ތިމާއަކީ އަނެކާއަށްވުރެ މާރީތި، މާމޮޅު މީހެއް ކަމަށް ޤަބޫލުކުރެވޭނަމަ އެހުރީ އިބިލީހަށް ޖެހުނު ޙާލު ޖެހިފަ! ތައުބާވުމަށް އަވަސްވެނުގަތްނަމަ ގާތީ ސުވަރުގެ ނުވަދެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިމާއަކީ އަނެކާއަށްވުރެ މާރީތި، މާމޮޅު މީހެއް ކަމަށް ޤަބޫލުކުރެވޭނަމަ އެހުރީ އިބިލީހަށް ޖެހުނު ޙާލު ޖެހިފަ! ތައުބާވުމަށް އަވަސްވެނުގަތްނަމަ ގާތީ ސުވަރުގެ ނުވަދެވުން!

އަހުރެމެންގެ ތެރެއިން ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އޭނާއަކީ މާރީތި މީހެއް ކަމަށެވެ. ނުވަތަ މާމޮޅު މީހެއް ކަމަށެވެ. މިވެނި އެވެނި މީހަކަށްވުރެ ތިމާ މާރީތި ކަމަށެވެ. 

ބުނަންހެއްޔެވެ؟ މިއީ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލެވެ. މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. ވިސްނާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެހައިތަނަށް ކުރެވުނު އެންމެ ބޮޑު ކުށަކީ އިބިލީސް ކުރި ކުށެވެ. އެއީ އިބްލީހަށް އޭތި އާދަމްގެފާނަށްވުރެ މާމޮޅު ކަމަށް ޤަބޫލުކުރެވުމެވެ. އެކަމަށް ދެއްވެވި ޢުޤޫބާތް ނިކަން ދެކިބަލާށެވެ! އޭއްޗަށް ﷲ ތަޢާލާ ލައްނަތް ލެއްވެވީއެވެ. 

ދެން ބަލައިލަންވީ އެބޮޑު ކުށް އިބަލީހަށް ކުރެވުނު ސަބަބަށެވެ. އެސަބަބަކީ އޭތީގެ ހިތުގައި އާދަމްގެފާނަށް ޙަސަދަވެރިކަން އުފެދުމެވެ. މިކަމުން އެނގިގެންދަނީ އެހެން މީހުންނަށް ޙަސަދަލުމުގެ ހުރި ނުބައިކަމެވެ. 

ކޮންމެއަކަސް ތިމާއަކީ އަނެކާއަށްވުރެ މޮޅު ނުވަތަ ރީތި މީހަކު ކަމަށް ޤަބޫލުކުރެވިއްޖެނަމަ އެމީހަކަށް އެކުރެވެނީ އިބްލީސް ކުރި ބޮޑު ކުށެވެ! ފެތިގެން އެދަނީ އިބްލީސް ފެތުނު ގޮޅިއަށެވެ. އެވެވެނީ ބޮޑާ ކިބުރުވެރި މީހަކަށެވެ. ބޮޑާ، ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިތުގައި އޮތް މީހަކު ސުވަރުގެ ނުވައްދަވާނީ އެސަބަބަށްޓަކައެވެ. 

ވީމާ ތިމާގެ ހިތުގައި ޛައްރެއްގެ މިންވަރަށްވެސް އެފަދަ ވިސްނުމެއް އޮތްނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ! ތައުބާ ނުވެވި ހުއްޓައި މަރުވެއްޖެނަމަ ސުވަރުގެ ނުވައްދަވައިފާނެ ކަމަށްޓަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން