އެންމެ އެކުވެރިއަކަށް ނަމަވެސް އޭނާގެ އީމާންކަން ވަރުގަދަކުރަން އެހީތެރިވެދެވިއްޖެނަމަ އެކަމަށް ދެއްވަވާނެ ދަރުމަ ހާދަބޮޑުވާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެންމެ އެކުވެރިއަކަށް ނަމަވެސް އޭނާގެ އީމާންކަން ވަރުގަދަކުރަން އެހީތެރިވެދެވިއްޖެނަމަ އެކަމަށް ދެއްވަވާނެ ދަރުމަ ހާދަބޮޑުވާނެއެވެ! އިން ޝާ ﷲ

އީމާންކަން ތާޒާކޮށް ވަރުގަދަކުރުމަށް ކުރަން ހުރި މަސައްކަތްތައް އަބަދުވެސް ކުރަން ޖެހޭނެއެވެ. އީމާންކަމުގައި ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ. ހަނދާންވުމަކުން ނޫނެވެ، އެއީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. 

ހަމައެއާއިއެކު، އެމަސައްކަތް ތިމާ ކުރަމުން ގެންދާއިރު އެކުވެރިންގެ ތެރޭގައި ތިބި އީމާންކަން ބަލިކަށި މީހުންނަށްވެސް ވިސްނައިދީ ހިތްވަރުދޭށެވެ! ތިބާގެ ސަބަބުން އެންމެ މީހަކަށްނަމަވެސް އޭނާގެ އީމާންކަން ވަރުގަަދކުރަން އެހީތެރިވެދެވިއްޖެނަމަ ކުރާނެ ފައިދާ ހާދަބޮޑުވާނެއެވެ. އެކަމަކަށް ދެއްވަވާ ދަރުމަ ހާދަ މަތިވެރިވާނެއެވެ. އިން ޝާ ﷲ 

މީސްތަކުންނޭވެ! އަޤީދާ އާއި އީމާންކަމުގައި ބަލިކަށިވެފައިތިބި މީހުންނަށް އެއްޗެތިނުގޮވައި އެމީހުންނަށް އެހީތެރިވާށެވެ! އެމީހުންގެ އަތުގައި ހިފައި ކޮޅަށް ތެދުކުރަން މަސައްކަތްކުރާށެވެ! އެމީހުންނަށް ވިސްނައިދޭން މަސައްކަތްކުރާށެވެ! ހިތްވަރުދޭށެވެ! ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެކަން ވިސްނައިދޭށެވެ! 

އިސްލާމް ދީން ދަނީ މަތިވެރިވަމުންނެވެ. ބަލިކަށިވަމަކުން ނޫނެވެ. އެހެން ބުނަން މިޖެހެނީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދަނީ އިސްލާމް ދީންކަމަށްވުމުންނެވެ. ދުވަހެއް ދުވަހަކަށް އިތުރު ސަރަހައްދުތަކަށް ފެތުރެމުންދާތީއެވެ. އިސްލާމް ދީނަށް ވަންނަ މީހުން ގިނަވަމުންދާތީއެވެ. 

ނަމަވެސް ޢަޤީދާ ހަރުދަނާކޮށް ވަރުގަދަކުރަން މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ. އެއީ ﷲ ތަޢާލާއަށް އީމާންވެގެން މުސްލިމުންގެ ގޮތުގައި ތިބިނަމަވެސް ދީނުގެ ކަންކަމަށް ފަރުވާކުޑަކުރެވޭތީއެވެ. ފަރުޟު ނަމާދުތަކަށް ފަރުވާކުޑަކުރެވޭތީއެވެ. ފާފަކުރެވޭތީއެވެ. 

ހަމައެއާއިއެކު އެހެން ދީންތަކުގެ މީހުންނަށް ތިބާވެސް ދަޢުވަތުދޭށެވެ! އެކަލާނގެ އިރާދަކުރައްވަވައިފި އަޅަކަށް ތެދުމަގު ދައްކަވާނެތެވެ. ތިބާގެ ސަބަބުން އެންމެ މީހަކަށް ތެދުމަގު ފެނުނު ކަމުގައިވީނަމަވެސް ތިބާއަށް ދެއްވަވާނެ ގިނަގުނަ ޘަވާބު ލިބިގަންނަން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން