މުސްލިމް އަޚުންނޭވެ! އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔަކީމުއެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކުގައެވެ. ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާއިމެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެކެވެ.
މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. އަދި މުސްކުޅިވީ ދުވަހު އެ ބައިމީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ."
ކީރިތި ޤުރްއާނުގެ ތިން ސޫރަތެއްގައި މި ގޮތަށް ވަޞިއްޔަތްކުރައްވައިފައި ވުމުގެ އިތުރުން އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައި ވެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެކެވެ. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެއެވެ.