ފުރަތަމަވެސް ވިސްނައިލާށެވެ! ތިބާގެ މައިމިހާ އިކްތިޔާރުކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. މައިމިހާގެ މިޒާޖާއި ކަންކަން ކުރާނެ ގޮތް ދެނެވޮޑިގެންވާއިރުވެސްމެއެވެ. އެއިގެ މާނައަކީ އަންހެނަކަށް ދަރިން ދެއްވަވާއިރުވެސް އެއަންހެނަކު ދަރިފުޅާއިމެދު ކަންކަން ކުރާނެ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ދެނެވޮޑިގަތުމާއިއެކުގައިވެސް މައިމިހާއަށް ހެޔޮކޮށް ހިތުމަށެވެ.
އެހެންވެ މައިންނަށް ހެޔޮކޮށް ހިތުމުގައި ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ތިބާގެ މަންމައަކީ ކާކުހެއްޔެވެ؟ ސުވާލުކޮށްފިނަމަ ޖަވާބުގައި ގިނަ ބައަކު ބުނާނީ އެއީ އަހުރެން ވިހެއި މީހާ ކަމަށެވެ. ނުވަތަ މައިމީހާގެ ނަމެވެ. ބަސް ނުވަތަ ބަހުރުވައިގެ ގޮތުން އެއީ ރަނގަޅު ޖަވާބަކަށްވީނަމަވެސް އިތުރަށް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
އަންހެނަކު އޭނާއަށް ދަރިއެއް ދެއްވެވުން އެދި ދުޢާކޮށްފާނެއެވެ. ނަމަވެސް އެދަރިފުޅަކީ ތިބާ ކަމުގައި މިންވަރަކުރައްވަވަނީ ﷲ ތަޢާލާއެވެ. ދަރިފުޅެއް ނޫނެވެ. އަދި އެއްވެސް މައެއްގެ ބަނޑުގައި ދަރިއަކު އަށަގަންނަނީ އެދަރިފުޅު އެކަމަށް އެދިގެނެއް ނޫނެވެ. ކުރިން މިބުނި ފަދައިން އެއީ ހަމަ ﷲ ތަޢާލާ ނިންމަވާ ނިންމެވުމެކެވެ.
ދަރިން ލިބުމުން ދަރިންނަށް ހެޔޮކޮށްހިތައި ގެންގުޅެ ބޮޑުކުރަން އަންގަވާފައިވަނީ ﷲ ތަޢާލާއެވެ. އެއީ ދަރިފުޅު އެދިގެން ކުރަންޖެހޭ ކަމެއް ނޫނެވެ. ވިހާ ތުއްތު ދަރިފުޅަކަށް އެކަމަށް ނުވެސް އެދެވޭނެއެވެ. އެކަންކުރަންޖެހެނީ ﷲ ތަޢާލާ ޙަވާލުކުރެއްވެވި މަސްއޫލިއްޔަތަކަށްވާތީއެވެ. ހަމައެފަދައިން ދަރިން ބޮޑެތިވުމުން ދަރިންނަށް ހެޔޮކޮށް ހިތަން އަންގަވާފައިވަނީވެސް ހަމަ ﷲ ތަޢާލާއެވެ.
ކުރުކޮށްލާފައި ބުނާނަމަ ރަޙިމުގެ ގުޅުން ދަމަހައްޓަން ޖެހޭ މީހުން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެކަމުގައި އެއްވެސް މީހެއްގެ އެއްވެސް ދައުރެއް ނޯވެއެވެ. އޮތީ ﷲ ތަޢާލާގެ ނިންމެވުން ޤަބޫލުކޮށް ރަޙިމުގެ ގުޅުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދެމެހެއްޓުމެވެ.
ޚާއްޞަކޮށް މައި މީހާގެ ވާހަކަ މިގެނައީ މައިމީހާއަކީ އެންމެ ބޮޑަށް ލޯބިވާންޖެހޭ އަދި ލޯބިދޭންޖެހޭ މީހާ ކަމުގައިވާތީއެވެ. އެކަމަށް ވިސްނާނުލައި ބައެއް މީހުން މައިންނާއި ގުޅުން ކަނޑަމުން ގެންދާތީއެވެ. އަޅާނުލައި ބާކީކުރަމުން ގެންދާތީއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށްވާތީއެވެ.
ތިބާގެ މަންމައަކީ ކިތަންމެ ނުބައި ސިފަތަކެއް ހުރި މީހަކު ނަމަވެސް އޭނާއަށް ހެޔޮކޮށް ހިތާށެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅަކަށްވާތީއެވެ. އެއީ ސުވަރުގެ ވަނުމަށްވެސް މަގުފަހިވެގެންދާނެ ކަމަކަށްވާތީއެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން