ދަރިންނަށް ލޯތްބާ އަޅައިލުން ދޭންޖެހޭނީ ދެމަފިރިންގެ މެދުގަ ލޯބި އޮންނަވަރަށް ބަލައިގެނެއް ނޫން! ދަރިންނަށް ލޯބިނުދިނުމަކީ ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދަރިންނަށް ލޯތްބާ އަޅައިލުން ދޭންޖެހޭނީ ދެމަފިރިންގެ މެދުގަ ލޯބި އޮންނަވަރަށް ބަލައިގެނެއް ނޫން! ދަރިންނަށް ލޯބިނުދިނުމަކީ ފާފަވެރިވާނެ ކަމެއް!

އަޅުގަނޑުގެ ފިރިމީހާ އެއްވެސްކަމަކާ ހިތްހަމަނުޖެހިއްޖެނަމަ ދަރިންނަށް އެކަން ފޯރުވައެވެ. އަނގައިން ނުބުނެވެސް އެބަހުރެއެވެ. ގާތަށް ހިނގައްޖެނަމަ މޫނުހަދައި ދުރުކުރުން ފަދަ ކަންކަންވެސް ކުރެއެވެ. މިއީ ދީނީގޮތުން ކުރުން ހުއްދަވާނެ ކަންކަންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ދަރިން ދުނިޔޭގައި ތިބި ނަމަވެސް މައިން ބަފައިންގެ ބާރު އެއްވެސް ވަރަކަށް ހިނގާނީ ދާދި މަދު ދުވަސްކޮޅަކުއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ހަމައެއާއިއެކު ތިމާމެންގެ ބެލުމުގެ ދަށުގައި ދަރިން ތިބޭއިރު ދަރިންނަށް ދޭން ޖެހޭ ހުރިހާ ސަމާލުކަމެއް ދޭންވާނެއެވެ.

އަބަދުވެސް ބުނާ ބަސް މިރޭ ވެސް ހަނދާންކޮށްލައިދޭނަމެވެ. އެއީ ދަރންނަށް ދެވޭ އެންމެ އަގު ބޮޑު ހަދިޔާއަކީ ދެވޭ ކުޅޭތަކެތި ނުވަތަ ދެވޭ އެނޫންވެސް އެއްޗެތި ނޫން ކަމާއި ދަރިންނަށް ދެވޭނެ އެންމެ އެންމެ އަގު ބޮޑު ހަދިޔާއަކީ އެކުދިންނަކީ އިސްލާމް ދީނަށް ލޯބިކޮށް އަމަލުކުރާ ކުދިންގެ ގޮތުގައި ބޮޑުކޮށް ތަރުބިއްޔަތުކުރުން ކަމުގެ ވާހަކައެވެ.

ދަރިންނަކީ ތިބާގެ މިލްކެއް ކަމަށް ބުނީ ކާކު ހެއްޔެވެ؟ ބައެއް މައިން ބަފައިން އެމީހުންގެ ދަރިންނާއިމެދު އަމަލުކުރަނީ ހިތަށް އެރިހައި ގޮތަށެވެ. ބައެއް މައިން ބަފައިން ދަރިންނާއި އަޅައިލަނީ ދެމަފިރިންގެ ގުޅުން ރަނގަޅު ދުވަސްތަކުގައެވެ. ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ހައްލުވެ ހަމަޖެހިގެން ތިބެވޭ ދުވަހަކުއެވެ. ދެމަފިރިންގެ ގުޅުން ރަނގަޅު ނޫން ދުވަހަކު ދަރިފުޅުގެ ނެޕީ ވެސް ބަދަލުކޮށްލަދޭނީ ލީކުވެ ބޭރަށް ފައިބާން ފެށުމުންނެވެ.

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މި އާޔަތަށް ވިސްނާށެވެ! "އަދި ތިއަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުންގެ މުދާތަކާއި، ތިއަބައިމީހުންގެ ދަރިންނަކީ، އިމްތިޙާނެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، ﷲ ގެ ޙަޟްރަތު ގައެވެ." (އަންފާލް: 28)

ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ދަރިންނާއި ހަމައަށް ނުފޯރުވާށެވެ! އެއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށް ނޫނީ ނުވާނެއެވެ.

ދަރިންނަކީ ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅުންނާއި ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ދަރިން ދެއްވެވުމުން ދަރިންނަށް ހިތަށް އެރިހައި ގޮތެއް ނުހަދާށެވެ! ދަރިންނަކީ މައިން ބަފައިންގެ މިލްކެއް ނޫނެވެ. ވާރުތަ މުދައުގަނޑެއް ވެސް ނޫނެވެ. އެކުދިން އުފަންވުމުގެ ކުރިން ތިބީ ކޮންތަނެއްގައި ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި ނޫން ހެއްޔެވެ؟ މަރުވުމުން އެނބުރި ދަނީ ކޮން ތަނަކަށް ހެއްޔެވެ؟ ހަމަ ﷲ ތަޢާލާގެ ޙަޞްރަތަށް ނޫން ހެއްޔެވެ؟

ދަރިންނަކީ ހަމަ ދާދި ކުޑަ ދުވަސްކޮޅަކަށް މައިންބަފައިންނާއި ހަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ވީމާ އެކަމަށް ވިސްނައި ދަރިންނަށް ދޭން ޖެހޭ އަޅައިލުން ދޭން ޖެހޭނެއެވެ. ތިބާގެ ގާތުގައި (މަރުނުވެ) ތިބިނަމަ ތަންދޮރު އެނގެންވާއިރަށް ނަމާދުކުރުމަށް ލޯބި ޖައްސަން ޖެހޭނެއެވެ. 10 އަހަރުވުމުން ނަމާދުކުރުވަން ޖެހޭނެއެވެ. ބާލިޣްވާއިރު އެކުދިންނަށް އަޢުރަ ނިވާކުރަން ދަސްކޮށްދީ އެގޮތަށް ފޭރާން ލާން ޝައުޤްވެރިކުރުވަންވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާން ދަސްކޮށްދޭން ޖެހޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން