އަޅުގަނޑުގެ ފުރަތަމަ ކައިވެނި ފޭލްވެގެން ދިއައީ ނުއެނގިހުރެ މަސްތުވާ ތަކެތި ބޭނުންކުރާ މީހަކާ އިވެނިކުރެވުނީތީއެވެ. ދެވަނަ ކައިވެނީގައި ލިބުނު ހަމައެކަނި އުފަލަކީ ދަރިއަކު ލިބުނު ކަމެވެ. އަޅުގަނޑަށްވެސް އަދި ދަރިފުޅަށްވެސް ލޯތްބާއި އަޅައިލުން ދިނުމަކީ އޭނާ ކުރަން ދަންނަ ކަމެއް ނޫނެވެ. ދެމައިންގެ ޙާލު ބަލައި އެހީތެރިވުމަކީ އޭނާ ވަރަށް ބީރައްޓެހި ކަމެކެވެ. އަޅުގަނޑު ނުވަތަ ދަރިފުޅު ބަލިވެގެން ޞިއްޙީމަރުކަޒުގައި ބޭއްވިޔަސް ވަދެލާނީވެސް ހިތަށް އެރިއްޔާއެވެ.
މިފަދަ ޙާލެއްގައި އުޅެނިކޮށް ބައްދަލުވެ އަޅައިލުން ދިން މީހަކާއި ކައިވެނިކުރީމެވެ. 3 ވަނަ ކައިވެންޏެވެ. އަޅުގަނޑަކީ މާތް ﷲ ގެ ރަޙްމަތުން އުންމީދުކަނޑައިލާ މީހެއް ނޫނެވެ. ވީމާ އުންމީދުކުރަނީ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމަށެވެ.
3 ވަނަ ކައިވެނި މިކުރީ ދެއަންތބަށެވެ. ފިރިމީހާ ވަރަށް ރަނގަޅެވެ. ހެޔޮކޮށް ހިތައެވެ. ލިބޭ މިންވަރުން އެހީތެރިވެސްވެއެވެ. އެކަމަކު ދޮށީއަނބީގެ ސަބަބުން ވަރަށް ހިތްދަތިކަން ލިބެއެވެ.
އަޅުގަނޑުގެ ޢުމުރަކީ އަދި 40 އަހަރެވެ. އަޅުގަނޑު ނިޞްބަތްވަނީ އެންމެ އުތުރުގެ ވަރަށް ކުޑަކުޑަ ރަށަކަށެވެ. ދިރިއުޅެނީ ރަށުގައެވެ. ބޭނުމީވެސް ރަށުގައި ދިރިއުޅޭށެވެ. ފިރިމީހާ ދިރިއުޅެނީ ދޮށީ އަންތބާއިއެކު މާލޭގައެވެ. އަޅުގަނޑުގެ ގާތަށް އަންނަނީ އަހަރަކު ވަރަށް މަދު ދުވަސްކޮޅަކަށެވެ. އެކަމަކަށްވެސް ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑަކީ ކެތްތެރިއަކީމެވެ. އެހެންވެ ގުޅައި އުނދަގުލެއްވެސް ނުކުރަމެވެ.
އެހެނަސް ފިރިމީހާވީމާ ދޭތެރެއަކުން ގުޅައިލިކަން އެނގުނަސް ދޮށީ އަނބިމީހާ އެކަމަށް ހުރަސް އަޅައި މައްސަލަތައް ޖައްސުވައެވެ. ފިރިމީހާ ބުނަނީ ކެތްތެރިވުމަށެވެ. މަސައްކަތް މިކުރަނީ ކެތްތެރިއަކަށްވުމަށެވެ.
އަޅުގަނޑުގެ ސުވާލަކީ ދޮށީ އަނބިމީހާ ކަމަށްވުމަކީ އެގޮތަށް ކަންތައް ކުރަން ހުއްދަވާނެ ސަބަބެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ބުނި ޙާލަތުގައި ކަންކަން ހުރިއިރު ކިޔުންތެރިޔާއަށް ޙަސަދަލައި ދެމަފިރިންގެ ގުޅުމަށް ހުރަސް އަޅަން ކަންކަން ކުރުން ހުއްދައެއް ނުވާނެއެވެ. ފިރިމީހާގެ ދިރިއުޅުން އެއޮތީ ދޮށީ އަނބިމީހާއާއިއެކުގައެވެ. ތިބާ ތިއަހުރީ މާދުރު ރަށެއްގައެވެ. ތިބާގެ ސަބަބަކުން ދޮށީ އަނބިމިހާޢަށް ލިބޭ އެއްވެސް އުނިކަމެއް ނެތެވެ.
ދެން ބުނެލަން އޮތީ ތިއަ ޙާލަތުގައި ފިރިމީހާ ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ގޭގައި ހުއްޓައި ދެވަނަ އަނބިމީހާއަށް ގުޅަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުން ބުއްދިވެރިއެވެ. އެކަން ޙައްލުކުރެވޭނީ ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުތަކުގައި ދެވަނަ އަނބިމިހާއަށް ގުޅައި ވާހަކަދެއްކީމައެވެ.
ހަމައެއާއިއެކު ދުރުގައި އިނަސް ދެވަނަ އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަންދޭންވާނެއެވެ. ގުޅައި ޙާލުބަލަންވާނެއެވެ. އެހީތެރިވެސްވާންވާނެއެވެ. ދެވަނަ އަނބިމީހާއަކީވެސް ފިރިއެއްގެ ކިބައިން ކަންތައްތަކަކަށް ބޭނުންވާނެ މީހެއްކަން ދަނެ އެކަމަށް ފަރުވާތެރިވާންވާނެއެވެ. މާލީ ގޮތުން އެހީތެރިވެދީފައި ކެތްތެރިވާން ބުނުމަކުން އެއީ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވުމެއް ނޫނެވެ. ޙައްޤުތައް އަދާނުކުރެވޭނަމަ ފާފަވެރިވާނެކަން ދަންނަންވާނެއެވެ.
ކިޔުންތެރިޔާ ތިއަވިދާޅުވިގޮތަށް ޢަމަލުތައްކުރާ ދޮށީ އަންތަބަކު ޢޭނާގެ ޢަމަލުތައް ބަދަލުކުރުމަކީ ވަރަށް ދުރުގައި އޮތްކަމެކެވެ. ފިރިމީހާއަށް އޮތީ އެކަމަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރުމެވެ.