ވައްކަން ކުރުމުގެ ފެޝަން ބަދަލުވެއްޖެއެވެ. މިހާރު އައިސް ހުރިތަނަކަށް އަތްބާނައިގެން ސިއްރުން ނަގަނީއެއް ނޫނެވެ. އަނެކާއަށް ހުވަފެންތައް ދައްކައިގެން އޭނާގެ އަތުން ހޯދަނީއެވެ. އެގޮތަށް އެކަންކަން ކުރުމަށް ސްކޭމް ހިންގުންކަމަށްވެސް ކިޔައެވެ. މިފަދަ މަޅިތަކުގައި ޖެހެވޭ މީހުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި ދަރަނިވެރިވާން ޖެހޭތަންވެސް އެބައައުދެއެވެ. އަމިއްލަ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވި ހުންނަންވެސް އެބަޖެހެއެވެ.
އެކި ގޮތްގޮތުން މަކަރާ ހީލަތްހަދައިގެން ފައިސާއާއި ތަކެތި އަތުލަމުން ގެންދިއުން ޢާންމުކަމަކަށްވެ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުން އަންނައިރު ހޭލުންތެރިނުވުމަކީވެސް ކުށެކެވެ. ވީމާ ކޮންމެ މީހަކުވެސް މިކަންކަމަށް ހޭލުންތެރިވާން ޖެހޭނެއެވެ.
ބައެއް މީހުން އައިސް ތިބާގެ އަތުގައި ހުންނަ ފައިސާ ވަރަށް ފަސޭހައިން އިތުރުވާނެ ގޮތް ކިޔައިދޭނެއެވެ. އަދި އެކަމާ ޖާމިނުވާން ބޭނުންވެ ފައިސާ އެބަ ހޯދައެވެ. އެފަދަ ޙާލަތުގައި ފުރަތަމަވެސް ވިސްނައިލަންވީ ފައިސާ އިތުރުކުރުމަކީ އެހައި ފަސޭހައިން ކުރެވެން އޮންނަ ކަމެއް ނަމަ އެމީހާ އެކަން ނުކޮށް ހުންނަ ސަބަބާއިމެދުގައެވެ.
ފިހާރަތަކުން ޢާންމުކޮށް ގަންނަން ލިބޭ އަގަށްވުރެ މާ ބޮޑުތަން ހެޔޮ އަގުގައި ތަކެތި ހޯދައިދޭނެ ކަމަށްބުނެވެސް އެބަ ފައިސާ ހޯދައެވެ. އެފަދަ ހާލަތުގައި ފުރަތަމަވެސް ވިސްނައިލަންވީ އެހައި ހެޔޮ އަގެއްގައި އެމީހަކު އެ އެއްޗެއް ހޯދަނީ ކޮން ގޮތަކުންތޯއެވެ؟ އެމީހާ އަމިއްލައަށް އުފައްދަނީތޯއެވެ؟ އަދި އެމީހާ އެބުނާ މާހެޔޮ އަގަކީ މުދައު އުފައްދާ ކުންފުނިން އެއްވެސް މީހަކަށް ވިއްކާ އަގެއްތޯއެވެ!
މީހުންނަށް އިތުބާރު ކުރުމުން ފައިސާކޮޅު ގެއްލޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެފަދަ މައްސަލަތައް އިތުރުވަމުން އަންނަވަރުން މީސްތަކުން މިހާރު މިވަނީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ.
100 ދިރުހަމަށް ގަންނަން ލިބޭ އެއްޗެއް 80 ދިރިހަމަށް ގަންނަން މީހަކާއި 80 ދިރިހަމް ހަވާލުކުރުމުން އެއްޗެއް ނުލިބިއްޖެ ނަމަ 80 ދިރުހަމް އެކުގައި ގެއްލުނީއެވެ. އެއަށް 20 ދިރުހަމް އިތުރުކޮށް 100 ދިރުހަމަށް އެ ގަނެފިނަމަ އެ އެއްޗެއް އޮންނާނީ ލިބިފައެވެ. ވީއިރު ފައިދާ ބޮޑީ ކޮން ގޮތެއް ހެއްޔެވެ؟
ވީމާ މަކަރާއި ޙީލަތް ހެދުން މިހައި ޢާންމުވެފައިވާއިރު އެކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭނެއެވެ. އެއީ ތިމާގެ ކިބައިގައި އޮތް ޒިންމާއެއް ކަމަށް ބަލައި މަސްއޫލިއްޔަތު އަދާކުރަންވާނެއެވެ. އެހެން މީހުންނަށް އިތުބާރުކޮށްގެން ފައިސާ ގެއްލޭނަމަ ބޮޑީ އިތުބާރުކުރި މީހާގެ މައްސަލަކަން ޤަބޫލުކުރަންވާނެއެވެ.
ވައްކަންކުރި ނުވަތަ މަކަރު ހެދި މީހާއަށް އެކަމުގެ ޢަޛާބް ދެއްވަވާނެތެވެ. ވީމާ އެއީ ގެއްލިގެންދާ އެއްޗެއްވެސް ނޫނެވެ. ނަމަވެސް ބަލަންވީ ވަރަށް ނުބަލައި ފައިސާ ޚަރަދުކުރުމުން އެކަމުން ލިބޭ ގެއްލުން އެ ލިބެނީ އެމީހާގެ އަމިއްލަ އިހްމާލުންނެވެ. އަމިއްލަ އިހްމާލުން ފައިސާ ނުގެއްލޭނެ ގޮތްތަކަށް އަބަދުވެސް ވިސްނަންވާނެއެވެ. އެހެނީ ތިމާގެ އަތުގައި ހުރި ނަމަވެސް ކޮންމެ ފައިސާއަކީވެސް އަދި ތަނަވަސްކަމަކީވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާ އަމާނާތެކެވެ. އެއިގެ ބޭނުން ހިފަން ޖެހޭނީ ޙިކުމަތްތެރިކަމާއިއެކުގައެވެ. ދެދުނިޔޭގައިވެސް ފައިދާކުރާނެ ގޮތަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން