ޚުޠުބާ: ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް! ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑުކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 44ސ
ޚުޠުބާ: ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް! ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑުކަމެއް!

މުސްލިމް އަޚުންނޭވެ! ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެކެވެ. މާތް الله އޭގެ ދަރުމަ ބޮޑުކުރައްވައިފައިވާ ކަމެކެވެ. ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑުކަމެކެވެ. ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެކެވެ. ނަމަވެސް، މިކަންކަން ހަނދުމަ ނައްތާލައި، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތްނުލެއްވުމެވެ. ނަމަވެސް މާތް الله ރުހިވޮޑިގެންވާ މަގުން މުދާ ހޭދަކޮށް، އެއާ މެދު އަމާނާތްތެރިވުމުން މާތް الله އޭގައި ބަރަކާތްލައްވައި، އިންސާނާގެ ދަރިފަސްކޮޅަށް އެ މުދާ ވާރުތަކުރައްވައެވެ. މިކަންކަމަކީ ކީރިތި ޤުރްއާނުން އެނގޭން އޮތް ކަންކަމެވެ. ވީމާ މިކަންކަމާ މެދު ފިކުރުހިންގައި ޢަމަލުތައް ސީދާ ކުރާށެވެ! 

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ މުޖުތަމަޢު ގޯސްވުމުން، އެވާހަކަ ދައްކަނީ ހަމަ އަހަރެމެންގެ ދޫތަކުންނެވެ. ނަމަވެސް އެކަންކަން ޙައްލުކުރުމަށް އިޚުލާޞްތެރިކަމާއެކީ މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންހެއްޔެވެ؟  ނަމާދު ވަގުތުތައް ފާއިތުވެދާ އިރު، ނަމާދު އަޅައިފައި ކުޅިވަރުކުޅުމަށް ޒުވާނުންނާއި ކިޔަވާކުދީންނާއި އަހަރެމެންގެ ޅަދަރީން މައިދާނަށް ދޫކޮށްފައިވަނީ އަހަރެމެން އަމިއްލައަށެވެ. ނަމާދު އަޅައިފައި ދުންޔަވީކަންކަމުގައި މަޝްޣޫލުވެ ތިބެނީ ވެސް އަހަރެމެން އަމިއްލައަށެވެ. ޙަރާމްގޮތުގައި ފައިސާ ހޯދައި، އެއިން ދިރިއުޅުން ބިނާކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅެއެވެ. އެ ފައިސާއަކީ ޙަރާމް އެއްޗެއްކަމާއި، އެ ކައިގެން، ނުވަތަ އެއިން އަނބިދަރީންނަށް ޚަރަދުކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާއަކާ މެދު އަހަރެމެންވަނީ ޣާފިލުވެފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެކެވެ. މި ކަމަކީ އެހައިމެ ބިރުހުރި ކަމެކެވެ. ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށްޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ. މުޖުތަމަޢުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން  ކުޑަ  ފޮޓޯތަކާއި  އިޝްތިހާރުތަކާއި ޞޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ޙައްލުކުރެވޭން ހުރި ކަންކަމެވެ. މިއިން ކަމެއްގެ ވާހަކަދައްކައި، އެކަމެއް ހުއްޓުވާންއުޅޭ މީހާ ވަނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިގަންނަ މީހެއްކަމުގައެވެ. އިންޞާފަކީ ފަހެ މިއީހެއްޔެވެ؟ 

މުސްލިމް އަޚުންނޭވެ! އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތައިލުމުންނެވެ. ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް اللهއަށް އުރެދި ޣާފިލުވުމުންނެވެ. ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެއެވެ. ވީމާ، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެކެވެ. މާތް الله އަހަރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! އާމީން! 

މުސްލިމް އަޚުންނޭވެ! މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އީމާންކަމުގެތެރެއިންވާ ކަމެކެވެ. އިންސާނާ އޭނާގެ އަޚާއަށް އެހީތެރިވެދިނުމުގައި ވާހައި ހިނދަކު، މާތް الله އޭނާއަށް އެހީތެރިވެވޮޑިގެންވާނެ ކަމުގައި ކީރިތި ރަސޫލާ ޞިއްލަﷲ ޢަލައިހި ވަސައްލަމަ  ވަނީ ޙަދީޘްކުރައްވައިފައެވެ.

ތަނަވަސްކަމުގެ އަހުލުވެރީންނޭވެ! އަހަރެމެންގެ ތެރެއިން ކުޑަކުދީންތަކެއް އެކަނިވެރިކަމާއި، މާޔޫސްކަން ތަޙައްމަލުކުރަމުންދެއެވެ. އޭގެތެރެއިން އެއްބަޔަކީ، ކުޑަކުދީންގެ ހިޔާތަކުގައި ދިރިއުޅެމުންދާ ކުޑަކުދީންނެވެ. އެ ކުދީންގެ ޙާލަތު އެނގޭނީ އެ ކުދީންގެ ގާތަށް ޒިޔާރަތްކުރުމުންނެވެ. ތުއްތު ތުއްތު ކުދީންނެވެ. ޔަތީމު ކުދީންނެވެ. ނުވަތަ ކޮންމެވެސް ސަބަބަކާހުރެ، މަންމައާއި ބައްޕަގެ އެހީތެރިކަން ލިބިފައިނުވާ ކުދީންނެވެ. އެ މަރުކަޒުގައި ދެ އަހަރުން ދަށުގެ ކުދީންވެސް ވެއެވެ. އެ ތަނަށް ޒިޔާރަތްކޮށްފި މީހަކު، އެ ކުދީންގެ ޙާލަތު ފެނުމުން، ހިތަށް އަސަރުނުކޮށެއް ނުދާނެއެވެ. ވީމާ، އެ ކުދީންނަށް އުފާވެރިކަން ހޯދައިދޭށެވެ! އެ ކުދީންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭށެވެ! އެ ފަދަ ކުދީންނަށް ޚިދުމަތެއްކޮށްދިނުމަކީ ވަރަށް މަތިވެތި ސަވާބާއި ދަރުމަހުރި ކަމެކެވެ. ސުވަރުގޭގެ ނިޢުމަތްހުރި ކަމެކެވެ. 

މުސްލިމް އަޚުންނޭވެ! މި މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ އަނެއް ބަޔަކީ ލޭ އަޅާ ކުދީންނެވެ! އެ ކުދީންނަށް ތިޔަ އަޚުންގެ އެހީތެރިކަމާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެ ކުދީން ދުނިޔޭގައި އުޅުމަށް ޓަކައި ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރާންޖެހެއެވެ. އަހަރެމެންގެ އެހީތެރިކަމާއި އަޅައިލުން އެ ކުދީންނަށް ލިބިއްޖެ ނަމަ، އެ ކުދީންނާއި އެ ކުދީންގެ ބެލެނިވެރީންނަށް ލިބޭ ވަރަށްބޮޑު ހިތްވަރަކަށް ވާނެއެވެ.  މިއީ، އިންސާނިއްޔަތަށް ޓަކައި ކުރެވޭ ވަރަށް މަތިވެރި ޚިދުމަތެކެވެ. އަޅުކަމެކެވެ. މިކަން ހަނދާނުގައި ބެހެއްޓެވުމަށް ގޮވައިލަމެވެ.

 

މިއަދު އޮންލައިން