ބާރުގަދަކުރަން ބާރުގަދަ ބޭސް ބޭނުންކުރީމާ ބާރުކެނޑި ޙާލުގަ ޖެހުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ބާރުގަދަކުރަން ބާރުގަދަ ބޭސް ބޭނުންކުރީމާ ބާރުކެނޑި ޙާލުގަ ޖެހުނު މީހެއްގެ ވާހަކަ-

ބާރުގަދަ ބޭސްތައް ބޭނުންކުރުމާއި މަސްތުވާ ތަކެތި ބޭނުންކުރުމާއި ބަރަހަނާ ބެލުމަކީ ޖިންސީ ގޮތުން ވަރުގަދަވާ ކަމެއް ކަމަށްބަލައިގެން ފަރުވާއެއްގެ ގޮތުގައި އެބަ ބޭނުން ކުރެއެވެ. އެއިން ކަމަކުން ފުރަތަމަ ކޮޅު ކޮންމެވެސް ވަރެއްގެ ފައިދާއެއްވެސް ފެނިދާނެއެވެ. ނަމަވެސް އިސާހިތަކު މީހާގެ ނާރުތައް ބަލިކަށިވެ ދެން ޖެހޭ މައްސަލަތައް މާގިނަވާނެއެވެ. 

އެހެން އެކަންކަން ނުވާނީ ކީއްވެގެން ހެއްޔެވެ؟ މިކުރެވެނީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަމެވެ. އަބަދުވެސް ހަނދުމަކޮށްދޭ ފަދައިން އިންސާނުންނަށް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް ﷲ ތަޢާލާ ނަހީކުރައްވަވާފައެއް ނުވެއެވެ. ޙަރާމް ކުރެއްވެވި ކޮންމެ ކަމެއްވެސް ކުރައްވަވާފައިވަނީ މީސްތަކުންގެ ފައިދާއަކަށެވެ.  

މިޘާލެއްގެ ގޮތުން އަހުރެންގެ އެކުވެރިއެއްގެ ޙާލަތު ބުނެލާނަމެވެ. މިއަދު އުޅެނީ އަތްތުރުތުރުއަޅާވަރުން އަތުން ކަމެއް ނުކުރެވިގެންނެވެ. އެޙާލަތަށްދާއިރު އެހެން ގުނަވަންތައް ހުންނާނެ ޙާލަތު ވިސްނާށެވެ. އޭނާއަކީ ޒުވާން ކުއްޖަކާއި ކައިވެނިކޮށް މިގެންގުޅޭ ބާރުގަދަ ބޭސްތައް ބޭނުން ކުރި މީހެކެވެ. 

އޭނާ ބުންޏެވެ. "ފުރަތަމަ ކޮޅު ވަރަށް ރަނގަޅެވެ. ނަމަވެސް މިހާރު ގުނަވަނުން ބޭނުމެއް ނުކުރެވޭތާ އެތައް ދުވަހެކެވެ." ދެން ނިކަން ބުނެބަލާށެވެ! އެކަމުން ކުރީ ފައިދާހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް! 

ބައެއް މީހުން އެމީހުން ގެންގުޅޭ ފޯނުން ނުވަތަ އެހެންވެސް ވަސީލަތަކުން ﷲ ތަޢާލާ ހަރާމްކުރެއްވެވި ކަންކަން ކޮށްފައި ނުވަތަ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްޗެއް ބޭނުންކޮށްފައި އެކަންކުރީ ދެމަފިރިންގެ ގުޅުން ރަނގަޅުކުރަން ގައިގެ ބާރުޖައްސަން ކަމަށް އެބަބުނެއެވެ. 

މީސްތަކުންނޭވެ! މިއީ ކިހިނަކުން ދެއްކޭނެ ބަހަނާއެއް ހެއްޔެވެ؟ އަހުރެންވެސް ޤަބޫލުކުރަމެވެ. ޞިއްޙީ ސަބަބުތައް މެދުވެރިވެ ތިއަކަންތަކުގައި އެހީތެރިކަމަށް ނުވަތަ ފަރުވބާއަށް ބޭނުންވާ މީހުން ވަރަށް ގިނައެވެ. ތިބާއަކީ އެއިގެ ތެރެއިން މީހަކަށްވެދާނެއެވެ. 

އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ތަޖުރިބާހުރި ޑޮކްޓަރެއްގެ ގާތަށް ގޮސް އަވަހަށް ފަރުވާހޯދާށެވެ! އެއީ ކުރަން ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. ފަރުވާކުރަންޖެހޭ ކޮންމެ ބައްޔަކަށްވެސް ފަރުވާކުރުން ދީނުގައި ވަނީ ހުއްދަކުރައްވަވައިފައެވެ. 

ހަމައެކަނި ޔަޤީންކުރަންޖެހޭ ކަމަކީ މިކުރެވޭ ފަރުވާއަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ފަރުވާއެއްކަމެވެ. ފަރުވާ ހޯދުމުގެ ނަމުގައި ﷲ ތަޢާލާ ޙަރާމް ކުރައްވަވާ އެއްވެސް ކަމެއް ކުރުން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! ފަރުވާ ހޯދުމުގެ ތިއަކުރާ ޙަރާމްކަންކަން ކުރަން ބުނެދޭ ކޮންމެ މީހަކީ  ޝައިޠޯނެކެވެ. ޝައިޠޯނާ ބުނެދޭ ކަންކަން ކޮށްގެން ލިބޭނީ ކޮން ފަރުވާއެއް ހެއްޔެވެ؟ ފަރުވާ ނުވަތަ ޝިފާ ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން