ތިބާއަށް ދުނިޔެ ދޫކުރަން ޖެހޭ ވަޤުތު ގާތްވަމުން އެބައަންނަކަން އަންގަވަން މާތް ﷲ ދެއްވަވާ އިންޒާރުތަކުން މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ތިބާއަށް ދުނިޔެ ދޫކުރަން ޖެހޭ ވަޤުތު ގާތްވަމުން އެބައަންނަކަން އަންގަވަން މާތް ﷲ ދެއްވަވާ އިންޒާރުތަކުން މިންވަރެއް!

ފުރާނަ ހިއްޕަވަން ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވަވަނީ ވަރަށް ގިނަ ގޮތްގޮތުން އެމީހަކަށް އިންޒާރުތައް ދެއްވެވުމަށްފަހުގައެވެ. ދުނިޔޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެވިއްޖެކަމާއި ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރި ދާންޖެހުމުގެ ވަޤުތު ގާތްވެއްޖެ ކަމުގެ އިންޒާރުތަކެވެ. 

އިސްތަށީގެ ކުލަ ބަދަލުވުމާއި ހަމުގައި ރޫޖެހުމަކީވެސް އިންޒާރެވެ. ބައްޔެއްގައި އުޅެންޖެހުމަކީވެސް ހަމަ އިންޒާރެކެވެ. ގައިބާރު ދެރަވުމަކީވެސް އިންޒާރެކެވެ. މިހެން ގޮސް ތަފާތު އެތައް ގޮތަކުން އިންޒާރުތައް ދެއްވަވަތެވެ. 

ގިނަބައަކަށްވާގޮތަކީ ބޮޑު ބައްޔަކުން ޝިފާ ލިބިއްޖެނަމަ ޤަބޫލުކުރެވެނީ ޢުމުރަސް 100 އަހަރު އިތުރުވީކަމަށެވެ. ބައްޔެއް ނުވެ ހުރެވޭނަމަވެސް އެގޮތަށް ޤަބޫލުކުރެވެއެވެ. މިހުރީ ހައްތާވެސް ނުބައި ވިސްނުންތަކެވެ.  

މީސްތަކުންނޭވެ! އިތުރަށްވެސް ވިސްނައިލާށެވެ! ގިނަ ބައެއްގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވަނީ ނުހަނު ޒުވާން ޢުމުރުގައެވެ. އެހެންވީމާ އެމީހުންނަށް ކުރިން މިބަޔާންކުރި އިންޒާރުތަކެއް ނުލިބޭނެއެވެ. އެހެނަސް އެމީހުންނަށްވެސް އިންޒާރުތަކެއް ވެއެވެ. އެއީ ކޮންމެ ޢުމުރެއްގައިވެސް، އަދި ކޮންމެ ވަޤުތަކުވެސް ފުރާނަ ހިއްޕަވައިފާނެ ކަމުގެ އިންޒާރު ޤުރްއާނުގައި ދެއްވަވާފައި އޮތުމުންނެވެ. އެކަން އެގޮތަށް ހިނގާކަން ލޯތަކަށް ދައްކަވަމުން ގެންދަވާ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ކުރިމަތިކުރައްވަވާ ކަންކަމުން ޢިބްރަތް ޙާޞިލްކުރަން އެބަޖެހެއެވެ. އެއްވެސް ޒަމާނެއްގައި މީސްތަކުންނަށް އިންޡާރުތައް ދެއްވަވާފައިވަނީ ކޮންމެ މީހެއްގެ ކަންފަތަށް އިވޭ އަޑެއްގެ ގޮތުގައެއް ނޫނެވެ. މީސްތަކުންގެ ކަންފަތަށް އަޑު އިއްވަވަނީ ނަބީބޭކަލުންނާއި ރަސޫލްބޭކަލުން މެދުވެރިކުރައްވަވައެވެ. 

އަހުރެމެންނަށް އުޅެންޖެހިފައިވާ މިޒަމާނުގައި ފެންނަން އޮތީ ކީރިތި ޤުރްއާނެވެ. އަޑުއަހަންވީ ޤުރްއާނުގެ އާޔަތްތަކެވެ. ދެން ކިޔައި އޮޅުންފިލުވަންވީ ޙަދީޘްފުޅުތަކެވެ. މިއީ ދުނިޔެ ނިމުމާއި ހަމައަށް ދެމިގެންދާނެ މުޢްޖިޒާތްތަކެވެ. އަހުރެމެންނަށް އޮތީ އަޑުއަހައި ޢަމަލުކުރުމެވެ. 

އަބަދުވެސް ބުނާ ފަދައިން ދުނިޔޭގައި ތިމާ ހޭދަކުރާ ޙަޔާތް ނިމިގެންދާއިރު އޭނާގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ މަދުވެގެން ޤިޔާމަތް ދުވަހު އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. މައްސަލަ ޖެހޭނީ ﷲ ތަޢާލާ ދެއްވެވި ފައިސާއިން ޞަދަޤާތް ނުކުރާތީއެވެ. މައްސަލަ ޖެހޭނީ ﷲ ތަޢާލާޗ ދެއްވެވި ފައިސާއިން ޞަދަޤާތް ނުކޮށް އެކައުންޓަށް ގިނަކޮށްފައި ހުރީތީއެވެ. 

ވީމާ މަސައްކަތްކުރަންވީ ބޭންކް އެކައުންޓަށް ގިނަކުރެވޭތޯއެއް ނޫނެވެ. ވީހާގިނައިން ޞަދަޤާތްކުރެވޭތޯއެވެ. ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރެވޭތޯއެވެ! މުސްކުޅިވެ މަރުގާތްވެއްޖެ ކަމުގެ އިންޒާރުތައް ނުލިބުނަސް ކޮންމެ ދުވަހަކުވެސް މަރުވެދާނެކަމަށް ބަލައި މަރަށް ތައްޔާރުވެގެން އަބަދުވެސް ހުރެވޭތޯއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން