ރޭއަޅުކަންކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ފާފަތަކާ ދުރުހެލިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ރޭއަޅުކަންކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ފާފަތަކާ ދުރުހެލިވާށެވެ!

ރޭއަޅުކަންކުރުމުގެ ހުރި މަތިވެރިކަން ކޮންމެ މުސްލިމަކަށްވެސް ވިސްނޭނެއެވެ. ރޭއަޅުކަން ތިމާއަށް ނުކުރެވުނަސް ރޭއަޅުކަންކުރާ މީހުންނަށް ތަޢްރީފް ނުކުރާ މީހަކު ހަމަ ވަރަށް މަދުވާނެއެވެ. އެކަމުން އެނގެނީ ރޭއަޅުކަންކުރަން ގިނަ ބައަކު ބޭނުންވާ ކަމެވެ.

މިހިސާބުން އުފެދޭނެ ސުވާލަކީ އެހެންކަމަށްވާއިރު ރޭއަޅުކަންކުރާ މީހުން އެހައިމަދުވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ކުރު ޖަވާބަކީ ފާފަކުރެވޭ މީހުން ގިނަވުމެވެ. އެހެންވެ ނުވެސް ހޭލެވެނީއެވެ.

އެހެންވެ ރޭއަޅުކަންކުރަން ކުރަން ފަށަން ބޭނުންވިނަމަވެސް ޢަމަލީ ގޮތުން އެކަން ނުކުރެވޭ މީހުން ވިސްނައިލަންޖެހޭ ބައެއް ކަންކަމުގެ މައްޗަށް ބަލައިލާނަމެވެ. 

﴿وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ﴾ [سورة الشورى 30] 

މާނައީ: "ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަފާފަތައް عفو ކުރައްވަތެވެ." 

ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ނުލިބުމަކީ ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ. 

"ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟" 

ޖަވާބުގައި އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ. 

"قيدتكم ذنوبكم" 

މާނައީ: "ތިއަބައިމީހުންގެ ފާފަތައް ތިއަބައިމީހުން ހައްޔަރުކުރީއެވެ.” (އެބަހީ: ފާފަތަކުގެ ސަބަބުން ތިއަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤް ނުލިބެނީއެވެ.) 

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60] 

މާނައީ: "އަދި ތިއަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ". 

ރޭއަޅުކަންކުރަން ފަށަން ޤަޞްދުކުރާ މީހާ ފުރަތަމަ ކަމަކަށް ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤް ދެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ. އެންމެ ފައިދާހުރި ގޮތުގައި ދުވަސް ލިބިގެންދާނީ ފަތިސްނަމާދުން ދުވަސްފަށާ މީހުންނަށެވެ. އެއިގެ އިތުރުން ފަތިސްނަމާދަށް ހޭލަން ފަށައިފިނަމަ ކުޑަ އިރުކޮޅެއް ކުރިއާލައި ހޭލައި ރޭއަޅުކަންކުރަން ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

މިއަދު އޮންލައިން