ދަރިންގެ އަޅާލުން ބޭނުންނަމަވެސް ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދަރިންގެ އަޅާލުން ބޭނުންނަމަވެސް ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން މަސައްކަތްކުރާށެވެ!

"ފައިސާ! ފައިސާ!" އެންމެންގެ ސިކުނޑިތައް ފުރާލެވިފައިވަނީ ފައިސާގެ ދަހިވެތިކަމުންނެވެ. އެހެންކަމުން ދަރިން ބަލައި ބޮޑުކުރުމުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ދަރިފުޅަށް ވީހާގފިނަ ފައިސާ ލިބި އެކަމުގެ ފައިދާ މައިންބަފައިންނަށް ކުރާނެ ގޮތަށެވެ. އެކަމުގެ ޙަޤީޤީ ނަތީޖާއާއިމެދު ވިސްނަިލަމާ ހިނގާށެވެ! 

ދަރިން ބޮޑެތިވުމުން މައިންބަފައިންނާއި އަލައިނުލުމުގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. އެކަން އެހައި ބޮޑު މައްސަލައަކަށްވެގެން މިދަނީ ދަރިން ބޮޑެތި ކުރެވޭ ގޮތުންނެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށްވުރެ ތައްލީމް ދިނުމަށް އިސްކަންދެވޭތީއެވެ. ސްކޫލުން ރަނގަޅު ނަތީޖާ ހޯދާނަމަ އުޅޭނެ ގޮތަކަށް އުޅެން ފުރުޞަތުދެވޭތީއެވެ. ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް ރުހިގެން ތިބެވޭތީއެވެ. އަޚުންނާއި އުޚުތުންނަށް ކޮންމެ ގޮތަކަށް މުޢާމަލާތުކުރިޔަސް ކަންބޮޑުނުވެ މައިންބަފައިން ތިބޭތީއެވެ. 

ލޯބިން ބަލައިބޮޑުކުރާ ދަރިން ނުބައިމަގުންދާނަމަ މައިންބަފައިން ކަންބޮޑުވާނެއެވެ. ކަންބޮޑުވި ނަމަވެސް މައިންބަފައިން އެންމެ ބޮޑަށް އިހްމާލްވާ ކަންތަކުގައި ވިސްނަނީ ވަރަށް މަދު ބެލެނިވެރިއެކެވެ. 

މައިންބަފައިންނަށް މިހާރު ބޮޑަށް ސަމާލުކަން ދެވެނީ ދަރިންނަށް ކިޔަވައިދިނުމަށެވެ. ތަރުބިއްޔަތުކުރުމާއިމެދު ވިސްނައިލެވެނީ މަދު ބެލެނިވެރިއަކަށެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ސަބަބަކަށް ވަނީ ތަރުބިއްޔަތުނުކޮށް ދެވޭ ތައްލީމުގެ ފައިދާ ކުޑަވެގެންދާ ކަމެވެ. 

ދަރިންނަކީ މަންމަ އާއި ބައްޕަ ކުރާ ކަންކަން ވަރަށް ގާތުން ބަލާބައެކެވެ. ފެންނަ ކަންކަން ވަރަށް ފަސޭހައިން ކޮޕީކުރާބައެކެވެ. އެހެންކަމުން ދަރިންގެ ތަރުބިއްޔަތަށް ވިސްނާނަމަ ފުރަތަމަ އިޞްލާޙްވާންޖެހެނީ މަންމަ އާއި ބައްޕައެވެ. އިޞްލާޙްވެ ދަރިންނަށް ރަނގަޅު ނަމޫނާ ދައްކަންޖެހޭނެއެވެ. 

މާކުރިއަކަށް ނޫނެވެ. ތަންކޮޅެއް ކުރިއަށް ބަލާށެވެ! މިއަދުގެ މުސްކުޅިންގެ ޒުވާންއިރަށްބަލާށެވެ! ޢިލްމީ ގޮތުން މަތީ ފާސްތައް ނަގައިގެން ތިބޭ މީހުން މަދުވާނެއެވެ. ނަމަވެސް އެމީހުންގެ ދަރިންގެ ކިބައިގައި އަޚްލާޤީ ރިވެތި ސިފަތައް ހުރެއެވެ. އެއީ މައިންބަފައިން އެސިފަތައް ދަރިންނަށް ދައްކައިދިނިތީއެވެ. ނަމޫނާ ދެއްކީތީއެވެ. 

ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް މިއީ ހަމަ ފެންނަން ހުރި ކަންކަމެވެ. ވީމާ ދަރިންގެ ތަޢްލީމަށްވުރެ ތަރުބިއްޔަތަށް ދޭ ސަމާލުކަން އިތުރުކުރާށެވެ! އަދި މުޅި ގޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ދީނަށް ޢަމަލުކުރުން ކަމުގައި ހަދާށެވެ. އެއިރުން އެގެއެއް ފުރިފައިވާނީ ރަނގަޅު ތަރުބިއްޔަތުންނެވެ. 

އެއިގެ ބަދަލުގައި ދީނަށް ޢަމަލުކުރުމަކީ 2،3،4 ވަނަ ކަންތައް ކަމުގައި ހަދައިފިނަމަ ދަރިންގެ ތަރުބިއްޔަތަށް ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ. ދަރިންނަސް ކިޔަވައިދިނުމުންވެސް ނުބައިމަގުން ދާތީ ކަންބޮޑުވާނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ. ބޮޑު ތަފާތެއް ފެންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން