ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޛިކުރުކޮށް ދުޢާކުރުމަކީ ހަމައެކަނި ނަމާދަށްފަހު ކުރަން އޮތް ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް ކުރަން އޮތްކަމެއް ނޫނެވެ. ބޭނުންވާ ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރަންވީއެވެ. ޛިކުރުކުރަންވީއެވެ. ދުޢާކުރުމާ ޛިކުރުކުރުން އޮތީ ގިނަކުރަން ކެރުނު ވަރެކެވެ.
2 ރަކްޢަތް ނަމާދެއް ކުރުމަށްފަހު ދުޢާކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެއިގެ މާނައަކީ ކޮންމެ ދުޢާއެއް ކުރަން ނަމާދެއްކުރަންޖެހުމެއް ނޫނެވެ. ދުޢާކޮށް ޛިކުރުކުރުމާއިމެދު ދަންނާށެވެ!
ޛިކުރުކުރުން ވީހައި ގިނަކުރަންޖެހޭ ސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ ޛިކުރުކުރުމުން އޭނާކިޔާ ތަސްބީޙް، މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާކަމެވެ. އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދިއުމުގެ އިތުރުން އުޑުތަކުގައިވާ މަލާއިކަތުންގެ މެދުގައި އެމީހަކު މަޝްހޫރުވެގެންދެއެވެ.
ޔޫނުސްގެފާނަކީ ގިނަގިނައިން ޛިކުރުކުރެއްވެވި ބޭކަލެކެވެ. އެކަމުގެ ނަތީޖާ ފެނިގެންދިއައިގޮތް ޔޫނުސް ސޫރަތުގެ ތަފްސީރުން އަހުރެން ކީމެވެ. އެފޮތުގައި ލިޔެވިގެންވެއެވެ. "ޔޫނުސްގެފާނު އެބިޔަ ބޮޑުމަހުގެ ބަނޑުގައި އެފުންކަނޑުގެ އަޑީގައި އޮންނަވައިގެން ޛިކުރުކުރެއްވެވުމުން މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. "މިއަޑަކީ ތިމަންމެން މަލާއިކަތުން މީގެ ކުރިންވެސް އައްސަވަމުން ގެންދެވި އަޑެކެވެ. އެކަމަކު އެއަޑު މިހާރު އެއަންނަނީ އެހެން ދިމާއަކުންނެވެ."
ޔޫނުސްގެފާނުގެ އަޑުފުޅުވެސް މަލާއިކަތްބޭކަލުންގެ އަޑުފުޅުވެސް ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. ވަޙީބަސްފުޅަށް ނިކަންވިސްނައިލަބަލާށެވެ!
"ފަހެ، އެކަލޭގެފާނު ގިނަގިނައިން ތަސްބީޙަ ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން މަޙްޝަރަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ."
(އަލް ޞޯއްފަ: 144)
މީސްތަކުންނޭވެ! ޔަޤީންކުރާށެވެ! މިއާޔަތުން އެނގިގެން މިދަނީ ތިބާއަކީ ގިނަގިނައިން ޛިކުރުކޮށް ތަސްބީޙްކިޔާ މީހަކު ނަމަ ކަނޑުއަޑީގައިވިޔަސް އަދި ފުންމިން ނުއެނގޭ ބިންގަރާހެއްގެ އަޑީގައިވިޔަސް ތިބާއަށް ކޮންމެ ކަމެއް ކުރިމަތިވެގެންވެސް ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމުގެ އަޑު މަލާއިކަތުންނަށް އިވިވަޑައިގަންނަވާނެ ކަމެވެ. އެބޭކަލުން ތިބާގެ ވާހަކަ ޛިކުރުކުރައްވަވާނެ ކަމެވެ. އަދި ﷲ ތަޢާލާ ތިބާގެ އެދުން ޢިޖާބަކުރައްވަވާނެކަމެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން