ވަރަށް ފައިދާކުރާނެ ފިލާވަޅެއް!: ކުރަމުން އައި ބޮޑުކުށް އަނބިމީހާއަށް ބޭޒާރުވީމާ ދެވަނަ ފުރުޞަތަކަށް އެންމެ ފުރުޞަތެއް ދިނުމުން ތައުބާވެ އިޞްލާޙްވި މީހަކަށް ކުރި ބޮޑުފައިދާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ވަރަށް ފައިދާކުރާނެ ފިލާވަޅެއް!: ކުރަމުން އައި ބޮޑުކުށް އަނބިމީހާއަށް ބޭޒާރުވީމާ ދެވަނަ ފުރުޞަތަކަށް އެންމެ ފުރުޞަތެއް ދިނުމުން ތައުބާވެ އިޞްލާޙްވި މީހަކަށް ކުރި ބޮޑުފައިދާގެ ވާހަކަ-

ﷲ ތަޢާލާ އެންމެންނަށްވެސް ފުރުޞަތުތައް ދެއްވަވައެވެ. މައްސަލައަކަށްވަނީ ބޭނުންނުހިފޭކަމެވެ. ބޭނުންހފައި ތައުބާވެ އިޞްލާޙްވެއްޖެ މީހަކަށް ޚިޔާލަށްވެސް ނުގެނެވޭފަދަ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވަތެވެ.  

ފުރަތަމަ ކަމަކަށް މިރޭ މިކިޔައިދެނީ މީހަކު އޭނާގެ އަނބިމީހާއާއިމެދު ވަރަށް ފަޚުރުވެރިވެފައި ކިޔައިދިން ވާހަކައެކެވެ. ރަނގަޅަށް އަޑުއަހާށެވެ.  

"އަހަރެންނަކީ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަ މީހެކެވެ. 2 ދަރިންވެސް ވަނީ ލިބިފައެވެ. ކައިވެންޏަށްފަހުގައިވެސް އަހަރެން އައީ ފާފަކުރަމުންނެވެ. އެކަން ﷲ ދެކެ ދެނެވޮޑިގެންވާކަމާއިމެދު ވިސްނައިވެސް ނުލަމެވެ. އެއީ އަހަރެންނަށް ޢަޛާބެއް ނުވަތަ ކޯފާއެއް ނުފޮނުއްވަވާތީކަމަށްވެދާނެއެވެ.  

ކޮންމެއަކަސް ކައިވެނީގެ 5 ވަނަ އަހަރު އަހަރެން ކުރަމުން އައިކަންކަން އަނބިމީހާއަށް ފަޅައިއެރިއެވެ. އަނބިމީހާ މާފެއް ނުކުރިއެވެ. 2 ދަރިން ތިބިކަމަށްޓަކައި ދިނީ އެންމެ ފުރުޞަތެކެވެ. ބުނީ އިޞްލާޙްވާށެވެ! ނޫންނަމަ ވަރިކޮށްލާފައިދާށެވެ! މާފްކުރާނީ އިޞްލާޙްވެއްޖެ ނަމަ ކަމަށެވެ.  

އަހަރެން އިޚްތިޔާރުކުރީ ތައުބާވެ އަނބިމީހާ އާއިއެކުގައި އުޅޭށެވެ. އެއީ 2 ދަރިންނަށްޓަކައެވެ. އެއިރު އަނބިމީހާ ދެކެ ލޯތްބެއްވެސް ނުވެވެއެވެ. އެއީ ކުރިން އުޅެވުނު ނުބައި ގޮތުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ތައުބާވުމުން އަހުރެންނަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ އަނބިމީހާދެކެ ލޯބިވެވެން ފެށުމެވެ.  

އަނބިމީހާގެ އެހީތެރިކަމާއިއެކު މިއަދު އަހުރެންނަކީ އިސްލާމްދީނަށް ވަރަށް ބޮޑަށް ލޯބިކުރާ މީހަކީމެވެ. ޢަމަލުކުރާ މީހަކީމެވެ. އަނބިމީހާގެ މާފް ލިބި ކައިވެނީގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި އިޙްޞާޞްކުރަމުން އަންނަ މީހަކީމެވެ.  

ދީނަށް އެހައިބޮޑަށް ލޯބިޖެހުނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ވިސްނުމުންނެވެ. ފުރަތަމަ ކަމަކަށް އެހައިދުވަހު ފާފަކުރެވުނުއިރުވެސް އެއްވެސް ޢުޤޫބާތެއް ނުޖެއްސެވީތީއެވެ. ދެވަނަ ކަމަކަށް އަހަރެންނަށް ކުރެވެމުން އައި ފާފަ އަނބިމީހާއަށް ބޭޒާރުކޮށްލައި ދެއްވެވިކަމަށްޓަކައެވެ. އެހެން ނޫންނަމަ އަދިވެސް އަހަރެންނަށް ހުރެވޭނީ ފާފަކުރެވޭ މީހެއްގެ ގޮތުގައެވެ. 3 ވަނަ ކަމަކަށް އަހަރެންގެ ކުށް އަނބިމިހާއަށް އެނގުމުންވެސް ވަކިނުވެ އެނެމެ ފުރުޞަތެއްގެ ގޮތުގައި ނަމަވެސް ދެވަނަ ފުރުޞަތެއް ދިނުމުގެ ވިސްނުން އަނބިމީހާއަށް ދެއްވެވިކަމަށްޓަކައެވެ.  

އިރާދަކުރެއްވެވިއްޔާ ދެން ދުވަހަކުވެސް އެއްވެސް ބާވަތެއްގެ ފާފައެއް ނުކުރާނަމެވެ. މަސައްކަތްކުރާނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިން ޢާއިލާއަށް ޖާގަހޯދުމަށެވެ. އިން ޝާ ﷲ  

އޭނާގެ ވާހަކަތަކަށް ވިސްނާށެވެ! ތައުބާވާން ލިބުނު ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުން ލިބުނު ބޮޑު ކާމިޔާބީއަށް ވިސްނައިލާށެވެ! އާޚިރަތް ގެއްލެމުން ދަނިކޮށް ސަލާމަތް ވެވުނު ގޮތާއި އަދި ސަބަބަށް ވިސްނައިލާށެވެ! ހަމައެއާއިއެކު ކިތަންމެ ނުބައި ޢަމަލެއް ކުރެވުނު މީހަކަށްވެސް އިޞްލާޙްވާނެ ފުރުޞަތުދިނުމުން ކުރާ ފައިދާއަށާއި ލިބޭ އުފާވެރިކަމުގެ ބޮޑުކަމަށް ވިސްނައިލާށެވެ. ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން