މައިންބަފައިން ނުވަތަ މައިދައިތައާއި ބަފާބެގެ ކިބައިން ދިރިއުޅުމަށް ނުރަނގަޅު އަސަރުތައް ކުރާނަމަ އެމީހުންނާއި ވަކިވުމުގެ މައްސަލައިގައި ބައެއް ދަރިން ސުވާލުކުރެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ކޮންމެ މީހެއްގެ ކިބައިގައިވެސް ތަފާތު ސިފަތައް ހުންނާނެއެވެ. ޠަބީޢަތާއި ތަފާތު މިޒާޖުގެ މީހުންވެސް ތިބޭނެއެވެ. ކަންކަމަށް ދޫދޭނެ މީހުންނާއި ނުދޭނެ މީހުންވެސް ތިބޭނެއެވެ. ގޮތް ދޫކޮށް އިޞްލާޙްވާނެ ބައަކާއި ނުވާނެ ބައަކުވެސް ތިބޭނެއެވެ.
އަހުރެމެން އެންމެންވެސް އެންމެ ލޯބިވާ މައިންބަފައިންގެ ތެރޭގައިވެސް މިފަދަ ހުރިހާ ސިފަތަކެއް ހުރި މީހުން ތިބޭނެއެވެ. ވިސްނާލަންޖެހޭނެ ކަމަކީ މައިންބަފައިންގެ ކިބައިގައި ކިތަންމެ ގިނަ ނުބައި އަދި އުނި ސިފަތަކެއް ހުރިނަމަވެސް އެއީ އަޅާނުލައި ދޫކޮށްނުލެވޭނެ ބައަކު ކަމެވެ. ހެޔޮކޮށް ހިތަންޖެހޭނެ ބައެއް ކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! މަންމަ ނުވަތަ ބައްޕައަކީ މުސްލިމެއް ކަމުގައި ނުވިނަމަވެސް އެހީތެރިވާންޖެހެއެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއް ކުރަން ބުނެފި ނަމަ އޮތީ ދެކޮޅުހެދުމެވެ. އެވަޤުތުވެސް ލޯތްބާއިއެކުގައެވެ. ރުޅި އައިސް އެއްޗެތި ގޮވުމެއް ނެތެވެ.
މިހާރަކަށް އައިސް ކުރިމަތިވާ އެއް ސުވާލަކީ ތިމާއަށް ލިބިފައި ތިބި ދަރިންގެ ތަރުބިއްޔަތަށް މައިދައިތަގެ ނުވަތަ މަންމަގެ ފަރާތުން މައްސަލަތައް ކުރިމަތިވާނަމަ ކަންތައްކުރަންވީ ގޮތަކާއިމެދުގައެވެ. މީގެތެރޭގައި ބައްޕަ ނުވަތަ ބަފައިބެ ރުޅިގަދަވެ ގޭތެރޭގައި އަޑުގަދަކުރާ މައްސަލަވެސް ހިމެނެއެވެ.
ވަރަށް ހިތާމައާއިއެކު ބުނަން ޖެހެނީ އެޙާލަތުގައި އޮތީ ކެރިފޯރުންތެރިކަން ހުރިނަމަ މައިންބަފައިންނާއި ވަކިވެ އަމިއްލަ އަށް ދިރިއުޅެން ފެށުމެވެ. ދަރިން ލިބުމަށްފަހު ދަރިންގެ ތަރުބިއްޔަތަށްވުރެ އިސްކަން ދޭންޖެހޭނެ ކަމެއް ބާއްވައިގެން ނުވާނެއެވެ. އެކަމަކުވެސް ހަނދާންކުރާށެވެ! ދިރިއުޅުން ވަކިކުރުމަކުން މައިންބަފައިން ބަލަހައްޓަންޖެހުމުގެ ޒިންމާއަކުން މިންޖެއްނުވާނެއެވެ. އަޅާލައި ލޯބިދިނުމުގެ ޒިންމާއަކުންވެސް މިންޖެއް ނުވެވޭނެއެވެ. ވަކިން ދިރިއުޅުނަސް މައިންބަފައިންގެ ކަންކަން ވީއެންމެ ގާތުން ބަލަހައްޓަން ޖެހޭނެއެވެ. އަޅާލައި އެހީތެރިވެދޭންޖެހޭނެއެވެ. އެއީ ދުވަހަކުވެސް ދަރިންގެ ކިބައިން ކެނޑީގެންދާނެ ޒިންމާއެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން