މާލީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ ދިރިއުޅުމަށް ބަލާށެވެ! އެންމެ ގިނައިން ހާލުގައި ޖެހިފައިވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޚަރަދު ނުކުރާ މީހުންނެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށް ޚަރަދުނުކޮށް ފައިސާއިން އިސްރާފްކުރާ މީހުންނެވެ. ވީމާ ހަމަޖެހޭ ތަނަވަސް ދިރިއުޅުމެއް އުޅެން އުންމީދުކުރާ ނަމަ ތިމާއަށް ޚަރަދުކުރެވޭ ގޮތާއިމެދު އިތުރަށް ވިސްނައިލާށެވެ!
ލިބޭ މަދު ފައިސާކޮޅުންވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމަށް ޚަރަދުކުރާ މީހުން މަދެއް ނޫނެވެ. މަސްތުވުމަށާއި ފާހިޝް އަމަލުތައް ކުރުމަށާއި ބޭކާރު ގޮތުގައި ޗުއްޓީ ހޭދަކުރުމަށާއި ދުންފަތުގެ އިސްތިޢުމާލް ކުރުން ފަދަ ކަންކަމަށެވެ. ހިލޭ އަންހެނުންނަށާއި ފިރިހެނުންނަށް ރެސްޓޯރަންޓްތަކުން ކާން ދިނުން ފަދަ ކަންކަމަށެވެ.
މިފަދަ ބޮޑެތި އިސްރާފްތައް ކުރުމަށްފަހުވެސް މިބުނަނީ އަނބިދަރިންނަށާއި މައިން ބަފައިންނަށް ޚަރަދުކުރާނެ ފައިސާކޮޅެއްވެސް އަތުގައި ނެތް ވާހަކައެވެ. އަތްމަތި ދަތިވާހަކައެވެ. ޒަރޫޜީ ބޭނުންތައް ފުއްދާލެވެން ވެސް ނެތް ކަމަށެވެ. ބައްޔެއްވެއްޖެނަމަ ބޭސްފަރުވާ ކުރެވެންވެސް ނެތް ކަމަށެވެ.
ހަމަ އެއާއިއެކު ބައެއް މުއްސަނދިންނަށް މާލީ ދަތިތައް ކުރިމަތިވެ ގެއްލުންވެ ބަނގުރޫޓުވާ ވާހަކަވެސް ދައްކާނެއެވެ. ބަނގުރޫޓުވެ މޯގޭޖްކޮށްފައި ހުރި ތަކެތި ނީލަންކިޔާ ހާލަތަށް ދާއިރުވެސް ކުރިން މިބުނި ފަދަ އިސްރާފްކުރުންތައް ހުއްޓައިލެވޭ ކަމަކަށް ނުވެއެވެ.
ފައިސާ ލިބުން ދަތިވެ ލިބުން މަދުވަމުންދާނަމަ، އަތްމަތި ދަތިވަމުންދާނަމަ ފުރަތަމަ ބަލަން ޖެހޭނީ ތިމާއަށް ޚަރަދު ކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމަށްތޯއެވެ. ޙަރާމް ކުރެއްވެވި ކަންކަމަށް ޚަރަދުކުރެވޭތޯއެވެ! ދުނިޔެ ދައްކައިދީފައިވާ ތަޖުރިބާއަކީ ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ޚަރަދުތައް ނުކުރާނަމަ އަދި ޙަރާމް ކުރެއްވެވި ކަންކަމަށް ޚަރަދުކުރާނަމަ މާލީ ކާރިސާތައް ކުރިމަތިވާ ކަމެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ޞަދަޤާތް ދިނުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. ޞަދަޤާތް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ދުރު މީހަކަށް ޞަދަޤާތް ދިނުމުގެ ކުރިއަށް އެމީހާގެ އަނބިދަރިންނަށާއި މައިން ބަފައިންނަށް ކުރަން ޖެހޭ ޚަރަދުތައް ކުރަންޖެހޭނެއެވެ. އަނބިދަރިންނާއި މައިންބަފައިންނަށް ކުރަން ޖެހޭ ޚަރަދުތައް ނުކޮށް އެމީހުން ދަތިޙާލުގައި ބައިތިއްބާފައި ދުރު މީހުންނަށް ޞަދަޤާތް ދިނުމަކީ އެކަންކުރަން ﷲ ތަޢާލާ އެންގެވި ގޮތެއް ނޫނެވެ.
މިބަހުގެ މާނަ އޮޅުވައިނުލާށެވެ! އެއްވެސް ޙާލެއްގައި މިބުނަނީ މީހަކަށް ޞަދަޤާތުގެ ގޮތުގައި އެއްޗެއް ދޭން ޖެހޭނީ އަނބިދަރިންނާއި މައިންބަފައިން އެދޭ ހުރިހާ ކަންކަން ފުރިހަމަކޮށްދިނުމަށްފަހުގައި ކަމަކަށް ނޫނެވެ. ނަމަވެސް އެމީހުންނަށް އާދައިގެ ފެންވަރެއްގައި ދަތި ނުވެ ދިރިއުޅެވޭނެ ގޮތަށް ކަންކަން ފުރިހަމަކޮށްދޭން ޖެހޭނެ ވާހަކައެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން