އަލަތު ކައިވެނިމަތީގައި ގިނަ އަހަރުތަކެއްވަންދެން އެކުގައި އުފަލުގައި އުޅެވޭ މީހުން ކިޔައިދީފައި ހުންނަ ވާހަކަތައް ކިޔައި ވިސްނީމާ އަހުރެން މިދައްކާ ވާހަކައިގެ ޙަޤީޤަތް އެނގޭނެއެވެ. ހިތާމައަކީ އެފަދަ ވާހަކަތައް ކިޔައި ޢިބްރަތް ޙާޞިލުނުކުރެވޭ ކަމެވެ.
އަލަތު ކައިވެނީގައި ދެމީހުންގެ ނުވަތަ އެކެއްގެ ޢުމުރަށް ދިރިއުޅެވިއްޖެނަމަ އެއީ ކާމިޔާބު ކައިވެންޏެއް ކަމަށް ގިނަ ބައަކު ބުނާނެއެވެ. އެދެމަފިރިންގެ ވާހަކަ މަޝްހޫރުވެގެންވެސް ދާނެއެވެ. ސަބަބަކީ އަލަތު ކައިވެނިމަތީގައި މުޅި ޢުމުރު ހޭދަކޮށްލެވޭ ދެމަފިރިންގެ ޢަދަދު މަދުވަމުން އަންނަ ކަމެވެ.
މިބުނި ފަދައިން އަލަތު ކައިވެނިމަތީގައި ޢުމުރު ހޭދަކުރެވޭ ދެމަފިރިންގެ ޙަޔާތަށް ބަލާށެވެ! އެދެމަފިރިންގެ ޙަޔާތް އެގޮތުގައި ނިމިގެން އެދިއައީ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭތީއެއް ނޫނެވެ. ބައިވަރު މައްސަލަތައް ޖެހިފައިވާނެއެވެ. އެކަމަކު އެމީހުން އެކަންކަން ސިއްރުކޮށްގެން ތިބެ ދެމީހުން މަޝްވަރާކޮށްގެން ޙައްލުކުރީއެވެ.
ޢާންމު ގޮތެއްގައި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އެހެން މީހުންނަށް ހާމަކުރަނީ ކައިވެނި ރޫޅި ދެމަފިރިން ދެތަންވާ ހިސާބުންނެވެ. އެއިގެ ކުރިން ހާމަނުކުރާ އެއް ސަބަބަކީ ހާމަކުރުމުން ކުރާނެ ފައިދާއަށްވުރެ ލިބިދާނެ ގެއްލުން ބޮޑުވެދާނެ ކަމުގެ ބިރު އޮންނާތީއެވެ.
މިހާރަކަށް އައިސް އެކުވެރިންގެ ތެރޭގައިވެސް ގިނަވާނީ ގޮތްކިޔައިދޭ މީހުންނެވެ. ޙާލުގައި ޖެހިއްޖެނަމަ އެހީތެރިވާނީ ހާލަކުން މީހެކެވެ. އެންމެ ކުޑަމިނުން އެކުވެރިޔާ ބުނި ގޮތަށް ޢަމަލުކުރީތީ ދެރައެއް ލިބުނަސް ދެރަލިބޭ ހިސާބުން ދެނެހުރިކަމަށްވެސް ނުހަދާނެއެވެ.
ދެވަނަ ސަބަބަކީ ދެމީހުންގެ މައްސަލަތައް ދެމީހުންނަށް އަމިއްލައަށް ޙައްލުކުރެވޭނެ ކަމުގެ އުންމީދު އޮންނާތީއެވެ.
ކޮންމެއަކަސް އަހުރެން ބުނެލަން ބޭނުންވަނީ އެއްވެސް ދެމަފިރިއަކީ އެއްވެސް މައްސަލައެއް ނުޖެހި އެމީހުންގެ މުޅި ޙަޔާތް ވޭތިކުރެވޭނެ ބައެއް ނޫނެވެ. މައްސަލަތައް ޖެހޭނެއެވެ. ޖެހޭ މައްސަލަތައް ޙައްލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާށެވެ. އެކަމަކުވެސް ޖެހޭ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އަނެކާގެ އެއްބާރުލުން ނުލިބޭނަމަ އެކުގައި ދިރިއުޅެން މަސައްކަތްކުރުމެއް ނެތެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކާމިޔާބުވުން ވަރަށް ދުރުގައި އޮންނާނެތީއެވެ.
- އަލަފް / މިއަދުނޫހަށް