ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާންވީ ތިމާއެވެ. ދެން ތިބި އެންމެން ގެންނަންވާނީ އެއިގެ ފަހަތުންނެވެ. ޚާއްޞަކޮށް ހިތްހަމަޖެހުމާއި އުފާވެރިކަމާއި ގުޅުން ހުންނަ ކަންކަމުގައެވެ. ހަމައެފަދައިން އެންމެ ބޮޑަށް މަސައްކަތްކުރަންވީ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ހިންގުމަށެވެ. އެއިގެ މާނައަކީ މީހަކު ކުރާ ކަމަކުން ނުވަތަ ބުނާބަހަކުން ދެރަނުވެ ޘާބިތުކަންމަތީގައި ހުރުމެވެ.
އެމީހަކަށް ނުވަތަ އެމީހުންނަށް ތިބާ މުހިންމު ނަމަ ތިބާ އެދޭ ގޮތަށް ކަންކަން ކުރާނެއެވެ. އެއީ ތިބާގެ ރުހުން ބޭނުންވާތީއެވެ. ނޫންނަމަ އަންގައި އެދެނީ އެމީހަކަށް ތިބާ މުހިންމު ނޫންކަމެވެ. އެއްވެސް މީހަކަށް ތިބާ މުހިންމު ނުވުމަކީ ތިބާގެ މުހިންމުކަން އެއްވެސް މިންވަރަކަށް ކުޑަވާނެ ސަބަބެއް ނޫނެވެ.
މިވާހަކަ ދައްކަން މިޖެހެނީ އަހުރެމެންގެ ތެރެއިން ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ތިމާ ކުރަން ބޭނުންވާ ގޮތަށް އެހެން މީހުން ކަންކަން ނުކުރުމެވެ. ތިބާ އެމީހުން ގެންދަން ބޭނުންވާ ތަންތަނަށް އެމީހުން ނުދިއުމެވެ. އެމީހުންކުރާ ބައެއްކަންކަމަށް ތިބާއަށް ދަޢުވަތު ނުދިނުމެވެ. ތިބާ ދަޢުވަތުދިނުމުން އެމީހުން ނައުމެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. އެކުވެރިންގެ ކިބައިންވެސް، ޢާއިލީ ބައެއްގެ ކިބައިންވެސް، އަދި އަމިއްލަ ދަރިންގެ ކިބައިންވެސް މިބުނި ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ހަމަ އަޅައިވެސްނުލާށެވެ! ކަމެއްވީކަމަށްވެސް ނުހަދާށެވެ!
އެމީހުން އެއަންގައިދިނީ އެމީހުން ތިބާއާއިމެދުގައި ދެކޭގޮތެވެ. ވީމާ އަޅައިވެސް ނުލާށެވެ! އަދި ހިތްހަމަނުޖެހުންވެސް ނުބާއްވާށެވެ. ހިތްހަމަނުޖެހުން ބާއްވައި ހިތްހަމަނުޖެހިގެން ހުންނަން ވެއްޖެނަމަ އަމިއްލަ ނަފްސަށް އުފުލަންޖެހޭ ތަކްލީފްތައްވެސް ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
ސިކުނޑިއަށް ހަމަޖެހުން ލިބި އުފަލުގައި ހުރެވޭނީ އެހެން މީހުން ތިމާއާއިމެދު ކަންކަން ކުރާގޮތަށް ކަންބޮޑު ނުވުމުންނެވެ. ކޮންމެ ކަމެއްވެސް ތިމާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަމުން ގެންދާށެވެ! އެންމެންނަށްވެސް އެކުވެރިކަން ބާއްވާށެވެ! އެންމެންދެކެ ލޯބިވެސްވާށެވެ! ހެޔޮކޮށްވެސް ހިތާށެވެ.
އެއިރުން އެމީހަކަށް އެނިމުނީއެވެ. އެކަމުން ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އިންސާނުން އުޅެން އޮތީ ﷲ އެންގެވި ގޮތެވެ. އެއީ އެންމެންނަށްވެސް ހެޔޮކޮށް ހިތުމެވެ. އެކަން ކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ﷲ އެންގެވި ގޮތުގައެވެ. އިން ޝާ ﷲ. ﷲ އަންގަވާފައިވާ ގޮތުގައި ހުންނަ މީހާއަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ
ނިންމާލަމުން ބުނެލަން އޮތީ މީހަކު ތިބާ ބާކީ ކުރުމަކީ ތިބާ ބާކީވާނެ ސަބަބެއް ނޫނެވެ. އެއީ އެމީހާގެ ވިސްނުމެވެ. އެމީހާ ބޭނުންވާ ގޮތެވެ. މީހަކު އެފަދަ ގޮތަކަށް ކަންކަން ކުރާނަމަ އޮތީ ހިތްވަރުގަދަކުރުމެވެ. އެއިރުން އެމީހާ ނޫން އެހެން އެންމެންގެ ކުރިމަތީގައި ތިބާގެ އަގުދާނީ އަރަމުންނެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް