އިން ޝާ ﷲ ތިބާ ތަޤްވާވެރިކަންމަތީގަ ހުރިނަމަ ރަޙްމަތް ތިބާގެ ގާތަށް ފޮނުއްވަވައި ދެއްވަވާނެކަމާ ހޯދަން އުޅޭކަށްވެސް ނުޖެހޭނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
އިން ޝާ ﷲ ތިބާ ތަޤްވާވެރިކަންމަތީގަ ހުރިނަމަ ރަޙްމަތް ތިބާގެ ގާތަށް ފޮނުއްވަވައި ދެއްވަވާނެކަމާ ހޯދަން އުޅޭކަށްވެސް ނުޖެހޭނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ-!

ތަގްވާވެރިވާށެވެ ބުނެވިއްޖެނަމަ ގިނަ ބައަކު ހީކުރަނީ އެއީ ހަމައެކަނި ސުވަރުގެ ލިބިގަންނަން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޙަޤީޤަތަކީ އެއީ ސުވަރުގެ ލިބުމުގެ އިތުރުން ދުނިޔޭގައިވެސް އުފަލުގައި ހުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ކަމެވެ. 

މިރޭގެ ދަރުސް ފަށަމުން މިކިޔައިދެނީ ވަރަށް ކުރީ ޒަމާނުގައި ހިނގައިދިއަ ކަމެއްގެ ވާހަކައެކެވެ. 

ފަށަމުން ބުނެލާނަމެވެ! ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބައެއް ކަންކަން ކުރީގެ ޒަމާނަތްކުގައި ހިނގާފައިވާ ގޮތަށް މިޒަމާނުގައި ނުހިނގާނެ ކަމަށެވެ. އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ބޭނުންވަނީ ތަޤްވާވެރިކަމެވެ. ﷲ ތަޢާލާއަށް އިތުބާރު ކުރުމެވެ. އެކަންކަން ފުރިހަމަކުރެވިއްޖެނަމަ ހުރިހާ ޒަމާންތަކެއްގައިވެސް ކަންކަން ހިނގަމުންދާނީ ހަމަ އެއްގޮތަކަށެވެ. އިން ޝާ ﷲ   

މީހަކު ޙައްޖަށްދާން ބޭނުންވެގެން އަނބިދަރީންގެ ގާތުގައި ބުންޏެވެ. "ގޭގައި ކާބޯތަކެތި ނެތްކަންވެސް އެނގެއެވެ. އެހެންނަމަވެސް އަހަރެން މިއަހަރު ޙައްޖަށްދާން ބޭނުމެވެ." 

ޖަވާބުގައި އަނބިމީހާ ބުނީ ދަތިކަން ބޮޑުކަމުން މިއަހަރު ނުގޮސް މަޑުކޮށްލުމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ވަރަށް ތަޤްވާވެރި ދަރިއަކު ބުނީ ބައްޕަ ޙައްޖަށްދާށެވެ. ﷲ ތަޢާލާ އަހަރެމެންނަށް ކޮންމެވެސް މަގެއް ދައްކަވާނެކަމަށެވެ." 

އޭނާ ޙައްޖަށް ދިއައީއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެއިން ކާބޯތަކެތި އެކުގައި ހުސްވުމުން އެންމެން އެކުއްޖާ ކުށްވެރިކުރަން ފެށިއެވެ. އެކުއްޖާ ގޮސްވަނީ ކޮޓަރިއަށެވެ. ވަދެ ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރަން އިންދައި މީހަކު އައިސް ގޭގެ ދޮރުގައި ދޮރުގައި ޓަކިޖެހުމުން ގޮސް ދޮރު ހުޅުވިއިރު ހުރީ ރަސްގެފާނުގެ ހަށިފާރަވެރިއެކެވެ. މަގުން ވަޑައިގަންނަވަނިކޮށް ރަސްގެފާނަށް ފެންފޮދަކަށް ބޭނުންވެގެން އައިހެވެ. 

އެ ކުއްޖާ ތަށި ދޮވެލާފައި ފެންތަށްޓެއް އަޅައިދިނެވެ. އެފެންފޮދުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވިއެވެ. އެހެންކަމުން އެފެންފޮދު ރަސްގެފާނަށް ވަރަށް މީރުވުމުން ކޮންގެއަކުން ގެނައި ފެނެއްތޯ ސުވާލުކުރުމުން ގޭގެ ވާހަކަ ދެންނެވިއެވެ. އަދި ސަހަރަކީ ކުޑަ ސަހަރެއްކަމުން އެންމެން އެކަކު އަނެކަކަށް ދަންނާތީ ގޭގެ ވެރިޔާވީ ޙައްޖަށް ގޮސްކަމުގައި ދެންނެވިއެވެ. 

އެއަޑު އައްސަވާފައި "އެހެންވީއިރު ޢާއިލާއަށް އެހީތެރިވުމަކީ އަހަރެމެންގެ ކަމެއް" ކަމަށް ވިދާޅުވެވަޑައިގެން ފައިސާ ކީސާއެއް ގޭތެރެއަށް އެއްލެވިއެވެ. އަދި އަރިއަހުގައި ތިބި މީހުންނަސްވެސް އެޢާއިލާއަށް އެހީވާން ވިދާޅުވުމުން އެމީހެއްގެ އަތުގައި ހުރި ވަރަކުން ފައިސާ ހަދިޔާކުރިއެވެ. 

ރަސްގެފާނު ވަޑައިގަތުމުން އެކުއްޖާ ރޯން ފެށިއެވެ. "އެއްވެސް ފަދައެއް ނެތި ތިއްބައި އެހައި ގިނަ ފައިސާ ލިބުމުން ރޮނީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ބުންޏެވެ. "ޔަޤީންކަން ލިބިގެން މިދިއައީ ތައުބާވުން ގިނަކޮށް ތަޤްވާވެރިކަން އިތުރުކުރާ މީހާގެ ޙާޖަތްތައް ހީވެސް ނުކުރެވޭހައި ގޮތަކުން ފުއްދަވައި ދެއްވަވާނެކަމަށް އޮތް ވަޙީ ބަސްފުޅުގެ ތެދުކަމެވެ." 

މީސްތަކުންނޭވެ! ދުނިޔޭގެ ގިނަ ބައަކު އަބަދުވެސް ދިރިއުޅެމުން އަންނަނީ ވަރަށް ދަތިޙާލުގައެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން އެ ޙާލަތު މިއަދު މިވަނީ އެތައް ގުނައަށް ބޮޑުވެފައެވެ. ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ މީހުން މިވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. 

މިހާލަތުގައި ކޮންމެ މީހަކުވެސް އިތުބާރުކުރަންވީ ﷲ ތަޢާލާގެ ވަހީބަސްފުޅަށެވެ. ތަޤްވާވެރިކަން އިތުރުކޮށް އަދި ތައުބާވުން ގިނަކުރުމުން ކޮންމެ މުޞީބާތަކުންވެސް ސަލާމަތްކުރައްވަވައި ދެއްވަވާނެ ކަމަށް އޮތް ޙަދީޘް ބަސްފުޅަށެވެ. ހީވެސް ނުުރެވޭހައި މަގުން ރިޒްޤް ތަނަވަސްކުރައްވަވައި ދެއްވަވާނެ ކަމަށް އޮތް ވަޙީ ބަސްފުޅަށެވެ.

 

- ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން