ޤުރްއާނާއި ޙަދީޘްފުޅުތަކުގެ ވާހަކަ ވަރަށް ގިނައިން އެބަ ކިޔައިދެވެއެވެ. މިބުނީ ނަރަކައަށް ވަންނަން ނުޖެހޭނެ މީހަކަށްވުމާއިބެހޭ ގޮތުންނެވެ. އެހެންވެ މިރޭ މިކިޔައިދެނީ ޒުވާނެއްގެ ތަޖުރިބާއެވެ. އޭނާއަށް ކުރެވެމުން އައި ފާފަތައް ކުރެވުން ހުއްޓާލައި ސީދާ މަގަށް ރުޖޫޢަވިގޮތް ކިޔައިދެމުން ބުނެފައިވެއެވެ.
ސުންނަތް ރޯދަތައް ހިފަން އަހަރެން ފެށީ ހަނދުމަހުގެ 13، 14، 15 ތިން ދުވަހު ހިފާ ރޯދައިންނެވެ. އެ 3 ދުވަހު އަހަރެން ހަމަ އެންމެ ފާފައެއްވެސް ނުކުރަމެވެ. އެންމެކުޑަމިނުން ކިތަންމެ ކުޑަކުޑަ ނަމަވެސް ދޮގެއްވެސް ނުބުނަމެވެ. އެއިގެ އިތުރުން ފަރުޟު ނަމާދުތައް ކުރީ ޖަމާޢަތުގައެވެ. ރަވާތިބް ސުންނަތްވެސް ކުރީމެވެ. ވިތުރި އާއި ދަމުނަމާދުވެސް ކުރީމެވެ. ޤުރްއާން ކިޔެވުން ގިނަކުރީމެވެ.
ޖުމުލަކޮށްބުނާނަމަ އެ 3 ދުވަސް ހޭދަކުރީ ރަމަޟާން މަހުގެ ދުވަސްތައް ފަދައިންނެވެ. ހަމަ އެއާއިއެކު ފަހަތުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޯދަވެސް ހިފަން ފެށީމެވެ. އެ 2 ދުވަސްވެސް ހަމަ ކުރިން ބުނިފަދައިން ހޭދަކުރަމެވެ.
ނަތީޖާ ބުނަން ހެއްޔެވެ؟ ރޯދައަށް ނުހުންނަ ދުވަސްތަކުގައިވެސް ފާފަނުކުރުމާއި އަޅުކަންކުރުމުގައި ވަރަށް ރަނގަޅަށް ޘާބިތުވެ ހުންނަން ފެށިއްޖެއެވެ. އިން ޝާ ﷲ
މިއީ ޒުވާނަކު އޭނާގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރި ގޮތްކަމަށްބުނެ ކިޔައިދިން ގޮތެވެ. ތިބާވެސް ނިކަން ތަޖުރިބާކޮށްލަބަލާށެވެ! ހަމަ އެ ޒުވާނާ ފަދައިން އިޞްލާޙްވެވޭނެއެވެ. އިން ޝާ ﷲ
ރަމަޟާން މަސް އައުމުން ތަޤްވާވެރިވެވިފައި ރަމަޟާން މަސް ދިއުމުން ތަޤްވާވެރިނުވެވެނީ ރަމަޟާން މަހު ކުރިފަދައިން އަޅުކަން ނުކުރެވޭތީއެވެ. ރަމަމާން މަހު ފާފަތަކާއި ދުރުހެލިވެ ހުރިފަދައިން ފާފަތައް ކުރުމާއި ދުރުހެލި ނުވެވޭތީއެވެ! ހަމައެކަނި ރަމަޟާން މަހުގެ މުސްލިމުންނަށްވެގެން އާޚިރަތް ކާމިޔާބުކުރެވޭކަށް ނެތެވެ. ކާމިޔާބުކުރެވެން އޮތީ އެހެން ދުވަސްތަކުގައިވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބެވިގެންނެވެ.
މިމަގުން ޢަމަލުކުރެވިއްޖެނަމަ ނަރަކަ ތިބާގެ ލޮލަށް ނުވެސް ފެންނާނެއެވެ! އިން ޝާ ﷲ އެހެނީ ހިފާ ކޮންމެ ރޯދައެއް ތިބާ ނަރަކައާއި 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދޭނެތީއެވެ. ކުރިން ބުނިމަގުން ރޯދަހިފާނަމަ އެމީހަކަށް ކޮންމެ މަހަކު 11 ދުވަހު ރޯދަހިފޭނެއެވެ. އެއިރުން ކޮންމެ މަހަކު އެދެވެނީ ނަރަކައާއި 770 އަހަރުގެ ރާސްތާއަށް ދުރުވެވެމުންނެވެ. ކޮންމެ އަހަރަކު ހިފާ ހަމައެކަނި ސުންނަތް ރޯދައިން އެކަނިވެސް (ހަމައެކަނި މިބަޔާންކުރި ސުންނަތް ރޯދަތައް ހިފުމުންވެސް) ކޮންމެ އަހަރަކު އެމީހަކު ދާނީ 8،470 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުހެލިވެވެމުންނެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން