ގިނަ އަނބިން ތިބޭ މީހަކު އެތަނުން އެއް އަނބިދެކެ ބޮޑަށް ލޯބިވުން ހުއްދަވާނެކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.
ޖަވާބުގައި ބުނަން ޖެހެނީ ކިތަންމެ ބޮޑަށް ހަމަހަމަ ކުރަން އުޅަން އުޅުނަސް ލޯބިވާ މިންވަރުގައި ހަމައެކަކަށްވެސް ހަމަހަމައެއް ނުކުރެވޭނެއެވެ. ގިނަ އަނބިން ތިބޭނަމަ ބޮޑަށް ލޯބިވެވޭ އަންތބަކު ހުންނާނެއެވެ.
މައްސަލައަކަށްވަނީ އެކަން ޢަމަލުން ދެއްކުމެވެ. ލޯބިވިޔަސް އަދި ނުވިޔަސް، އަދި ކުޑަކޮށް ލޯބިވިޔަސް ނުވަތަ ބޮޑުކޮސް ލޯބިވިޔަސް އަނބިންގެ މެދުގައި އޮތީ ހަމަހަމަކޮށް ޢަމަލުކުރުމެވެ. ޢަމަލުކުރުމުގައި ތަފާތެއް ނުކުރެވޭނެއެވެ. ބޮޑަށް ލޯބިވާ އަނބިމީހާ ގާތުގައި އިތުރަށް ރޭކުރެވޭނީ އެރޭ ރޭކުރަންޖެހޭ އަނބިމީހާ ހިތުން ރުހުމުން އެކަމަށް ހުއްދަދީފިނަމައެވެ. ނޫންނަމަ ފާފަވެރިވާނެއެވެ.
އެއްފަހަރަކު ޖެހުނު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އޭނާގެ ތިބެނީ 2 އަނބިންނެވެ. އެއް އަނބީގެ އުފަންދުވަހުގެ ރޭ ދިމާވީ އަނެއް އަނބީގެ ރެއާއިއެވެ. އެހެންވެ އޭނާގެ ގާތުގައި އެދުމުން އެރޭ އަނެކާއަށް ދޫކޮށްލިއެވެ.
ދެން ފިރިމީހާ ހެދިގޮތަކީ އޭނާ ދެކެ ބޮޑަށް ލޯބިވާތީ އެރެއާއި އަނެއް ރޭ އެއަނބިމިހާއާއިއެކު ހޭދަކުރީމާ މައްސަލައަކަށްވީއެވެ. ޖެހިޖެހިގެން 2 ރޭ އެގޭގައި ހޭދަކުރީތީއެވެ. ފިރިޟިހާ ބުނީ ކުރީ ރޭ ހޭދަކުރީ ހުއްދަ ދިނީމައި ކަމަށާއި ދެވަނަ ރޭ ހޭދަކުރީ އެއަނބީގެ ރޭކަމަށްވާތީ ކަމަށެވެ. އަނބިމީހާ ބުނީ އެގޮތް ޤަބޫލުނުކުރާ ކަމަށާއި އެރޭ ދޫކޮށްލީމާ އަނެއްރޭ ލިބެންޖެހޭނީ އޭނާއަށް ކަމަށެވެ. ބުރަދަން ބޮޑީ އަނބިމީހާ އެބުނާ ބަހުގައެވެ. ސަބަބަކީ މުހިންމީ ރެއެއް ނޫނެވެ. ދެއަނބިންގެ ގާތުގައި ދެރޭ ނިދުމެވެ.
މައްސަލަ ޙައްލުކުރެވުނީ ވަރަށް ބޮޑަށް ވިސްނައިދީ ދެން އެފަދަ ތަކުރާރުނުކުރާނެ ކަމުގެ ޔަޤީންކަން ފިރިމިހާ ދިނުމުންނެވެ.
ދެއަންތބަށް ކައިވެނިކުރުމަކީ ކުރަން ފަސޭހަކަމެއް ނަމަވެސް ހަމަހަމަކަމާއިއެކު ޢަމަލުކުރުން އޮންނަނީ ކުރަން ފަސޭހަ ކަމަކަށް ނުވެފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން