ފާފަކުރާ މީހުން ކުރި ފާފަތަކުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވއި އެމީހަކާ ދެކޮޅަށް ހެކިބަސްދޭނީ ހަމައެކަނި ގުނަވަންތަކެއް ނޫނެވެ! ފަސްގަނޑުވެސް ހެކިދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ފާފަކުރާ މީހުން ކުރި ފާފަތަކުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވއި އެމީހަކާ ދެކޮޅަށް ހެކިބަސްދޭނީ ހަމައެކަނި ގުނަވަންތަކެއް ނޫނެވެ! ފަސްގަނޑުވެސް ހެކިދޭނެ!

މީސްތަކުންނަށް ފާފަތަކަށް އަރައިގަނެވެމުން މިދަނީ އެކަމުގައި ހުރި ބިރުވެރިކަމާއި ނުރައްކައުތެރިކަން ނުއެނގި ތިބެ ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް މިއަދަކު ނެތެވެ. ކޮންމެ މީހަކުވެސް އެމީހަކު އެނގެން ބޭނުންވާ ހުރިހާ ކަންކަން ވަރަށް ފަސޭހައިން އޮޅުންފިލުވައެވެ. ދަސްކުރެއެވެ. ކުރަންޖެހޭ ކަމަކީ އަތުގައި އޮންނަ ފޯނުގެ ފިތްތަކަށް ފިއްތައިލުމެވެ. އެހެންކަމަށްވާއިރު ދީނުގައި ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން ތިމާޢަށް ނުއެނގޭކަމަށް ބުނެ ނިންމައިލެވޭނީ ކިހިނަކުން ހެއްޔެވެ؟

މީހަކު މިއަދު ފާފައެއް ކުރަން ބޭނުންވުމުން އަވަށްޓެރިންނަށް ނުވަތަ ރަށުގެ މީހުންނަށް އެކަން ފޮރުވަން ނުވަތަ ސިއްރުކުރަން ކާރުގައި ޖެހިގެން އޮތް ސިޓީއަށް ގޮސް ވަރަށް ސިއްރުން މިއަދު އެކަން ކުރެވިދާނެއެވެ. ނުވަތަ ވަރަށް ސިއްރުން ތަނަކަށް ވަދެ އެކަން ކުރެވިދާނެއެވެ. ފާރަވެރިން ބައިތިއްބައިގެންވެސް ކުރެވިދާނެއެވެ.

ނަމަވެސް ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތް އެނގޭހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓެން ތިބާއަށް ޖެހޭ ވަގުތު ތިބާ އެތަނެއްގައި ފާފަކުރި ތަނުގެ ބިންގަނޑު އައިސް ތިބާގެ ކުރިމަތީ ހެކިދޭނެއެވެ. ތިބާ ކުރި ހުރިހާ ކަމެއް ކިޔައިދޭނެތެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ހަށިގަނޑުގެ ގުނަވަންތައް ވެސް ތިބާ އާއި ދެކޮޅަށް ހެކިދޭނެއެވެ.

މިކަންކަމަކީ ކޮންމެ މުސްލިމަކުވެސް ހިތުގެ އަޑިން ހަމަ ޤަބޫލުކުރާނެ ކަންކަމެވެ. ނަމަވެސް ހިތާމައަކީ ޤަބޫލުކުރެވުމާއިއެކުގައިވެސް ފާފަތަކަށް އަރައިގަނެވޭ ކަމެވެ. ޝައިޠާނާ ދޭ ވަސްވާސްތަކަށް ހެއްލެވޭ ކަމެވެ. ޝައިޠާނާ ވަސްވާސް ދިނުމުން އާޚިރަތް ދުވަހާއި މީޒާންގެ މަތިން ހަނދުމަ ނެތިގެންދާ ކަމެވެ.

ފާފައެއް ކުރާއިރު ބިރުގަންނަންވީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އެނގިދާނެތީއެއް ނޫނެވެ. ފުލުހުންނަށް އެނގިގެން ހައްޔަރުކޮށްފާނެތީއެއްވެސް ނޫނެވެ. ބިރުގަންނަންވީ މިހުރެވެނީ ވަގުތީ ދަތުރެއްގެމަތީގައި ކަމާއިމެދުގައެވެ.

ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ދުވަސްކޮޅު ހޭދަކޮށްލެވުމާއިމެދު ރަނގަޅަށް ވިސްނާށެވެ! ދުނިޔޭގެ ޙަޔާތް މިވޭތިކުރެވެނީ ކަނޑިއެއްގެ މިޔަމަތީގައި ކަމަށްވެސް ބައެއް މީހުން ސިފަކޮށްފާނެއެވެ. ކޮންމެ ގޮތަކަށް ސިފަކުރި ނަމަވެސް މައްސަލައެއް ނެތެވެ. ޔަޤީންކުރަންވީ ކޮންމެ ވަގުތަކުވެސް ދުނިޔެއާއި ވަކިވާން ޖެހިދާނެކަމެވެ. ބިރުގަންނަންވީ މަރުވުމަށްފަހު ދެން ފެށޭ ހަޔާތަކީ ތިމާގެ އެއްވެސް ބާރެއް ނުހިނގާނެ އަދި ނިމުމެއްވެސް ނުވާ ހަޔާތެއް ކަމާއިމެދުގައެވެ. ގަދައަޅައި މަސައްކަތްކުރަންވީ ތިބާގެ އިޚްތިޔާރާއި ބާރު ހިނގާ ދުނިޔަވީ ހަޔާތުގައި ކުރާ މަސައްކަތުން ދާއިމީ ޙަޔާތް ކާމިޔާބު ކުރުމަށެވެ.

އެއްވެސް ޙާލެއްގައި އެންމެ މޮޅު މީހަކީ އެންމެ މޮޅަށް ކިޔަވައިގެން ހުރި ޢިލްމްވެރިޔާއެއް ނޫނެވެ. ދުނިޔޭގައި ހުރި އެންމެ މޮޅު ސައިންސްވެރިޔާއެއްވެސް ނޫނެވެ. އެންމެ މޮޅު ޑޮކްޓަރެއްވެސް ނޫނެވެ. އެންމެ ހުޝިޔާރު، އެންމެ ކުޅަދާނަ ނުވަތަ އެންމެ މޮޅު މީހަކީ ކޮބައިކަން ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން އެނެގެން އެބައޮތެވެ.

އެންމެ މޮޅު މީހަކީ ހަވާ ނަފުސުގެ އެދުންތަކަށް ހެއްލިގެން ނުދާ މީހާއެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަން ޝައިޠާނާ ހިތްވަރުދޭ ވަގުތު އެކަމަށް ދެކޮޅު ހަދާމީހާއެވެ. އެފަދަ ކޮންމެ ވަގުތަކު ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަކުރުމުން ތިމާގެ ނަފުސު ސަލާމަތް ސަލާމަތްކުރާ މީހާއެވެ. ރޭގަނޑުގެ ވަގުތުތަކުގަ އާއި ދުވާލުގެ ވަގުތުތަކުގައި ދެ ދުނިޔެ ހާޞިލުކުރަން މަސައްކަތްކުރާމީހާއެވެ. އެކަމެއް ކުރުމަށް ﷲ ތާޢާލާ އަންގަވާފައިވާ ހުރިހާ ކަމެއް، ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަމުން ގެންދާ މިހާއެވެ.

ބައެއް މީހުންނަށް ހީކުރެވެނީ މީސްތަކުންގެ ލޯތަކަށް ސިއްރުން ފާފަތައް ކުރެވުނީމާ އެކަން ސިއްރުކުރެވުނީ ކަމަށެވެ. ތިމާ ދަންނަ މީހަކަށް ނުފެނިއްޖެ ނަމަ ތިމާ ފަޟީޙަތް ނުވާނެ ކަމަށެވެ. މިއީ ހައްތާވެސް މޮޔަ ވިސްނުންތަކެކެވެ. ސިއްރުން ފާފަތައް ކުރި މީހުން ޤިޔާމަތް ދުވަހު ވެސް އެމީހުން ކުރި ފާފަތަކަށް އިންކާރުކުރާނެއެވެ. އެފާފަތައް ނުކުރާ ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ. ނަމަވެސް އެހިނދު ކަންތައް ވާނެ ގޮތާއިމެދު ވިސްނައިލާށެވެ!

--ޝައިޚް އަޙްމަދު ޢަލީގެ ދަރުސަކުން

މިއަދު އޮންލައިން