އެންމެ ތަނަވަސް މީހާގެ ދަރިން ދުނިޔެއަށް އުފަންވަނީ ތަފާތު ގޮތަކަށް ހެއްޔެވެ؟ އެއްވެސް ފޭރާމެއް ނެތް ނިކަމެތި ކުއްޖެއްގެ ގޮތުގައި ނޫންހެއްޔެވެ؟ މިއަދު ތަނަވަސްކަން ދެއްވަވާފައި ތިބި މީހުން ދުނިޔެއަށް އުފަންވީވެސް ހަމަ އެޙާލުގައި ނޫންހެއްޔެވެ؟ ހިތާމައަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެކަންކަންމަތިން ހަނދުމަނެތިކޮށްލެވޭ ކަމެވެ.
މިއަދު ނިކަމެތިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި ގިނަ މީހުން އެންމެ ކުޑަމިނުން އެމީހުންގެ އަޑުވެސް އަހަން ބޭނުންނުވާ ކަމުގެ ޝަކުވާއެވެ. ވީމާ މިކަމާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ!
"އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ. މިއީ އަޚް ހާރޫން. ވަރަށް ބޮޑު ކަމަކު ޖެހިގެން މަޝްވަރާކޮށްލަން 2 މިނިޓެއްވަރު ލިބިދާނެތޯ؟"
"މިވަގުތު ވަރަށް ބިޒީ! ކަސްޓަމަރެއް އެބައިން ކުރިމަތީގަ. ނިމިގެން މިވަންނަނީ މީޓިންގއަކަށް ފަހުން ގުޅާލާނަން."
އެހިސާބުން އެ ނިމުނީއެވެ. ހާރޫން ގުޅިކަން ހަނދާނުގައެއް ނުހުރެއެވެ. އިރުކޮޅަކުން އެހެން މީހަކާއި ބައްދަލުކުރަން ހާރޫން ގޮސް ކޮފީބާއަކަށްވަންނައިރު އެކުވެރިޔާ އިންނަނީ އަންހެންކުދިންތަކަކާ ނުވަތަ އެކުވެރިންތަކަކާއިއެކު ކޮފީގައެވެ. އެބުނި މީޓިންގ ކުރިއަށް ގެންދަނީ ކޮފީ ކޮފީމޭޒުގައެވެ.
ހާރޫނަށް ފެނުމާއި ނުފެނުން ބާއްވާށެވެ! ހަމަ ޔަޤީނުންވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދެކެދެނެވޮޑިގެންވެއެވެ.
މީސްތަކުންނޭވެ! އެންމެ ބިޒީކަމަށް ބުނާ މީހުންނަށް ބެލި ނަމަވެސް ބުރަކޮށް މަސައްކަތްކޮށްފައި ހުންނާނީ ދުވާލަކު ގިނަވެގެން 3، 4 ގަޑިއިރުއެވެ. ދެން މަސައްކަތްކޮށްފައި ހުންނާނީ ލުއިކޮށެވެ. ޖުމުލަ ގިނަވެގެން 8 ވަރަކަށް ގަޑިއިރުގެ މަސައްކަތަށްފަހު ދެންހުރި ވަގުތުތައް ހޭދަކޮށްފައި ހުންނާނީ އެއްވެސް ބުރަކަމެއް ނެތިއެވެ. ގިނަ ވަގުތު ހޭދަކޮށްފައި ހުންނާނީ ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމުގައެވެ.
ވީމާ ބޭނުމެއް ޖެހިގެން ބައްދަލުކުރަން ދާ މީހުންނަށާއި ފޯނުކުރާ މީހުންނަށް ވަގުތު ނުދީ "ބިޒީ" ކަމަށް ބުނަން ހެޔޮނުވާނެއެވެ. އެކަމެއް ފުއްދައިދިންނަމަވެސް އަދި ފުއްދައި ނުދެވުނުނަމަވެސް އެންމެ ކުޑަމިނުން އެމީހަކު ދައްކާ ވާހަކަ އަޑުއަހައިލާށެވެ. ހިތްހަމަޖެހޭނެ ބަސްކޮޅެއް ބުނާށެވެ!
މީހުން ތިބާ ގާތަށް ކަންކަމު އެދަނީ ތިބާއަށް ﷲ ތަޢާލާ ފުދުންތެރިކަން ދެއްވަވާފައިވާތީއެވެ. ވީމާ ފުދުންތެރިކަން ދެއްވެވި ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުންވެސް ނިކަމެތިން ދުރުކޮށް ނިކަމެތިކޮށްނުލާށެވެ! ތިބާއަށް ފުދުންތެރިކަން ދެއްވެވި ﷲ، ހަމަ ތިބާ ނިކަމެތި ކުރެއްވެވުމަށްވެސް ކުޅަދުންވަންތައެވެ. އަދި ތިބާ ނިކަމެތި ނުކުރެއްވެވިނަމަވެސް އިތުރު ކާމިޔާބީއަށާއި ފާފަ ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވަން އެބަޖެހެއެވެ.
ﷲ އަންގަވާފައިވަނީ "ތިމަން ﷲ ދެއްވެވި ތަނަވަސްކަމުން ތިމަން ﷲ ގެ މަގުގައި ހޭދަކުރުމަށެވެ." ވީމާ އެއްވެސް ޙާލެއްގައި އެ އަންގަވަނީ ތިބާގެ އަމިއްލަ އެއްޗެއް ހޭދަކުރާކަށް ނޫނެވެ. އެކަލާނގެ ދެއްވެވިތަކެތިން ހޭދަކުރުމަށެވެ. އެގޮތަށް އަންގަވަނީ ދެއްވެވުމަށްފަހުގައެވެ.
ވީމާ މިއަދު ބިޒީކަމަށްބުނެ ފުރަގަސްދޭ މީހުންނަށް ޤިޔާމަތްދުވަހު އެފަދަ ޖަވާބެއް ﷲ ދެއްވަވައިފިނަމަ ދެން ކަންކަންވާނެ ގޮތް ހިތްމައްޗަށް ގެނެސްގަންނާށެވެ! އެމީހަކަށް ޖެހޭނެ ނިކަމެތި ޙާލަށާއި އުފުލަންޖެހޭނެ ބޮޑު ހިތާމައަށް ވިސްނައިލާށެވެ! ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން