ޢާއިލާގޮވައިގެން އެންމެން އެކުގަ ސުވަރުގެ ވައްދަވާނެ މަގު މިއޮތީ ޤުރްއާނުން އެނގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޢާއިލާގޮވައިގެން އެންމެން އެކުގަ ސުވަރުގެ ވައްދަވާނެ މަގު މިއޮތީ ޤުރްއާނުން އެނގެން!

އަހުރެން ބުނާނީ ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެކަމަކީ ތިމާއާއި އަނބިދަރިން އެކުގައި ސުވަރުގެ ވެއްދެވުމެވެ. އެއަށްވުރެ ބޮޑު އުފަލެއް ލިބޭނެ އެހެން އެއްވެސް ކަމެއް ނެތެވެ. ވީމާ ކިޔައިދޭން މަސައްކަތް މިކުރަނީ އެބޮޑު އުފާވެރިކަން ޙާޞިލުކުރެވެން އޮތް ގޮތެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އަދި އީމާންވި މީހުން އެއުރެންގެ ދަރިން އީމާންވުމާއިއެކު އެއުރެންނަށް ތަބަޢަވުމުން އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާއި އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވަވާހުށީމެވެ! އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވަވާ ހުށީމެވެ. ކޮންމެ މީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވަވާފައިވާ ޖަޒާ ލިބޭނެ މީހެކެވެ." (އައްޠޫރި: 21)

މިއާޔަތުން އެނގިގެން މިދަނީ ތިމާގެ އިތުރުން ތިމާގެ ދަރިންވެސް އީމާންވުމުން އެމީހަކާއިއެކު ސުވަރުގޭގައި ލައްވަވާނެ ކަމެވެ. ވީމާ އެކަން ޙާޞިލުކުރުމަށްވުރެ އިސްކަންދޭންވީ އެހެން އެއްވެސް ކަމެއް އަހުރެންނަކަށް ނުވިސްނެއެވެ. ދެން އޮތްކަމަކީ އީމާންވުމުގެ މާނައަށް ވިސްނައިލުމެވެ. އެއީ ހަމައެކަނި ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނުމެއް ނޫނެވެ. އީމާންވެ ޢަމަލުކުރަންޖެހޭ ކަންކަމަށް ޢަމަލުކުރަންވެސް ޖެހޭނެއެވެ. އީމާންވުމަކީ އެއީއެވެ.

ކިތަންމެ ދަތި ޙާލުގައި ދިރިއުޅުނު ނަމަވެސް ރާވައި ހިންގަންވީ ހެޔޮ އަމަލު ކުރުމުގެ ޕްރޮގްރާމްތަކެވެ. ހަމަ ގައިމުވެސް އެމީހަކަށް އެމީހެއްގެ ގޭގައި ޕްރޮގްރާމްތައް ރާވައި ހިންގޭނެއެވެ. ދީނީ ޢިލްމުވެރިންނަށް ދައުވަތުދީގެން ކަންކަން ނުކުރެވޭނެ ނަމަ ޢާއިލާ އެކުގައި ތިބެގެން ދީނީ ދަރުސްތައް އަޑުއެހޭނެއެވެ. މިފަދަ ކޮންމެ ކަމަކީ އީމާންކަން ވަރުގަދަކޮށް ﷲ ތަޢާލާ މަތިވެރިކުރަން ކުރެވޭ ކަންކަމެވެ.

ޢާއިލާ އެކުގައި ތިބެ ކިތަންމެ ގިނަ ފިލްމްތަކެއް ބެލި ނަމަވެސް އެންމެ ޘަވާބެއް ވެސް ނުލިބޭނެއެވެ. ދާނީ ފާފަވެރިވަމުންނެވެ. ފިލްމުން ފެންނަ ބެލުން ހުއްދަ ނޫން ކޮންމެ މަންޒަރަކަށްވެސް ކޮންމެ ކަމަކަށްވެސް ފާފަވެރިވަމުންދާނެތީއެވެ. ނަމަވެސް ދަރުސް އަޑުއެހުން ފަދަ ކަންކަން ކުރުމުން ދީނީ ހޭލުންތެރިކަން އިތުރުވެ އަދި ސަވާބުވެސް ލިބޭނެއެވެ. އެކަމުގެ ފައިދާ މުޅި ޢާއިލާއަށް ކުރާނެއެވެ. އެކުގައި ސުވަރުގޭގައިވުމަށް މަގުފަހިވާނެއެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން