ކިތަންމެ ލޯބިން ކައިވެނިކުރިޔަސް ކައިވެނިކުރަން ކުރި މަސައްކަތަށްވުރެ ބޮޑަށް ކައިވެނި ދަމަހައްޓަން މަސައްކަތް ނުކޮށް ކައިވެނި ކާމިޔާބެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކިތަންމެ ލޯބިން ކައިވެނިކުރިޔަސް ކައިވެނިކުރަން ކުރި މަސައްކަތަށްވުރެ ބޮޑަށް ކައިވެނި ދަމަހައްޓަން މަސައްކަތް ނުކޮށް ކައިވެނި ކާމިޔާބެއް ނުކުރެވޭނެ!

ތަނަވަސްކަމަށް ބޭނުންވެގެން ނުކުރާ މަސައްކަތެއް ނުއޮންނަފަދައިން އެމީހަކު އެންމެ ލޯބިވާ މީހަކާއި ކައިވެނިކުރަން ނުކުރާ މަސައްކަތެއްވެސް ނުއޮވެއެވެ. ސުވާލަކީ އެތައް ދުވަހެއްގެ ބުރަމަސައްކަތުން ކުރެވޭ ކައިވެނި ފޭލްވަނީ ކީއްވެގެން ހެއްޔެވެ؟  

މިއީ ވަރަށް ފުޅައުކޮށް ބަހުސްކުރެވޭ މައުޟޫއެކެވެ. އަހުރެން މިބަޔާންކުރަނީ އަހުރެންގެ ވިސްނުމެވެ. ބުރަ މަސައްކަތުން ކުރާ ކައިވެނި ފޭލްވަނީ ކައިވެނިކުރަން ކުރި ބުރަ މަސައްކަތް ކައިވެނިކުރެވުމުން ކައިވެނި ދަމަހައްޓަން ނުކުރެވޭތީއެވެ.  

ޙަޤީޤަތަކީ ކައިވެނިކުރުމަކީ ފަސޭހައިން ކުރެވޭ ކަމަކަށްވެފައި ބުރަވަނީ ކައިވެނި ދެމެހެއްޓުންކަމެވެ. ގިނަ ބައަކަށް ނުވިސްނެނީ އެކަމެވެ. އެކަން ނުވިސްނޭ މީހަކަށް ކައިވެނި ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.  

މިމަގުން ވިސްނާށެވެ! ކައިވެނި ތިއަކުރެވުނީ ތިބާ އެންމެ ބޭނުންވި މީހާއާއިއެވެ. އެންމެ ލޯބިވާ މީހާ އާއިއެވެ! ކައިވެނިކުރެވުމުން އޭނާއާއިމެދު ފަރުވާކުޑަކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކުރަންޖެހޭނެ ކަމަކީ އެލޯބި އިތުރުކުރަން ކުރަންޖެހޭ މަސައްކަތް ނޫން ހެއްޔެވެ؟  

އިތުރު މިޘާލެއް ދައްކާނަމެވެ. ފައިސާ ހޯދެނީ ވަރަށް ބުރަކޮށް މަސައްކަތްކޮސްގެންނެވެ. ފައިށާ އަތަށް ލިބުނީމާ ނުވަތަ އެކައުންޓަށް ޖަމާވީމާ އެފައިސާއަށް ދޭންޖެހޭ ސަމާލުކަން ނުދީފިނަމަ ދެންވާނީ ކިހިނެއްހެއްޔެވެ؟ ޚަރަދުކުރެވި ހުސްވާނީ ނޫންހެއްޔެވެ؟  

ކައިވެންޏަށްފަހުވެސް މިޖެހެނީ ހަމަ އެމައްސަލައެވެ. ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދެވެނީއެވެ. އިހްމާލްވެވެނީއެވެ. ނަތީޖާއަކަށްވަނީ އަނެކާގެ ހިތުގައި ތިމާއަށް އޮތް ލޯބި ހުލިވެ ހުސްވަމުންގޮސް ނެތިގެންދަނީއެވެ. އެހިސާބުން މައްސަލަތައްޖެހި ކައިވެނި ރޫޅެނީއެވެ.  

މިމައްސަލައަށް އޮތީ ހަމަ އެންމެ ޙައްލެކެވެ. އެއީ ކުރިންވެސް ބުނިފަދައިން ކައިވެނިކުރަން ކުރި މަސައްކަތަށްވުރެ ބޮޑަށް ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމެވެ. ކައިވެނިކުރުމުގެ ކުރިން ލޯބިވިވަރަށްވުރެ ބޮޑަށް ކައިވެންޏަށްފަހު ލޯބިވުމެވެ. އެކަން ކުރެވިއްޖެނަމަ ދެމަފިރިންގެ ދިރިއުޅުން ދުވަހުން ދުވަހަށްވެސް ދާނީ އުފާވެރިވަމުންނެވެ. އިން ޝާ ﷲ

މިއަދު އޮންލައިން