ޝައިޠޯނާގެ ހުރި ނުބައިކަން ވިސްނައިދޭންވެސް ދައްކަންވާނީ ދެކޮޅުޖެހޭ، އަދި ބުއްދިއަށް ޤަބޫލުކުރެވޭ ކަންކަމުގެ ވާހަކައެވެ. ދަރިންގެ ގާތުގައިވެސް އެހެން މީހެއްގެ ގާތުގައި ދެއްކިނަމަވެސް މިކަމަށް ވިސްނަންވާނެއެވެ. ނޫންނަމަ ލިބިދާނެ ދެރަ މާބޮޑުވާނެއެވެ.
އަހުރެންނާއި ބައްދަލުވި މީހަކު 2 ސުވާލެއް ކުރިއެވެ؟ (1) ނަމާދުކޮށް ނިމިގެން މުސައްލަ ނުނަގައިފިނަމަ ޝައިޠޯނާ އޭގައި ނަމާދުކުރާނެ ހެއްޔެވެ؟ (2) ކިޔަވަން އިނދެފައި ކިތަންމެ ކުޑައިރުކޮޅަކަށް ތެދުވިނަމަވެސް މުޞަޙަފް ނުލައްޕައިފިނަ ޝައިޠޯނާ ކިޔަވާނެ ހެއްޔެވެ؟
އަހުރެން ބުނީމެވެ. އަހުރެންގެ މުސައްލައިގައި އަހުރެންގެ ކަންކަން ބަލަހައްޓާ ޝައިޠޯނާ ނަމާދުކޮށްފިނަމަ އެއިގެ މާނައަކީ އެޝައިޠޯނާ އިސްލާމްވީ ނޫންހެއްޔެވެ؟ ޤުރްއާން ކިޔަވައިފިނަމަ އެއީ ކިހައި ބޮޑަށް އުފާކުރަންޖެހޭ ކަމެއްހެއްޔެވެ؟ ވީމާ ތިއަ ދެކަންތައް ޝައިޠޯނާ ކޮށްފިނަމަ އޮތީ އުފާކުރުން ނޫންހެއްޔެވެ؟
ބުނަން މިއުޅޭ ވާހަކައަކީ ދީން މަތިވެރިކުރުމުގެ ބޭނުމުގައި ބޭކާރު، އެއްވެސް އަޞްލެއް ނެތް ގޮތްގޮތަށް ނުވިސްނާށެވެ. އެފަދަ ވާހަކަތައްވެސް ނުދައްކާށެވެ! ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކަދެއްކުމުން ލިބޭނީ ގެއްލުމެވެ.
ނަމާދުކޮށް ނިމުމުން މުޞައްލަ ނަގަންވީ އަޅާފައި ބޭއްވުމުން ދެން ނަމާދުކުރަންވާއިރަށް ހަޑިވެދާނެކަމަށްޓަކައެވެ. މުޞްޙަފް ލައްޕައިލަންވީ އެއްޗެއް ވެއްޓި ހަޑިވެދާނެކަމަށެވެ. އަދި ޤުރްއާނަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
އެންމެން މިހައި ހޭލުންތެރި ޒަމާނެއްގައި ކުޑަކުދިންގެ ގާތުގައިވެސް ދައްކަންޖެހޭނީ ޙަޤީޤަތް އޮންނަ ކަންކަމުގެ ވާހަކަތަކެވެ. ދީނުގެ ނަމުގައި އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތައް ދެއްކުމުން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން