ދީނަށް ޢަމަލުނުކުރާ މީހަކާ ކައިވެނިކުރަން މައިން ބަފައިން ދެކޮޅު ހަދައިފިނަމަ ރުޅިނައިސް އުފާކުރާށެވެ! މުޅި ދުނިޔޭގަ ހުރި އެންމެ ރީތި އަދި އެންމެ ތަނަވަސް މީހާ އާއި ކައިވެނިކުރެވުނަސް އާޚިރަތް ލިބިނުގަނެވިއްޖެނަމަ އެމީހަކު އެވަނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
އަޅުގަނޑަށް މީހަކު ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެއެވެ. ކައިވެނިކުރަން އުޅުމުން ބައްޕަގެ ރުހުމެއް ނުލިބުނެވެ. ބުނަނީ ވަލީ ނުދޭނެ ކަމަށެވެ. ސަބަބަކީ އޭނާއަކީ ނަމާދުކޮށް ދީނަށް ޢަމަލުކުރާ މީހަކަށް ނުވުމެވެ. އޭނާ ބުނަނީ ކައިވެންޏަށްފަހު ކަންކަން އިޞްލާޙްކުރާނެ ކަމަށެވެ. އެކަމަކު ބައްޕަވެސް މަންމަވެސް އޭނާގެ ވާހަކަ ޤަބޫލެއް ނުކުރެއެވެ. ބުނަނީ އެކަންކަން އިޞްލާޙްކޮށްގެން އައުމަށެވެ. އެމީހާ ދެކެވެސް އަދި މައިންބަފައިން ދެކެވެސް ވަރަށް ލޯބިވެއެވެ. މިޙާލަތުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
މިއީ އެކި ޢިބާރާތުން ވަރަށް ގިނައިން ކިޔުންތެރިން ކުރިމަތިކުރުވާ ސުވާލެކެވެ. ދޭން އޮތީ ހަމަ އެއް ނަޞީޙަތެކެވެ.
ކިޔުންތެރިޔާއެވެ! ލޯބިވެރިޔާ ދެކެވެސް އަދި ބައިވެރިޔާދެކެވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާއަށްޓަކައި ލޯބިވާންވާނީ ﷲ ތަޢާލާގެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ މީހަކުދެކެއެވެ. ދެވަނަ ކަމަކަށް ދީނަށް ޢަމަލުކުރުމަކީ ކައިވެނީގެ ފަހުން ނުވަތަ އެމީހަކު ބޭނުން ދުވަހަކުން ކުރަން އޮތް ކަމެއް ނޫނެވެ. އެއީ އަބަދުވެސް، ކޮންމެ ދުވަހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.
ކަނބުލޭގެ މައިންބަފައިން އެއަދާކުރަނީ އެމީހުން އަދާކުރަންޖެހޭ އެންމެ ބޮޑު އެއް ވާޖިބެވެ. އެކަމަށްޓަކައި އޮތީ އެމީހުންގެ ބަސް ޤަބޫލުނުކޮށް އެމީހުން ދެކެ ރުޅިއައުމެއް ނޫނެވެ. އެމީހުންނަށް ތަޢްރީފްކުރުމެވެ. ކިޔަމަންތެރިކުރުމަށެވެ. އެމީހުން އެމަސައްކަތްކުރަނީ ކަނބުލޭގެ ނަރަކައިން ސަލާމަތްކުރެވޭތޯއެވެ.
ތިރީގައިވާ ލިޔުން ކިޔައިލުމުން ވަރަށް ބޭނުންތެރި މަޢުލޫމާތު ލިބޭނެއެވެ. އިން ޝާ ﷲ
ބައެއް ޢާއިލާތަކުން ދަރިފުޅު ބައިވެރިއަކު އިޚްތިޔާރުކުރުމުން ދަރިފުޅުގެ އުފަލަށްޓަކައި އިސްލާމް ދީނަށް ލޯބި ނެތް ފިރިހެނުންނާއި އެބަ ކައިވެނިކުރުވައެވެ. ދަރިފުޅަށް އުފާވެރިކަން ހޯދައިދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި މިއީ ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ.
ކައިވެންޏަކީ ދިރިއުޅުމުގެ ބިންގަލެވެ. މުޅި ޙަޔާތް ބިނާވެގެންދާނީ އެ ބިންގަލުގެ މަތީގައެވެ. ވީމާ އެ ބިންގަލަކީ ވަރުގަދަ ބިންގަލެއް ކަމުގައި ހެދުމަކީ މައިންބަފައިންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. އެ ޒިންމާ އަދާކުރެވޭނީ އިސްލާމް ދީނުގައިވާ ގޮތަށް ކައިވެނިކުރެވިގެންނެވެ.
"އޭނާ އަދި މާ ޒުވާން. ބޮޑުވުމުން ދީންވެރިވެސްވާނެ." މިފަދަ ވިސްނުން ބައެއް ޢާއިލާތަކުން ގެންގުޅެއެވެ. ނަމަވެސް ޙަޤީޤަތަކީ ކައިވެނިކުރާ ޢުމުރަށް އެޅޭއިރު އެމީހެއްގެ ކިބައިގައި ދީނަށް ލޯބި ހުންނަން ޖެހޭނެ ކަމެވެ. ހުރިހާ ސުންނަތް ނަމާދުތައް ނުކުރެވުނު ނަމަވެސް ފަރުޟު އަދާކުރާ މީހަކަށްވާންޖެހޭނެ ކަމެވެ. ޚާއްޞަކޮށް ދީނުގައި ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާ މީހަކަށްވާންޖެހޭނެ ކަމެވެ.
"ކިތަންމެ ބަލައިގެން ކައިވެނިކުރުވިނަމަވެސް އެބަ ނިކަމެތިކޮށްލާ!" މިއީ ވެސް ބައެއް ޢާއިލާތަކުން ބުނާ ބަހެކެވެ. ޖަވާބަކީ ފަހުން ވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ތިބާގެ ވާޖިބު ތިބާ އަދާކޮށްފައިވާނަމަ ތިބާގެ ކިބައިން މަސްއޫލިއްޔަތު ކެނޑިގެންދާނެއެވެ. ނޫންނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.
ހަމައެއާއިއެކު ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއްކަމަކީ ދަރިފުޅު ބޮޑުވަމުން އަންނައިރު ބައިވެރިއަކު އިޚްތިޔާރުކުރަން ދަސްކޮށްދިނުމެވެ. "ދީންވެރި ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހަކު އިޚްތިޔާރުކުރަން ދަސްކޮށްދިނުމެވެ. ކައިވެނީގެ ކުރިން ދެމީހުންގެ ގުޅުންތައް ބަހައްޓަން ޖެހޭނެ އިންތައް ދަސްކޮށްދިނުމެވެ. އަދި އެކަންކަން ގާތުން ބެލެހެއްޓުމެވެ.
މިކަންކަމުގައި މައިންބަފައިން ނުވަތަ ބެލެނިވެރިން ފޭލްވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.
- ޔާސްމިން މުޤާބިދްގެ ދަރުސަކުން