ކައިވެނިކުރެވެން އޮވެވެސް ކައިވެނިކުރަން ދެކޮޅުހެދުމަކީ އުންމަތުން ބޭރުވެދާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައިވެނިކުރެވެން އޮވެވެސް ކައިވެނިކުރަން ދެކޮޅުހެދުމަކީ އުންމަތުން ބޭރުވެދާނެ ކަމެއް!: މުފްތީ މެންކް

ކުރީގެ ކައިވެނީން ލިބުނު ހިތި ތަޖުރިބާއާއި ލިބުނު ނިކަމެތިކަން އެއީ ސަބަބަކަށް ހަދައި ނުވަތަ އެނޫންވެސް ޝަރުޢީ ސަބަބެއް އޮވެގެން ނޫނީ ކައިވެނި ނުކޮށް ނުތިބޭށެވެ! ކައިވެނިކުރުމަކީ މަތިވެރި ސުންނަތެކެވެ. ސުންނަތަށް ޢަމަލުނުކުރާމީހަކީ ތިމަން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އުންމަތުގެ މީހެއް ނޫންކަމަށް ޙަދީޘްފުޅުކުރައްވަވާފައި އެބައޮތެވެ. 

ހެޔޮގޮތުގައި ކައިވެނިކުރުމުން ދެމީހުންގެ ދެ ހިތްގުޅުވާލައިދޭނެއެވެ. ހިތުގައި އަނެކާގެ މައްޗަށް ލޯތްބާއި ހަމްދަރުދީ އުފެދޭނެއެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ. 

"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21) 

ހެޔޮ ގޮތުގައި ކައިވެނިކުރުމުން އީމާންކަން ވަރުގަދަވެގެންދެއެވެ. ޢަބުރާއި ޢިއްޒަތް ރައްކައުތެރިކުރެވެއެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވަތެވެ. ޙަޤީޤީ ހިތްހަމަޖެހުން ލިބުމުގެ އިތުރުން ސިކުނޑިއަށް ހަމަޖެހުން ލިބެން އޮތީވެސް ހެޔޮގޮތުގައި ކުރެވޭ ކައިވެނީގެތެރެއިންނެވެ. 

ކައިވެނިކުރަންވީ ދުނިޔަވީ އުފަލަށް އެކަންޏެއް ނޫނެވެ. ދުނިޔަވީ އުފާވެރިކަމުގެ އިތުރުން މިބުނި މަތިވެރި މަޤްޞަދުތައްވެސް ޙާޞިލުކުރުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން