ދެމަފިރިން އެއދާންކުރުމަކީ ޘަވާބު ދެއްވަވާނެ ކަމެއކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީމާ ދެމަފިރިންގެ އުފަލަށް ކަމެއް ކުރީމާ ޘަވާބު ދެއްވަވާނެކަމާއިމެދު ޞަހާބީން ކަންބޮޑުވެވަޑައިގެންނެވި ވާހަކަ ކުރީ ރެއަކު ކިޔައިދިނީމެވެ. މިރޭ މިބުނަނީ އެމީހަކަށް ބޭނުންޖެހިގެން އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރީމާ ދުޢާކުރިކަމަށްޓަކައިވެސް ޘަވާބު ދެއްވަވާ ވާހަކައެވެ. ވިސްނައިފިނަމަ ޝުކުރުވެރިވުން ހިނދުކޮޅަކަށްނަމަވެސް ހުއްޓައިލެވެން އެބައޮތްހެއްޔެވެ؟
ނުޢްމާން އިބްން ބަޝީރު (رضي الله عنه) ގެ އަރިހުން އަބޫދާވޫދު ރިޔާކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ދުޢާކުރުމަކީ ވެސް އަޅުކަމެކެވެ." އެގޮތަށް ޙަދީޘްފުޅު ކުރެއްވެވުމަށްފަހު "ތިއަބައިމީހުން ދުޢާކުރާށެވެ! ތިމަން ﷲ ޢިޖާބަކުރައްވަވާހުށީމެވެ. އޮތް އާޔަތް ވިދާޅުވިއެވެ."
(އަބޫދާވޫދު: 1479)
ވިސްނައިލަންވީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދުގައެވެ. އަހުރެމެން ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރަނީ އަހުރެމެންނަށް ކަންކަމަށް ބޭނުންވެގެންނެވެ. އަހުރެމެންނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވެވުން އެދިގެންނެވެ. ދުޢާ ކުރުމުން އަހުރެމެން ކުރާ ދުޢާ ޢިޖާބަކޮށް ދެއްވަވަތެވެ. އަދި ދުޢާކުރިކަމަށްޓަކައި ޘަވާބުވެސް ދެއްވަވަތެވެ.
އަހުރެމެންނަށް ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރުމުން އެއީވެސް އަހުރެމެންނަށް ކުރެވޭ އަޅުކަމެއް ކަމުގައި ﷲ ތަޢާލާ މިވަނީ ލައްވަވައިފައެވެ. އެކަމުން އަހުރެންނަށް ވިސްނެނީ އަހުރެމެންނަށް ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ.
ދުނިޔެއަށް ނިކަން ބަލައިލަބަލާށެވެ! ކަމަކަށް އެދި މީހަކުގެ ގާތަށް ދިއަ ނަމަވެސް އެކަމެއް ފުއްދައިދެނީ ހާދަމަދު މީހެކެވެ. އަތުގައި ކިތަންމެ ބޮޑު ތަނަވަސްކަމެއް ހުރި ނަމަވެސް ގިނަ މީހުން ތިބޭނީ އެއިން ކިތަންމެ ކުޑަކުޑަ މިންވަރެއް ނަމަވެސް މީހަކަށް ދޭންޖެހިއްޖެނަމަ އެކަމަށް ނުރުހިފައެވެ. އަދި ކީއްހެއްޔެވެ؟ އެމީހެއްގެ ގާތަށް ކަމަކު އެދިގެން ދިއަކަމަށްޓަކައި އުފާކޮށް އެމީހަކަށް އިނާމުދޭ މީހަކު ދުނިޔޭގައި ހުރިކަން އަހުރެންނަށް އެނގިފައެއް ނުވެއެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަން މީސްތަކުންގެ މައްޗަށް މިހައި ބޮޑަށް އޮތްކަން އެނގޭއިރު ޝުކުރުވެރިވާށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ. ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކޮށް ފުރިހަމައަށް ކިޔަމަންތެރިވާށެވެ! އެކަމުގެ ހުރިހާ ފައިދާއެއްވެސް ކުރާނީ ހަމަ އެމީހަކަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން