ވިސްނައި ނިކަން ބިރުވެތިވެބަލަ! ޒިނޭކުރުމަށާ މީހުން މެރުމަށް ޢުޤޫބާތް ދެއްވަވާނެ ވާހަކަ މިއާޔަތުގަ މިއޮތީ ގުޅިލާމެހިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ވިސްނައި ނިކަން ބިރުވެތިވެބަލަ! ޒިނޭކުރުމަށާ މީހުން މެރުމަށް ޢުޤޫބާތް ދެއްވަވާނެ ވާހަކަ މިއާޔަތުގަ މިއޮތީ ގުޅިލާމެހިގެން!

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ މީހުން މަރަން ބިރު ގަންނަ މީހުންނެވެ. ދެއްވަވާނެ ޢުޤޫބާތް ބޮޑުކަމުންނެވެ. ނަމަވެސް ޒިނޭކުރަން ބިރުގަންނަ މީހަކު ނެތްކަމަށް ބުނެވޭހައި މަދުވެއްޖެއެވެ. ވީމާ އެފަދަ މީހުން ކީރިތި ޤްރުއާނުގެ މި ބަޔާންކުރާ އާޔަތް ކިޔައި އުޅޭ ކަމާއިމެދު ސުވާލު އުފެދެއެވެ. މިބުނަނީ އާޔަތްކީ ނަމަވެސް މާނައާއިމެދު ނުވިސްނާ ވާހަކައެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ." (ފްރްޤާން: 68)

އާޔަތުގެ ފުރަތަމަ ބައިގައި އެއޮތީ ހަމައެކަނި ﷲ ތަޢާލާއަށް އީމާންވެ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުގެ ވާހަކައެވެ. ދެން އެއޮތީ ޝަރުޢީ ޙުކުމަކާއި ނުލައި މީހުން ނުމެރުމުގެ ވާހަކައެވެ. ތިން ވަނައަށް އެއޮތީ ޒިނޭ ނުކުރުމުގެ ވާހަކައެވެ. ވިދިގެން ބަޔާން ކުރައްވަވާފައި އެވަނީ ބަޔާން ކުރެއްވެވި 3 ކަންތަކުންކުރެ ކަމެއް ކޮށްފި މީހާއަށް ޙައްޤު ޢުޤޫބާތް ދެއްވަވާނެ ކަމުގެ ވާހަކައެވެ.

މީސްތަކުންނޭވެ! މީސްތަކުން މިއަދު ޣާފިލުވެގެން ތިބި ނަމަވެސް ޒިނޭ ކުރުމުގެ ފާފައިގެ ދަރަޖަ މިއާޔަތުން އެއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ! ދެން ބަލައިލަންވީ ﷲ ތަޢާލާ ދެއްވަވާނެ ގަދަފަދަ ޢުޤޫބާތަށެވެ!

"---އަދި އަނިޔާވެރިވި މީހުންނަށް (އާޚިރަތް ދުވަހުގެ) ޢަޛާބް ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ ﷲއަށް ކަމާއި އަދި ހަމަކަށަވަރުން اﷲ އީ ޢަޛާބް ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ." (ބަޤަރާ: 165)

ﷲ ތައާލާގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ! ޒިނޭ ކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމާއި ޒިނޭ ކުރުމަށް ހުރީ ގަދަފަދަ ޢަޛާބުކަމަށް ޔަޤީންކުރާށެވެ! ޒިނޭކުރުމަކީ ކައްވަޅުގައިވެސް އަލިފާނުން ގަދަފަދަ ޢަޛާބު ދެއްވަވާ ކަމެއްކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެވަރުންވެސް ބިރުވެތި ނުވެވޭ މީހަކަށް ވިސްނައިދޭނީވެސް ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން