދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ.
މިއީ ﷲ ތަޢާލާ ދެއްވެވި ދައުވަތު ޤަބޫލުކުރި ކިޔުންތެރިއެއްގެ ތަޖުރިބާއެވެ. ދެން މިގެނެސްދެނީ މުފްތީ މެންކުގެ ބަސްފުޅެވެ.
ތިމާ އެމީހަކު ދެކެ ލޯބިވާ ބައިވެރިޔާ ތިމާއާއި ވަކިވުމަށް ނުވަތަ ތިމާ ދޫކޮށްލުމަކަށް ހަމަ އެކަކުވެސް ނުއެދޭނެއެވެ. އެހެން ނަމަވެސް ބައިވެރިޔާގެ އިތުރުންވެސް ތިބާ އެމީހުން ދެކެ ނުހަނު ލޯބިވާ އެތައް ބައަކު ތިބާއާއި ވަކިވާނެއެވެ. އެއިގެ ތެރޭގައި ޢާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިންވެސް ހިމެނޭނެއެވެ.
މިފަދަ ޙާލަތުގައި ﷲ ތަޢާލާ ތިބާއަށް އެދެއްވަވަނީ ވަރަށް ޚާއްޞަ ދަޢުވަތެކެވެ. "ތިބާ އެންމެ ލޯބިވީ މީހުންވެސް ތިބާ ދޫކޮށްލީއެވެ. ތިމަން ﷲ ތިބާއާއިއެކު ވޮޑިގެންވަމެވެ. ތިމަން ﷲ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ!"
މިބުނި ފަދަ ޙާލަތެއް ކުރިމަތިވުމުން ވިސްނައި ﷲ ތަޢާލާ ތިމާއަށް ދެއްވެވި ދަޢުވަތު ޤަބޫލުކޮށް އެދަޢުވަތަށް ޢަމަލުކޮށްފި ކޮންމެ މީހަކަށްވެސް މާ އުފާވެރި ބަދަލެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. އެއީ އެއްވެސް ވަރަކަށް ޝައްކުކުރަން އޮތްކަމެއް ނޫނެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން