ބައެއް މީހުންނަށް އެމީހުންގެ ކިބައިގައި އުނިސިފަތައް ހުންނަކަން ޤަބޫލުކުރެވި އިސްލާޙްކުރަން މަސައްކަތްފަށައެވެ. ނަމަވެސް ކާމިޔާބުކުރުން އޮންނަނީ އުނދަގޫ ކަމަކަށްވެފައެވެ. އެހެންވެ މިގެނެސްދެނީ ކާމިޔާބުކުރެވޭކަން ޔަޤީން ގޮތެވެ. އިން ޝާ ﷲ
ތިމާގެ ކިބައިގައި ހުރި އުނިސިފައެއް ބަދަލުކޮށް އިޞްލާޙްވާން ބޭނުންނަމަ ކުރަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. މިކަންކަން ކުރެވިގެން ނޫނީ އިޞްލާޙްވެވުން ވާނީ ވަރަށް ދުރުގައި އޮންނަ ކަމަކަށެވެ.
ފުރަތަމަ ކަމަކަށް ތިމާއަށް މިކުރެވޭ ކަމަކީ ރަނގަޅު ކަމެއް ނޫންކަން އަމިއްލައަށް ޤަބޫލުކުރެވެންވާނެއެވެ. އެކަމުން ތިމާއަށް ލިބޭނެ ޙަޤީޤީ ފައިދާއެއް ނެތްކަމާއި ލިބޭނީ ގެއްލުންކަން ވަރަށް ބޮޑަށް ޔަޤީންކުރެވެންވާނެއެވެ.
ހަމައެއާއިއެކު އެނުބައި ޢަމަލުކުރުވާ، ނުވަތަ ކުރަން ހިތްވަރުދީ ވާގިވެރިވާ ބައަކު ތިބިނަމަ އެމީހުންނަށްވުރެ ހުޝިޔާރުވެ އެމީހުންގެ މައްޗަށް ކުރިހޯދަންޖެހޭނެއެވެ. އެކަންކުރުމުގެ ޤާބިލުކަން ތިބާގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. އެކަން ނުކުރެވޭނެނަމަ އެބައަކާއި ގުޅުން ކަނޑައިލަން ޖެހޭނެއެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ ބައަކާއި އެއްވެސް ވަރަކަށް ގުޅުން ނުބޭއްވުމެވެ.
ދެން ބުނެލަން ބޭނުމީ ތިބާގެ ކިބައިގައި ހުރި ކަމެއް އިޞްލާޙްކުރަން ބޭނުންވެ އެކަމަށް މަސައްކަތްކުރަން ފެށުމަށްފަހު އެއްވެސް ވަރަކަށް ފަސްޖެހިގެން ނުވާނެއެވެ. ތަންތަންކޮޅުން، ދިގު މުއްދަތަކަށް ބަހާލައިގެން އިޞްލާޙްކުރަން ކުރާ މަސައްކަތް ގިނަފަހަރު އޮންނާނީ ފޭލްވެފައެވެ. ވީމާ އިސްލާޙްކުރަން ޢަޒުމް ކަނޑަޅާ ހިސާބުން ދާންވާނީ ފަސްނުޖެހި ކުރިއަށެވެ.
މިކަންކަމުގައި ސާބިތުވެވިއްޖެނަމަ އިޞްލާޙް ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އިން ޝާ ﷲ.
- އަލަފް / މިއަދުނޫހަށް