ތިބާގެ ބައިވެރިޔާ ހިނިތުން ކުރުވާފަ ބަހައްޓަން ދޭންޖެހޭ "ޑޯޒް" ނުދީ އަހުރެންގެ ބައިވެރިޔާ ހިނިތުންވެގެން ހުންނާތީ ޙަސަދަވެރިވިޔަސް ތިބާއަށް ކުރާނެ ފައިދާއެއް ނެތް! ވާނީ އިތުރަށް ގޯސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ތިބާގެ ބައިވެރިޔާ ހިނިތުން ކުރުވާފަ ބަހައްޓަން ދޭންޖެހޭ "ޑޯޒް" ނުދީ އަހުރެންގެ ބައިވެރިޔާ ހިނިތުންވެގެން ހުންނާތީ ޙަސަދަވެރިވިޔަސް ތިބާއަށް ކުރާނެ ފައިދާއެއް ނެތް! ވާނީ އިތުރަށް ގޯސް!

އެއް ގެއެއްގައި ގިނަ ޢާއިލާތައް އެކުގައި ދިރިއުޅޭނަމަ ފިތުނައާއި ޙަސަދަވެރިކަން އުފެދެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އަނެކާގެ ޢާއިލާ، ތިމާގެ ޢާއިލާއަށްވުރެ އުފަލުގައި އުޅޭތަން ފެންނަކަމެވެ. ތިމާމެން ދެމަފިރިންނަށްވުރެ އަނެކާގެ ދެމަފިރިން މާލޯބިން އުޅޭތަން ފެންނަކަމެވެ. މާބޮޑަށް ހިނިތުންވެގެން ތިބޭތަން ފެނުމެވެ.  

މިއީ ޙަސަދަވެރިވުމަކުން ޙައްލުކުރެވޭނެ މައްސަލައެއް ނޫނެވެ. މި މައްސަލަ ޙައްލުކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް އެދެމަފިރިން އެހައި ލޯބިން އެކުގައި އުޅެނީ ކޮން ސަބަބަކާއިހުރެކަން ބަލާށެވެ. ހަމަ ޤައިމުވެސް އެކަމަށް ސަބަބެއް އޮންނާނެއެވެ. އެކަމެއް އޮޅުންފިލުވައި އެކަމަކަށް ޢަމަލުކުރުމުގެ ހިތްވަރު ނެތްނަމަ އަނެކާއަށް ޙަސަދަވެރިވުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަމުން ލިބޭނީ އިތުރު ދެރައެވެ. ކަންކަން ވާނީ އިތުރަށް ގޯހެވެ.  

އެއީ ކީއްވެގެން ކަމަށް ހެއްޔެވެ؟ އެއީ ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިނުގަންނަވާތީއެވެ. އެހެން މީހުންނަށް ޙަސަދަވެރިވުމަކީ ﷲ ތަޢާލާ ލަޢްނަތް ލައްވަވާ ކަމަކަށްވާތީއެވެ.  

މިވާހަކަކޮޅާއިއެކު އަހުރެން އަބަވެސް ދައްކާ ބައެއް ވާހަކަ ހަނދުމަކޮށްލައިދޭނަމެވެ.  

ރަނގަޅަށް ބަލައިފިނަމަ އެނގޭނެ އެއްކަމަކީ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހުންނަށް އެހެންމީހުންގެ ރަޙުމާއި ލޯބިނުލިބުންކަމެވެ. އަޅައިލުމާއި އޯގާތެރިކަން ނުލިބުންކަމެވެ.  

އެކަމަކު ސުވާލަކީ ތިބާ އެހެން މީހުންނަށް އެކަންކަން ދެންހެއްޔެވެ؟ ދެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ އެހެންމީހުންގެ ކިބައިން އޯގާތެރި ބަސްތަކަށް އެދެވޭއިރު ތިމާއަށް އެފަދަ ބަސްތައް ބުނެވެނީ ކިހައިވަރަކަށް ހެއްޔެވެ؟  

އަހުރެންގެ ބަހެއް ނޫނެވެ. ޙަދީޘްފުޅުން އެނގެން އޮތްކަމެކެވެ. އެހެން މީހުންގެ ލޯބި ލިބޭނީ ލޯބިދީގެންކަމެވެ. އަޅައިލުން ލިބޭނީވެސް އޯގާތެރިކަން ލިބޭނީވެސް ތިމާވެސް އެކަންކަން އެހެންމީހުންނަށް ދީގެންކަމެވެ.  

ކޮންމެއަކަސް އަހުރެންގެ އެންމެ ބޮޑު އެއް ނަޞޭޙަތަކީ އެއްވެސް މީހަކަށް ބުރަބަހެއް ނުބުނުމެވެ. ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުކުރުމެވެ. އެއިރުން އެހެންމީހުންގެ ކިބައިން ލޯބިލިބުން އިތުރުވާނެއެވެ. އަދި ފަހަރެއްގައި އެހެން މީހުންގެ ކިބައިން ލޯބި ނުލިބުނު ނަމަވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބެމުންދާނެތީއެވެ. އިން ޝާ ﷲ  

އަހުރެންނަށް ހެޔޮ ނަޞޭޙަތްދޭ މީހަކު އަހުރެން ކުޑައިރު އަހުރެންގެ ގާތުގައި ބުނެފައިވެއެވެ. ޒަވާޖީ ޙަޔާތެއް ފެށިނަމަވެސް ބައިވެރިޔާއަށްވުރެ ބޮޑަށް ބައިވެރިޔާއަށް ލޯބިދޭށެވެ. އޭނާ އަޅައިލާވަރަށްވުރެ ބޮޑަށް އަޅައިލާށެވެ. އެކަންކަން ހަމަހަމަކުރަން އުޅޭނަމަ ގާތީ ފޭލްވުމެވެ. ކާމިޔާބުކުރެވޭނީ ލިބޭވަރަށް ނުބަލައި އިތުރަށްދީގެންނެވެ!  

އެ ނަޞޭޙަތް އަހުރެންގެ ކަންފަތަށް މިއަދުވެސް އަޑުއިވޭފަދައެވެ. އެހެންވެ ޢަމަލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމެވެ. އެކަމުން ނުކުންނަ ނަތީޖާވެސް ވަރަށް ފޮންޏެވެ.  

ބުނަން ހެއްޔެވެ؟ އަހުރެމެންގެ ގޭގައި 4 ޢާއިލާއެއް (4 ދެމަފިރިންނާއި ދަރިން) ދިރިއުޅެއެވެ. ހިނިތުންވެގެން ހުއްޓައި އެންމެ ގިނައިން ފެންނާނީ އަހުރެންގެ އަނބިމީހާއެވެ. އެހެންވެ އެހެން މީހުން އެވާހަކަވެސް ދައްކައެވެ.  

މައްސަލައަކީ އަނބިމީހާ ހިނިތުންކުރުވާފައި ބަހައްޓަން އަހުރެން ކުރާ މަސައްކަތް އެމީހުންނަށް ކިޔައިދިނަސް އެކަންކަން އެމީހުން ނުކުރާކަމެވެ. އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުން ނުދޭކަމެވެ. ދޭނަމަ އެކަމުގެ ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ  

މިއީ މިދާއިރާއިން ވަރަށް ފުންނާބު އުސް މީހަކު ބުނެފައިވާ ވާހަކަތަކެކެވެ. މިކަންކަން އަހުރެންނަށްވެސް ޤަބޫލުކުރެވޭތީ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން