އިސްލާމް ދީނަށް ޢަމަލުކުރުމުން ލިބޭނެ ހިތްހަމަޖެހުން ހިތަށް ގެންނަންވެސް އުނދަގޫވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އިސްލާމް ދީނަށް ޢަމަލުކުރުމުން ލިބޭނެ ހިތްހަމަޖެހުން ހިތަށް ގެންނަންވެސް އުނދަގޫވާނެ!

މިޘާލަކަށް ބުނާނަމަ ތިބާ ގެންގުޅޭ ފޯނުގެ ބައެއް ހަލާކުވީމާ އެހެން މޮޑެލެއްގެ ފޯނެއްގެ ބައެއް ލައްވައިގެން ބޭނުންކުރާނީ ކިހިނަކުން ހެއްޔެވެ؟ ފަހަރެއްގައި ބޭނުންކުރެވުނަސް އަބަދުހެން އޮންނާނީ މައްސަލަތައް ޖެހިފައެވެ. ތިބާގެ ފޯނުން ލިބުނު ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.  

އަހުރެމެން އެންމެން ދުނިޔެއަށް ފޮނުއްވަވާފައި މިތިބީ ﷲ ތަޢާލާގެ ދީން ޤަބޫލުކޮށް އެދީނަށް ޢަމަލުކުރުމަށެވެ. އެކަމަކު ގިނަ ބައަކަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. މުސްލިމުން މިކިޔަނީ އެކަން ޤަބޫލުކުރެވޭ މީހުންނަށެވެ. ހިތާމައަކީ ޤަބޫލުކުރެވޭ މީހުންނަށްވެސް ޢަމަލުނުކުރެވޭ ކަމެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދަނީ ދުނިޔޭގެ ޙަޔާތުގައިވެސް ހިތްހަމަޖެހުން ނުލިބުމެވެ.  

ﷲ ތަޢާލާގެ ދީން ޤަބޫލުނުކުރިޔަސް ހިތްހަމަޖެހުން ލިބޭނެ ކަމަށް ޤަބޫލުކުރެވެނީ ﷲ ތަޢާލާގެ ދީން ޤަބޫލުކޮށް އަދި ޢަމަލުކުރުމުން ލިބޭ ހިތްހަމަޖެހުން އިޙްޞާޞްނުކުރެވޭތީއެވެ. އެކަން އިޙްޞާޞްކުރެވޭ މީހުންގެ ބަސް ހުންނާނީ މިފަދައިންނެވެ. (ތިރީގައިވާ ލިޔުމުގައިވާ ފަދައިންނެވެ.)  

"އަހުރެން އިސްލާމްވާން މަސައްކަތްކުރަމުން އައި ދުވަސްވަރު ވަރަށް ގިނަ ބައަކު އެކަމަށް ފާޑުކިޔައި ބިރުދައްކައިވެސް ހެދިއެވެ. އެކަމަކު އަހަރެންގެ ބައްޕަ (މުސްލިމެއް ނޫން) ވަރަށް ހިތްވަރު ދިނެވެ. ބުނީ ދަރިފުޅަށް ދުނިޔޭގައި ރަނގަޅަށް އުޅެވެން އޮތީ އިސްލާމް ދީނުގައިކަމަށްވާނަމަ އިސްލާމްވުމަށް. އެކަމުގަ ކުރިއަށް ދާން.  

އަހަރެން އިސްލާމްވީ ދުނިޔޭގައި ރަނގަޅަށް އުޅެވެން އޮތީ އިސްލާމްދީނުގައި ހުރެގެން ކަމަށް ޔަޤީންކުރެވިގެން. އެހެންވެ އިސްލާމްވުމަށްފަހު މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. އުފަލުގަ."  

މިއީ އަލަށް އިސްލާމްވި އެމެރިކާގެ އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. ކޮންމެ މުސްލިމަކަށްވެސް ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ސަބަބަކީ މުސްލިމަކަށްވުމުގެ ބޭނުމަކީ ދުނިޔޭގައި ރަނގަޅަށް އުޅުންކަމަށް އޭނާ އެބުނާ ބަހަކީ ވަރަށް ބޮޑު ތެދަކަށްވާތީއެވެ.  

އިސްލާމެއްކަމުގެ ހިތްހަމަޖެހުން އެމީހަކަށް ލިބޭނީވެސް، އެކަމުން ފައިދާކުރާނީވެސް ދުނިޔޭގައި ރަނގަޅަށް އުޅެވިގެން ކަމަށްވާތީއެވެ. ޤިޔާމަތް ދުވަހު ކާމިޔާބާއި އުފާލިބެން އޮތީވެސް ރަނގަޅަށް ދުނިޔޭގައި އުޅެވިގެންކަމަށްވާތީއެވެ. 

އިސްލާމް ދީން ދަސްކޮށްދެނީ ރަނގަޅު ގޮތްތަކެވެ. ރިވެތި އަޚްލާޤެވެ. ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. މިސިފަތައް މީހެއްގެ ކިބައިގައި ހަރުލެއްވެވިއްޖެނަމަ އެމީހަކަށް ދެދުނިޔޭގައި ވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން