ވުޟޫކުރާއިރު މޫނަށް ފެންލުމަށްފަހު ދެއަތުގަ ފެންލާއިރު އަތްތިލައާއި އިނގިލިތަކުގަ ރަނގަޅަށް ފެންނުޖައްސައި ވުޟޫ ފުރިހަމައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ވުޟޫކުރާއިރު މޫނަށް ފެންލުމަށްފަހު ދެއަތުގަ ފެންލާއިރު އަތްތިލައާއި އިނގިލިތަކުގަ ރަނގަޅަށް ފެންނުޖައްސައި ވުޟޫ ފުރިހަމައެއް ނުވާނެ!

މިސްކިތުގެ އިސްކުރުބަރިން ވުޟޫކުރާ ބައެއް މީހުންގެ ކިބައިން ފެންނަ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ މޫނަށް ފެންލުމަށްފަހު އަތަށް ފެންލާއިރު ދެއަތްތިލައާއި އިނގިލިތަކުގައި ރަނގަޅަށް ފެންނުޖައްސައި އަތުގެ އުޅަބޮށި އިސްކުރަށް ދިއްކޮށްލައި ފެންއޮހޮރުވައިލަނީއެވެ. އަވަހަށް މިސްކިތަށް އަރަން ބޭނުންވެފައި ހުރިނަމަވެސް މިއީ ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.  

އެހެންވެ މިގެނެސްދެނީ އަތަށް ފެންލާން އޮތް ރަނގަޅު ގޮތް އެނގިލައްވާނެ ލިޔުމެކެވެ. ނަމާދު ޤަބޫލުފުޅުކުރައްވަވާނީ ވުޟޫ ފުރިހަމަކޮށްގެންކަމަށްވާތީ މިލިޔުން ވިދާޅުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.  

ކޮންމެ މީހަކު ވެސް ނަމާދުކުރަނީ އެކަމުން ލިބެން އޮތް ޘަވާބު ލިބިގަތުމަށެވެ. ވީމާ ނަމާދު ނަމާދަކަށްވާނެ ގޮތަށް ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ! ކުރާ ނަމާދު ނަމާދަކަށްވާނީ ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން ނަމާދުކުރުމުންނެވެ. އެހެންވެ ބައެއް ޢިލްމުވެރިން ވުޟޫ އާއިމެދު ވިދާޅުވެފައިވަނީ ނަމާދުގެ ފެށުން ކަމަށެވެ.  

އަބޫހުރުރައިރާ (ރޢ)ގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިން އެނގޭ ގޮތުގައި ޤިޔާމަތް ދުވަހު "ޣުއްރުލް މުޙައްޖަލޫން" ގެ ދަރަޖަ ލިބިގެންވާ ބައަކު ތިބޭނެއެވެ. އެއީ ފުރިހަމަ ގޮތުގައި ވުޟޫކުރި މީހުންނެވެ. އަދި އެބައި މީހުން ވުޟޫކުރުމުގައި ފެންޖެއްސި ގުނަވަންތައް ޤިޔާމަތް ދުވަހު ވިދައި ބަބުޅާނެއެވެ.  

النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ، فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ ‏"‏‏.‏ 

ނަމާދު ޞައްޙަވުން އޮތީ ވުޟޫ ފުރިހަމަގޮތުގައި ކޮށްގެންކަމަށްވާއިރު ވުޟޫކުރުމުގައި ދޭންޖެހޭ ސަމާލުކަން ދޭންޖެހޭނެއެވެ. ސުންނަތާއި ވާޖިބުތައް އެނގެން ޖެހޭނެއެވެ. އަދި ވުޟޫކުރަންވާނީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.  

އަދިވެސް ގިނަ ބައކަށް ޤަބޫލުކުރެވިފައި އޮންނަނީ ވުޟޫކުރަން ފަށަމުން ދެއަތްތިލަ ދޮވެލުމުން ފުދުނީ ކަމަށެވެ. މޫނަށްފެންލުމަށްފަހު ދެއަތަށް ފެންލާއިރު އަތްތިލަ ދޮންނަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ވުޟޫކުރަން ފަށަމުން ދެއަތްތިލަ ދޮވުމަކީ ސުންނަތެކެވެ. ވާޖބު ފެށެނީ މޫނަށް ފެންލުމާއި ހަމައިންނެވެ. ވީމާ ވުޟޫ ކުރުމަށް ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ. ދެ އަތުގެ ދެ އުޅަބޮށިކައްޓާއިއެކު ފެންލުން ފުރިހަމަވާނީ އެއިރުންނެވެ. ދެއަތުގައިލާފެން އަތްތިލައިން އޮހޮރިގެންދާންވާނެއެވެ.  

މިކަން ވަރަށް ގިނައިން ހަނދާންކޮށްދެވެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމަކަށްވާތީއެވެ. ޤަބޫލުކުރެވިފައި އޮންނަނީ ދެ އަތުގައި ފެންލާއިރު އަތްތިލައިގެ ކުޑަހުޅާއި ހަމައަށް ފެންލުމުން ފުދޭނެ ކަމަށެވެ. އަތްތިލައިގެ އިނގިލިތަކުގައި ފެން ޖައްސަން ޖެހޭނީ ވުޟޫކުރަން އަތްތިލަ ދޮވެލާއިރުގައި ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް  ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން