ބައެއް މީހުން މާމަކާފަ ދަރިން ނުލިބިގެން ނުވަތަ މަދުވެގެން ކަންބޮޑުވަނީއެވެ. އަނެއްބައަކު ދަރިން ނުލިބިގެން ނުވަތަ ލިބުނު ދަރިން މަދުވެގެން ކަންބޮޑުވަނީއެވެ. ވިސްނާލަން އޮތް ކަމަކީ އެކަމަކަށް ތިމާގެ އަމިއްލަ ބާރެއް ނުހިންގޭނެ ކަންކަމަށް ކަންބޮޑުވެގެން ކުރާނެ އެއްވެސް ފައިޑާއެއް ނެތްކަމެވެ. އޮތީ ދުޢާކުރުންމަތީގައި ކެތްތެރިވުންކަމެވެ.
އެއްވެސް ޝައްކެއް ނެތެވެ. ކައިވެނީގެ މޭވާއަކީ އެކައިވެނީގައި ދެއްވަވާ ދަރިންކަމަށް ބުނެވޭ ބަހަކީ ވަރަށް ތެދު ޙަޤީޤަތެކެވެ. އެހެންކަމާއިއެކުވެސް ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ މޭވާއަޅާނީ ﷲ ތަޢާލާ އެކަން އިރާދަކުރެއްވެވުމުން މިންވަރުކުރެއްވެވި ވަރަކަށެވެ. އަދި މިންވަރުކުރެއްވެވި ދުވަހަކުންނެވެ. މިންވަރުކުރެއްވެވި ނަމައެވެ!
މިއީ އަހަރެންގެ ގާތް މީހަކަށް ކުރިމަތިވި ކަމެކެވެ. އޭނާވަނީ އޭނާއަށް މެދުވެރިވި ގޮތުގެ ވާހަކަ ދައްކައި މީސްތަކުން ހޭލުންތެިކޮށްދިނުމަށް އެދިފައެވެ. މިވާހަކަ މިދައްކަނީ އޭނާގެ އެދުމުގެމަތިންނެވެ.
އެދެމަފރިންނަށް ދަރިއަކު ނުލިބެއެވެ. އެހެންވެ މެދުކެނޑުމެއް ނެތި ދުޢާކުރަމުން ގެންދާތާ އެތައް އަހަރެއްފަހުން ދަރިއަކު ދެއްވެވިއެވެ. ނަމަވެސް ޖެނެޓިކް މައްސަލަތަކެއް ހުރި ކުއްޖެކެވެ. ދެވަނަ ދަރިއަކުވެސް ދެއްވެވިއެވެ. ނމަވެސް ޖެނެޓިކް މައްސަލަ ހުރި ކުއްޖެކެވެ. އެހިސާބުން އޭނާ ދުޢާކުރީ އޭނާއަށް ދަރިއަކު ނުދެއްވެވުން އެދިއެވެ.
މިމިސާލުގައި ފާހަގަމިކުރަނީ ދަރިއަކު ދެއްވެވުން އެދި ދުޢާނުކުރުމަކަށް ނޫނެވެ. ދަރިން ނުލިބޭނަމަ ދުޢާކުރަންވާނެއެވެ. ދަރިން ލިބޭތޯ ޞިއްޙީ ގޮތުން ހޯދެން އޮތް ފަރުވާއެއްވެސް ހޯދަންވާނެއެވެ. ނަމަވެސް ފާހަގަކުރަން ބޭނުންވަނީ އެކަމަށް ކުރެވެން ހުރި މަސައްކަތްކޮށް އަދި ދުޢާކުރުމުން ވެސް ހިންމަވައި ނުދެއްވެވިނަމަ މާޔޫސްނުވުމަށެވެ. ހިތާމަނުކުރުމަށެވެ.
ތިމާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހުރެ މަސައްކަތްކޮށް ދުޢާކުރުމުން ހިންމަވައި ނުދެއްވެވި ނަމަ ޤަބޫލުކުރަންވީ އެކަން ހިންމަވައި ނުދެއްވަވަނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމުގައިވާތީ ކަމަށެވެ. ﷲ ތަޢާލާގެ މިންވަރުފުޅަށް އީމާންވުމަކީ އެއީއެވެ. އެދޭކަމެއް، އެދޭ ގޮތަށް ހިންމަވައި ނުދެއްވަވައިގެން ހިތާމަކުރެވޭނަމަ އެއީ އީމާންކަމުގެ މައްސަލައެކެވެ. ތަޤްވާވެރިކަން ކުޑަކަމުގެ ހެއްކެކެވެ. މަސައްކަތްކުރަންވީ ފުރިހަމައަށް އީމާންވާ އަދި ތަްްވާވެރިއަކު ކަމުގައިވުމަށެވެ. އުފަލުގައި ހުރެވޭނީ އެއިރުންނެވެ.
- މުފްތީ މެންކްގެ ދަރުސަކުން