އެއްދުވަހަކު ލަފާ ހޯދަން އައި އަންހެނަކު ބުނީ އޭނާގެ ކައިވެންޏަށް 5 އަހަރު ކަމަށާއި 5 އަހަރުވީއިރު އެއިގެ 4 އަހަރު ފިރިމީހާ ޚިޔާނާތްތެރިވެފައިވާކަން ޘާބިތުވެއްޖެ ކަމަށެވެ. ބޭނުންވަނީ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް އޮޅުން ފިލުވަން ކަމަށެވެ.
އަހުރެން އޭނާއަށް ދިން ޖަވާބު ބުނެލާނަމެވެ. އެއީ މިފަދަ ަމއްސަލަތައް ކުރިމަތިވާ އެންމެންނަށްވެސް ފައިދާއަކަށެވެ.
އަހުރެން ބުނީމެވެ! ފުރަތަމަ ކަމަކީ 4 އަހަރުވަންދެން ގުޅުން ހިންގީ އެކަކާއިއެކުގައިކަމަށްވާނަމަ އެދެމީހުންގެ މެދުގައި އޮންނާނީ ވަރަށް ވަރުގަދަ ލޯތްބެއް އުފެދިފައެވެ. އެލޯބި ކަނޑުވައިލުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ދެން އޭނާ ގުޅުން ހިންގީ އެތައް ބައަކާއިއެކުގައި ކަމަށްވާނަމަ އޭނާއަކީ އެއްވެސް ހަރުދަނާކަމެއް ނެތް މީހެކެވެ. އިޞްލާޙްވުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.
ދެން އޮތީ އޭނާ އެކަންކަން ހުއްޓާލައި އިޞްލާޙްވާނެ ކަމަށް ބުނާނަމަ ދެވަނަ ފުރުޞަތު ދިނުމެވެ. އެކަމަށް ގޮތް ނިންމުމަކީ އަމިއްލަ ކަމެކެވެ. އެކަމަކު ދެވަނަ ފުރުޞަތު ވާންޖެހޭނީ ދެވޭ އެއް ފުރުޞަތަށެވެ. 3 ވަނަފަހަރަށް 2 ވަނަ ފުރުޞަތެއް ދެވިގެން ނުވާނެއެވެ. ދީފިނަމަ 100 ފުރުޞަތު ދިނަސް އެކަމެއް ނުނިމޭނެއެވެ. ޖެހޭނީ އަބަދުވެސް ފުރުޞަތު ދީދީހުންނާށެވެ!
މިފަދަ ގޮތްގޮތަށް ކަންކަން ކުރަނީ ހަމައެކަނި ފިރިންނެއް ނޫނެވެ. އަނބިންވެސް ކުރެއެވެ. ފިރިމީހާ ކުރިޔަސް އަދި އަނބިމީހާ ކުރިޔަސް މިފަދަ ކަމެއް ކޮށްފިނަމަ ޢަމަލުކުރަން އޮތީ ހަމަ މިގޮތެވެ.
އަހުރެން އަބަދުވެސް ބުރަވަނީ މިހައި ބޮޑަށް ޚިޔާނާތްތެރިވެއްޖެނަމަ އެމީހަކާއިއެކު އިތުރަށް އުޅެން މަސައްކަތްނުކޮށް ވަކިވުމަށެވެ. ސަބަބަކީ މިފަދަ ކޭސްތަކުގައި 2 ވަނަ ފުރުޞަތު ދިނަސް ނުކުންނަ ނަތީޖާއެއް ނުފެންނާތީއެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން