ދިރިއުޅެން މަސައްކަތްނުކޮށް އަނބިމީހާ ލައްވައި ހުރިހާ ޚަރަދެއް ކުރުވައިގެން އަނބިމީހާގެ ގޭގަ އުޅޭ ފިރިއަކު ދެއަންތބަށް އިންނަން ހުއްދަ ނުދީގެން ނަރަކައަށް ވަންނަންޖެހެންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ދިރިއުޅެން މަސައްކަތްނުކޮށް އަނބިމީހާ ލައްވައި ހުރިހާ ޚަރަދެއް ކުރުވައިގެން އަނބިމީހާގެ ގޭގަ އުޅޭ ފިރިއަކު ދެއަންތބަށް އިންނަން ހުއްދަ ނުދީގެން ނަރަކައަށް ވަންނަންޖެހެންވީ ކީއްވެ؟

އަޅުގަނޑުމެންގެ ކައިވެންޏަށް 8 އަހަރެވެ. 2 ދަރިން ލިބިއްޖެއެވެ. ފިރިމީހާއަށް ކަމުދާ ވަޒީފާއެއް ނުލިބިގެން މަސައްކަތެއް ނުކޮށް ހުންނަތާ 3 އަހަރެވެ. ކެތްތެރި ވެވޭތޯ ބަލަމުން މިއައީ ދެދަރިންނަށް ބައްޕަ ގެއްލުނަނުދީވޭތޯއެވެ.

ދިރިއުޅެނީ އަޅުގަނޑުގެ ގޭގައެވެ. ދަރިންނަށް އަޅުގަނޑު ލައްވައި ޚަރަދުކުރުވަމުން އަޅުގަނޑު ކާންދިނީމަ ކައިގެން އަޅުގަނޑު ބިލްދައްކާ ފެނުން ފެންވަރައިގެން އަޅުގަނޑު ލައްވައި ގަނުވާފަ ހުންނަ ސެންޓު ޖަހައިގެން އަޅުގަނޑު ލައްވައި ސައިކަލަށް ޕެޓްރޯލް އަޅުވައިގެން ދުއްވަމުން 3 އަހަރު ތެރޭ ކުރި އެންމެ މޮޅުކަމަކީ ލޯބިވެރިއަކު ހޯދުމެވެ.

މިހާރު ބުނަނީ ލޯބިވެރިޔާއާއި ދެއަންބަށް ކައިވެނިކުރަން ހުއްދަ ނުދީފިނަމަ އަޅުގަނޑު ނަރަކައަށް ލާނެކަމަށް ޝައިޚަކު ވިދާޅުވި ކަމަށެވެ. އެކަމަކު އެއީ ކޮން ޝައިޚެއް ކަމެއް ބުނެއެއް ނުދިނެވެ. ބުނަނީ އަޅުގަނޑު ޝައިޚަށް އެއްޗެތި ގޮވާނެތީ ކަމަށެވެ. އެހެންވެ އެޝައިޚާ ބައްދަލުވާނެ ގޮތެއް ނުވިއެވެ. ދެން އަޅުގަނޑު އެދުނީ އަޅުގަނޑޫ ނަރަކައަށް ނުލައި ވަރިކޮށްދިނުމަށެވެ. އެކަންވެސް ކޮށެއް ނުދިނެވެ. ކޮންމެއަކަސް އަޅުގަނޑަށް އެނގޭ 3 ޝައިޚުން ގާތު އެހުމުން އެޝައިޚުން ދައްކަނީ މުޅިން ތަފާތު ވާހަކައެކެވެ. ފުރތަމަ ކަމަކަށް މިހާރު ތިބި އަނބިދަރިންގެ ޙައްޤުތައް އަދާކުރަން ބުނުމަށެވެ.

ވީމާ މިއަދުނޫހުގައި މިބާވަތުގެ ކަންކަމުގައި ކުރާ ސުވާލަށް ޖަވާބުދޭތީއާއި ލިޔުންތައްވެސް ޝާއިޢުކުރާތީ މިއަދުނޫހާއި ކޮށްލަން ބޭނުންވާ ސުވާލަކީ އަޅުގަނޑު މިބަޔާންކުރި ޙާލަތުގައި ހުރި ފިރިއަކު 2 އަންތބަށް ކައިވެނިކުރަން ހުއްދަނުދީފިއްޔާ ސުންނަތަށް ހުރަސްއެޅިކަމުގެ ކުށުގަ ނަރަކައަށް ވަންނަންޖެހޭނެތޯއެވެ؟

ކިޔުންތެރިޔާއެވެ! ފުރަތަމަ ކަމަކަށް ޝައިޚް ވިދާޅުވިކަމަށް ބުނެ އެހަދަނީ ތެދުކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއްވެސް ޝައިޚަކު ތިއަ ކަންކަން އެނގިހުރެ އެފަދަ ބަހެއް ބުނެފާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. ރަނގަޅަށް ވިއްޔާ އޭނާއާއިމެދު ކިޔުންތެރިޔާ ތިއަ ކިޔައިދިން އެއްވެސް ވާހަކައެއް ޝައިޚްގާތު ނުބުނަނީއެވެ. ކިޔައި ނުދެނީއެވެ. އަދި ކިޔައިދިނަސް ނުދިނަސް ތިއައީ މީހުން ނަރަކައަށް ލައްވަވާވަރުގެ ކަމެއްކަން އެނގިފައެއް ނެތެވެ. ދެވަނަ ކަމަކަށް ނަރަކައަށް ލައްވަވާނެ މީހުންނާ ސުވަރުގެ ވައްދަވާނެ މީހުން ކަނޑައަޅަން އެއްވެސް އިންސާނަކަށް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟

ދެން ބުނެލަން އޮތީ 2 އަންތބަށް ކައިވެނިކުރަން އުޅޭއިރު ކުރިމަތިވާ ތިއަބާވަތުގެ ަމއްސަލަތަކުގައި ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރެއެވެ. ތިރީގައި އެވަނީވެސް ހމަ ތިއަ މައްސަލައިގައި ކިޔުންތެރިއަކަށްދީފައިވާ ޖަވާބެކެވެ.

ދެއަންތބަށް ކައިވެނިކުރަން ހުއްދަ ނުދޭ އަނބިން ނަރަކައަށް "ފޮނުވާލުމުގެ" ކުރިން ނިކަން ޖަވާބު ދީބަލާށެވެ! ސުންނަތުގަ އޮތީ ހަމައެކަނި 4 އަނބިން ހަމަކުރަންތަ؟ މިބަޔާންކުރާ ސުންނަތްކަށް ޢަމަލުކުރަންތަ؟

ވަރަށް ގިނަ ކަނބަލުން ގުޅާފައި ފިރިމީހާ ސުންނަތަށް ޢަމަލުކުރަން ދެ އަނބިން ހަމަކުރަން އުޅޭ ކަމުގެ ވާހަކަދައްކައެވެ. ހުއްދަ ނުދީފިނަމަ އެކަނބަލުންނަށް ޢަޛާބު ލިބިދާނެ ކަމާއިމެދުވެސް ސުވާލުކުރެއެވެ. ޤަބޫލުކުރަން އުނދަގޫވިނަމަވެސް އެވާހަކަ ދައްކާއިރު ހިތަށް ލިބޭ ވޭނަށް ކެތް ނުކުރެވިގެން އަޑުން އަޑުނަގާ ރޮވޭ ކުދިން ވަރަށް ގިނައެވެ. ބައެއް ކުދިންނަށް އަނބުރައި ގަތުންފަދަ ކަންކަން ކުރިމަތިވާތީ އެތަނުގައި ދެވަނަ މީހަކު ބަހައްޓަންވެސް ބާރުއަޅަމެވެ.

އެހެންކަމުން މުސްލިމުން ކުރަންހުރި ބައެއް ސުންނަތްތައް ފާހަގަކޮށްލާނަމެވެ.

1 ރަވާތިބު ސުންނަތުގެ 12 ރަކްޢަތްކުރުން

2 ވިތުރިކުރުން / ރޭ އަޅުކަންކުރުން

3 ސުންނަތް ރޯދަތައް ހިފުން (ހޯމަ، ބުރާސްފަތި އަދި 13،14،15)

4 ޢުމުރުން ދުވަސްވީ، ނިކަމެތި އެކަނިވެރި މައިންނާ އަދި ހުވަފަތް އަންހެނުންނާ ކައިވެނިކުރުން

ދެން މިފާހަގަކޮށްލަނީ ގޭތެރޭގައި ކޮންމެހެން އަދާކުރަންޖެހޭ ބައެއް ސުންނަތްތަކާއި ކޮންމެހެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ކުޑަކުޑަ މިންވަރެކެވެ.

1 އަނބިދަރިންނާ ބައްދަލުވާއިރު ހިނިތުންވެގެން ހުރުން

2 އަނބިދަރިންނަށް އޯގާތެރިވުން

3 ރުޅި ނައުމާއި ކޮންމެ ކަމެއްގައިވެސް މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކުރުން

4 ގެވެށި މަސައްކަތްކުރުން / އަނބިމީހާއަށް އެހީތެރިވުން

5 މިހާރު ހުރި އަނބިމީހާއަށް ވަގުތުދީ އޭނާ އާއިއެކު އެއް ވަގުތެއްގައި އެއްދާނުގައި ނިދާ މީހަކަށްވުން

6 ލިބޭ އާމްދަނީއަށް މަކަރު ނުހަދާ އިސްރާފްނުކޮށް އަނބިދަރިންނަށް ޚަރަދުކުރުން

7 މިހާރު ތިބި އަނބިދަރިންނަށް ޚަރަދުކޮށްފައި އިތުރު އަންތބަކަށް ޚަރަދުކުރާނެ ވަރަށް އާމްދަނީ ލިބުން

މި ސުންނަތްތަކާއި ޝަރުޠުތައް ފުރިހަމަކުރަމުން ނުގެންދެވޭނަމަ ދެވަނަ ކައިވެންޏެއް ކުރުމުގެ ސުންނަތް ޙާޞިލުކުރަން މަސައްކަތްކުރުމުން ކުރާނެ ފައިދާއަށްވުރެ ބޮޑުވާނީ ލިބޭނެ ގެއްލުމެވެ. ސިކުނޑިއަށް ލިބޭނީ އިތުރު ތަކްލީފެވެ. އަނބިން ހުއްދަދޭއިރު ވެސް މި ޗެކްލިސްޓަށް ބަލައިލުން ރަނގަޅުވާނެއެވެ. މިއީ އެންމެ މަދު މިންވަރެވެ. އެންމެ ކުޑަ ޗެކްލިސްޓެވެ.

އަދި ކީއްހެއްޔެވެ؟ ބޭނުންވާ ގޮތަކަށް ޗެކްލިސްޓް ތައްޔާރުކުރުމުގެ ޙައްޤުވެސް މިހާރު އިން އަނބިމީހާއަށް ލިބިގެންވެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން