އަންހެނުން އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ދެރަ ލިބިގެންފަ ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އަންހެނުން އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ދެރަ ލިބިގެންފަ ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތް!

ދީނުގައި އޮތް ގޮތުގެ ވާހަކަ ދެއްކީމާ މޫނު އަނބުރައިލާ މީހުން މަދެއްނޫނެވެ. އެކަމަކު ދީނުގައި އޮތްގޮތަށް ޢަމަލުނުކުރީމާ ލިބޭ ދެރަ ލިބުނީމާ އެކަމުގެ ޝަކުވާ އެންމެންވެސް ކުރެއެވެ. މިއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ.  

ވަރަށް ގިނަ އަންހެނުންގެ ޝަކުވާއަކަށްވެފައި އޮންނަ އެއްކަމަކީ ކޮންމެވެސް ފިރިހެނަކު (ކައިވެނީގެ ބޭރުން) އޭނާގެ ބޭނުންކޮށްލާފައި އެއްލާލާފައި ދިއަ ކަމުގެ ޝަކުވާއެވެ. އެކަމާއިހުރެ ހިތްދަތިވެ މާޔޫސްވާ ކަމުގެ ޝަކުވާއެވެ.  

މިޝަކުވާއާ ޢާއިމެދު ވާހަކަ ދައްކަމުން ޢިލްމުވެރިއަކު ބުނެފައިވެއެވެ. "އެކަމަށް ޝަކުވާ ކުރުމުގެ އެއްވެސް ޙައްޤެއް އެއްވެސް އަންހެނަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ބަނޑުހައިވެގެން އޮންނަ މިނިކާވަގެއްގެ ކުރިމަތީގައި ރޯމަސްގަނޑެއް ބާއްވައިފިނަމަ އެމަސްގަނޑު  ކައިނުލައި އެޖަނަވާރު ނުއޮންނާނެކަން އެނގެންޖެހޭނެއެވެ. އެހެންވީމާ ކުށްވެރިންނަކީ އަންހެނުންނެވެ."  

މިބަސްބުނި ޢިލްމްވެރިއަކީ މުސްލިމެއްވެސް ނޫނެވެ. ނަމަވެސް އޭނާ ކުށްވެރިއެކުރަނީ ކައިވެނިނުކޮށް އަންހެނުންގެ ހަށިގަނޑު ފިރިހެނުންނާއި ޙަވާލުކުރުމެވެ. އޭނާ އެބުނަނީ ފިރިހެނަކާއި ހަށިގަނޑު ހަވާލުކޮށްފިނަމަ އެމީހަކު ކުރަންބޭނުންވާ ކަންކަން ކުރާނެ ކަމެވެ. ދެރަ ލިބުނީމާ އެކަމުގެ ޝަކުވާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމެވެ.  

ލޮބުވެތި އުޚުތުންނޭވެ! ކޮންމެ ދީނެއްގެ މީހަކަށްވީނަމަވެސް ޙައްޤަށް ބަސްބުނާނަމަ މިފަދަ ބަހެކެވެ. އިސްލާމް ދީނުގެ ކޮންމެ ޙުކުމެއް އައިސްފައިވަނީ މީސްތަކުންގެ ސަލާމަތަށެވެ. ރައްކައުތެރިކަމަށެވެ. މީސްތަކުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށެވެ.  

އެޙުކުމްތައް ބާވައިލެއްވެވި ﷲ ތަޢާލާއީ މީސްތަކުން އުފެއްދެވި ފަރާތެވެ. ވީމާ އިންށާނުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް ދެނެވޮޑިގެންވާ ފަރާތް، ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ކުރަން އެންގެވުމުން އެއެންގެވުން ދޫކޮށްލާފައި އަމަލުކުރާ ގޮތުން ލިބޭނީ އަނިޔާއެވެ. ހަމައެކަނި ދުނިޔޭގައެއްވެސް ނޫނެވެ. އާޚިރަތް ދުވަހުގައިވެސްމެއެވެ.

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ޢަބުރާ ޢިއްޒަތް އަމިއްލައަށް ވެއްޔާއި މޮޑެނުލާށެވެ! ﷲ ތަޢާލާ ތިއަ ކަނބަލުންނަށް ދެއްވަވާފައިވާ ޢަބުރާއި ޢިޒަތްކޮށް ހިމާޔަތްކޮށްގެން ޢިއްޒަތުގައި ދެމިތިބޭށެވެ! އެއިރުން ތިއަ ކަނބަލުންނަށް އަބަދުވެސް ތިބެވޭނީ އުފަލުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން